ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލޭންޑުގެ ތަޖުރިބާކާރުން މާދަމާ ރާއްޖެ އަންނަނީ

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނާ ގުޅުމަށް ފިންލޭންޑްގެ ތަޖުރިބާކާރުންގެ ޓީމެއް މާދަމާ ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 14 ވަނަ ދުވަހު ޑައިވިންއަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ރާއްޖެ އަންނަނީ ފިންލޭންޑަށް ނިސްބަތްވާ "ބޭން" ކިޔާ ކުންފުންޏެއްގެ ތިން މެންބަރުންގެ ޓީމެއް ކަމަށެވެ. މިއީ އިޓަލީ ސަރުކާރުގެ އެހީތެރިކަމާއެކު، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި އެމެރިކާގެ މަޝްވަރާގެ މަތިން މިފަދަ ނުރައްކާތެރި ޑީޕް ކޭވް ޑައިވްތަކަށް ހާއްސަ ތަޖުރިބާކާރުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ބައެކެވެ.
އެމްއެންޑީއެފުން "ހައި ރިސްކު" އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކޮށްފައިވާ މި މަސައްކަތުގައި މިއަދުވެސް އަށް ޑައިވަރަކު ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް، އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މިވަގުތު އޮޕަރޭޝަން ވަނީ މެދުކަނޑާލައިފައެވެ.
މުންދު ވިދާޅުވި ގޮތުގައި، ބޭރުގެ ތަޖުރިބާކާރުން މާދަމާ ހެނދުނު ރާއްޖެ އައުމުން ކޯސްޓްގާޑުގެ ޑައިވަރުންނާ ގުޅިގެން އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގެ މަގުޗާޓެއް ކަނޑައަޅާނެއެވެ. "މިވަގުތަށް ދިމާވި ހާދިސާއާ ގުޅިގެން، އިތުރު ރިސްކެއް އޮތް ކަމަކަށް ވުމާއެކު އޮޕަރޭޝަން ސަސްޕެންޑް ކުރީ. މާދަމާ އެ މީހުން އައީމަ ކުރިއަށްދާނެ މަގެއް ކަނޑައަޅާނެ،" މުންދު ވިދާޅުވިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ކޭވްގެ ތެރެއިން ފެނުނު މީހާއަކީ އެ ގްރޫޕާ އެކު އައި ޑައިވިން އިންސްޓްރަކްޓަރެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އެމީހުން ފޭބި ކޭވްއަކީ ގާތްގަނޑަކަށް 200 ފޫޓު ދިގު ކޭވްއެކެވެ. މި އޮޕަރޭޝަން އަލުން ފެށުމަށް ހަމަޖެހިފައިވަނީ ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ ލަފަޔާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ