އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ބައިވެރިވި ސިފައިން ފެނުން މައްޗަށް އެރި އިރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ މިއަދުގެ އޮޕަރޭޝަނުގައި އަށް ޑައިވަރުން ބައިވެރިވި ކަމަށާއި އެ މީހުންނާ އެކު މަހުދީ ފެނުން މައްޗަށް ނާރާ ކަމަށެވެ.
"މިއަދު ފީނަން ފޭބި އަށް ޑައިވަރުން. އެ މީހުން މައްޗަށް އެރި ފަހުން އެނގުނީ މަހުދީ މައްޗަށް ނާރާކަން،" މުންދު ވިދާޅުވި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެ އެވެ.
އެއާއެކު މަހުދީ ހޯދަން ޑައިވަރުން ވަގުތުން އެނބުރި ދިޔަ އިރު މަހުދީ އޮތީ ހޭނެތިފައި ކަމަށް މުންދު ވިދާޅުވި އެވެ. މަހުދީ ސަލާމަތް ކުރަން ދެ ވަނަ ފަރަށް ޑައިވް ކުރީ އެ ވަގުތު މައްޗަށް އެރި ޑައިވަރުން ކަމެއް ސާފެއް ނޫނެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އުމުރުން 44 އަހަރުގެ މަހުދީ ނިޔާވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އަދަދަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ދެ އަނބިންނާއި ދެ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ޖަނާޒާ އޮންނާނީ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ 10:00 ގައި އިސްލާމީ މަރުކަޒުގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން މަރުވީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ހޮހޮޅައެއްގަ އެވެ. ނަމަވެސް ދިވެހި ކޯސްޓްގާޑު ޑައިވަރުން ތަމްރީންވެފައި ތިބެނީ 50 މީޓަރާ ހަމައަށް ޑައިވް ކުރުމަށެވެ.
ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައިގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ބާކީ ހަތަރު މީހުންގެ ހަށިގަނޑު ވަނީ ހޮހޮޅަ ތެރޭގައި ކަމަށް ބެލެވެ އެވެ.
ޑައިވް ކުރުމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ހޮހޮޅައިގެ އެންޓްރެންސް ނުވަތަ ވަންނަ ދޮރު ހުންނަނީ 55 މީޓަރާއި 60 މީޓަރާ ދެމެދުގެ ހިސާބެއްގަ އެވެ.
މަހުދީ ނިޔާވި އިރު، މިފަދަ ނުރައްކާތެރި އޮޕަރޭޝަނަކަށް ބޭނުންވާ ސާމާނު ނެތުމުން ސިފައިން މަސައްކަތް ކުރަމުން ދަނީ ވަރަށް ބޮޑު "ރިސްކަކާ އެކު" ކަމަށް ސިފައިންގެ އިސްވެރިއަކު ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވި އެވެ.
މަހުދީ ނެތްކަން އެނގުނީ އެހެން ޑައިވަރުން ފެނުން މައްޗަށް އެރި ފަހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ