ރާއްޖޭގެ ފުރަތަމަ ޕެޑަލް މުބާރާތުގެ ޗެމްޕިއަންކަން ވެލާ ސްޓްރައިކާސްއަށް
ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަ ރިސޯޓް ޕެޑެލް ޓެނިސް މުބާރާތް ކަމަށްވާ "އިންޓަ ރިސޯޓް އެންޑް ޕާޓްނާސް މޯލްޑިވްސް ޕެޑަލް އޯޕަން 2026" ގެ އެއްވަނަ ވެލާ ސްޓްރައިކާސް ހޯދައިފިއެވެ. ޕެއާއެއްގެ ގޮތުގައި ކޮންމެ ޓީމަކުންވެސް ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެލާ ސްޓްރައިކާސް ޓީމުގައި ހިމެނުނު ދެ ކުޅުންތެރިންނަކީ މުޙައްމަދު ޝަރުޚީލް އަދި ޙުސައިން ސާމިލްގެ ޕެއާ އެވެ. ޖޫން 18 އިން 20 އަށް ސައި ލެގޫން މޯލްޑިވްސްގައި ކުރިއަށްދިޔަ މި މުބާރާތުގެ ދެވަނަ ހޯދާފައިވަނީ ހައިޑްއަވޭގެ ދޭޝަން އަދި އިމަނުއެލް އެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައިވަނީ ޓީމު އާރްއާރް ކޯޓް ކިންގްސްގެ ގާއިދު ގާސިމް އަދި އާދަމް އަބޫބަކުރުގެ ޕެއާއެވެ. ރާއްޖޭގެ ފުރަތަމަ ޕެޑަލް މުބާރާތުގައި ވާދަކުރި ބައެއް ކުޅުންތެރިން--- މޯލްޑިވްސް ޕެޑަލް އެސޯސިއޭޝަން (އެމްޕީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތަކީ ރާއްޖޭގައި ޕެޑެލް ޓެނިސް ކުރިއެރުވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ކުޅިވަރުގެ އެހީގައި ވަރުގަދަކުރުމަށް ބޭއްވުނު މުހިންމު މުބާރާތެއްގެ ގޮތުގައި އެސޯސިއޭޝަނުން ސިފަކުރެއެވެ. މުބާރާތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕެޑެލް އެސޯސިއޭޝަނުގެ ރައީސް ޙުސައިން އިޙްވާން ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގައި މި ކުޅިވަރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ ހޮސްޕިޓާލިޓީ ދާއިރާގެ ބޭފުޅުން ގުޅުން ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް، ގްރޫޕް ސްޓޭޖާއި ނޮކްއައުޓް އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު 6 ރިސޯޓް ބްރޭންޑަކުން ވާދަކުރިއެވެ. މުބާރާތުގެ މެޗުތައް ކުޅުނު ސާއީ ލެގޫންގެ ޕެޑަލް ކޯޓު-- އޭގެތެރޭގައި ހިމެނެނީ ސައި ލެގޫން މޯލްޑިވްސް، ކްރޮސްރޯޑްސް މޯލްޑިވްސް، ވަން އެންޑް އޮންލީ ރީތިރަށް، ވެލާ ޕްރައިވެޓް އައިލެންޑް، ރޮބިންސަން ނޫނު އަދި ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ. މުބާރާތުގެ ގްރޫޕް އޭގައި ހިމެނުނީ ހައިޑްއަވޭ ޓީމު، ވެލާ އިންފިނިޓީ، ވެލާ ސްޓްރައިކާސް އަދި ރޮބިންސަން ނޫނު އެވެ. އަދި ގްރޫޕް ބީގައި ވާދަކުރީ ސައި ސްޓާޓްސް، ސައި ސުވިންގް، ކިންގްސް، އާރްއާރް ކޯޓް ކިންގްސް އަދި އާރްއާރްސީ ޗެލެންޖާސް އެވެ. މުބާރާތުގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ކުޅިވަރު ވުޒާރާ މޯލްޑިވްސް ޕެޑަލް އެސޯސިއޭޝަނުގެ އުންމީދަކީ މި ކުޅިވަރު ރާއްޖޭގެ ރަށްރަށަށް ފުޅާވެގެންދިއުމެވެ. އަދި އާންމުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް މި ކުޅިވަރު ވެގެންދިއުމާއި ކުޅިވަރު ކުޅޭނެ ފެސިލިޓީ މާލޭ އޭރިއާއާއި ރަށްރަށުގައި ގާއިމުވެގެންދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ