ވޯލްޑް ކަޕުގައި ލަނޑު ޖެހުމުގެ ރެކޯޑް މެސީ މުގުރާލައިފި
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ފިފާ މެންސް ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ދުނިޔޭގެ ރެކޯޑް މުގުރާލައި، ފުޓްބޯޅައިގެ ރަސްގެފާނުގެ މަގާމު އަނެއްކާވެސް ކަށަވަރުކޮށްފި އެވެ.މިރޭގެ މެޗުގައި އާޖެންޓީނާއިން ޖެހި ފުރަތަމަ ގޯލު 38 ވަނަ މިނިޓުގައި ޖަހައިދިނީ މެސީ އެވެ. މެސީ ވަނީ މި ގޯލާ އެކު މި އަހަރުގެ މުބާރާތުގައި ހަތަރު ގޯލު ޖެހުމުގެ އިތުރުން، 17 ގޯލާ އެކު ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފަ އެވެ. މެސީ މި އަދަދަށް ގޯލު ޖަހާފައި މި ވަނީ 28 މެޗު ކުޅެގެންނެވެ.މި ރެކޯޑް ކުރިން އޮތީ 24 މެޗުން 16 ލަނޑު ޖަހާފައިވާ ޖަރުމަންގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސޭ އަތުގަ އެވެ. މި އަހަރުގެ މުބާރާތް ފެށުމުގެ ކުރިން އުމުރުން 38 އަހަރުގެ މެސީ އަށް ޖެހިފައި ވަނީ 13 ލަނޑެވެ. ނަމަވެސް ފުރަތަމަ މެޗުގައި އަލްޖީރިއާއާ ދެކޮޅަށް، އޭނާ ވޯލްޑް ކަޕްގައި ކާމިޔާބު ކުރި ފުރަތަމަ ހެޓްރިކާ އެކު ވަނީ ކްލޯސޭގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ.އާޖެންޓީނާގެ ފަހު ލަނޑު މެސީ ޖެހީ، މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓުގަ އެވެ. މިއީ މެސީ ފީފާ ވޯލްޑް ކަޕްގައި ކާމިޔާބު ކުރި 18 ވަނަ ގޯލެވެ.މި އަހަރުގެ މުބާރާތުގައި އާޖެންޓީނާ މިހާތަނަށް ޖެހި ފަސް ގޯލު ވެސް ޖަހައިދީފައި ވަނީ މެސީ އެވެ. އާޖެންޓީނާގެ ފުރަތަމަ މެޗުގައި މެސީ ހެދި ހެޓްރިކާ އެކު މިވަގުތު މި މުބާރާތުގެ ރަން ބޫޓާ އެންމެ ކައިރީގައި ފަސް ލަނޑު ހަމަކޮށްގެން ހުރީ ވެސް އޭނާ އެވެ. މި ނަތީޖާއާއެކު އާޖެންޓީނާއަށް ވަނީ ހަ ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. އޮސްޓްރިއާއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގައި ދެން ހިމެނޭ އަލްޖީރިއާ އަދި ޖޯޑަނަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އަލްޖީރިއާ އާއި ޖޯޑަން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ