ސެންޓާ އެންޓަޕްރައިސަސްގެ 32 މިލިއަން ރުފިޔާ ހިފަހައްޓަން ހައިކޯޓުގެ އަމުރެއް

ދައުލަތުން، ސެންޓާ އެންޓަޕްރައިސަސްއަށް ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ ސިވިލް ކޯޓުގައި ހިފަހައްޓާފައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ. މިއީ، މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ އެދުމަށް، ސެންޓާ އެންޓަޕްރައިސަސްއިން ފޯރުކޮށްދިން ކަޅުހަންތަކަކާ ގުޅޭ މައްސަލައެކެވެ. އެ ކަޅުހަންތަކާ ގުޅިގެން، ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގައި، އެ ފައިސާ ދޫކުރަން ސިވިލް ކޯޓުން އޮތީ މިދިޔަ އަހަރުގެ ތެރޭގައި ހުކުމްކޮށްފައެވެ. އެކަމަކު، އެ ފައިސާ ދޫނުކޮށް ދައުލަތުން މައްސަލަ ހައިކޯޓަށް ހުށަހެޅީއެވެ. ހައިކޯޓުން މި މައްސަލައިގައި މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ، އެ ފައިސާ ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށެވެ. މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި އޮތީ ޚިޔާލު ތަފާތުވެފައެވެ. މައްސަލަ ބަލާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނު އަމުރުގައި، ފައިސާ ސިވިލް ކޯޓުގައި ހިފަހައްޓަން އަމުރުކޮށްފައިވާއިރު، އަނެއް ފަނޑިޔާރުގެ ރައުޔަކީ ދައުލަތުން އެދުނު ގޮތަށް، އެ ފައިސާއާ ގުޅޭ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމެވެ. އެއީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްގެ ރައުޔެވެ. ސިވިލް ކޯޓުގައި ފައިސާ ބަހައްޓަން އަމުރު ނެރުނީ، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އަދި ފާތިމަތު ފަރުހީޒާއެވެ. ތިރީސް ދެ މިލިއަން ރުފިޔާގެ މައްސަލައިގައި ހައިކޯޓުގެ އަމުރެއް މިއަދު ނެރުނު އިރު، ހެލްތު މިނިސްޓްރީއަށް މެޑިކަލް އިކުއިޕްމެންޓާއި ކޮންޒިއުމަބަލްސް ސަޕްލައިކުރިކަން ސާބިތުކޮށް އެއަށްވާ ފައިސާ ހޯދުމަށް ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅި ކަމަށް ބެލެވޭ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މީގެ ކުރިންވަނީ ޕޮލިހަށް ހުށަހަޅާފައެވެ. އެއީ، ހެލްތު މިނިސްޓްރީ އަށް 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު، މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ސަޕްލައިކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނާ 79 މިލިޔަން ރުފިޔާ ހޯދަން އެ ކުންފުނިން 2022 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ