ވޯލްޑްކަޕް ވޯލްޑްކަޕް މޫސުމާ ގުޅިގެން ފްރާންސާއި އިރާގު މެޗު މެދުކެނޑުމަކަށް

އެމެރިކާގެ ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ފްރާންސާއި އިރާގު ބައްދަލުކުރާ ފީފާ ވޯލްޑް ކަޕްގެ ”ގްރޫޕް އައި“ މެޗު މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލަން ޖެހިއްޖެއެވެ.
މިރޭގެ މެޗު ކުރިއަށްދަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ދަނޑުގެ ގޭޓްތައް ހުޅުވުން ލަސްކޮށް، ސަޕޯޓަރުންގެ ރައްކާތެރިކަމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. މިއީ މޫސުމާ ގުޅިގެން މި ވޯލްޑް ކަޕްގެ މެޗެއް މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ފުރަތަމަ ހާފަށްފަހު މެޗު މެދުކަނޑާލި އިރު، 1-0 ގެ ނަތީޖާއަކުން ފްރާންސް އޮތީ ކުރީގައެވެ. ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ ވަނީ ފްރާންސްގެ ފުރަތަމަ މެޗުގައި ސެނެގާލް ކޮޅަށް ވެސް ދެ ގޯލު ޖަހައިފައެވެ.
ފިލަޑެލްފިއާ ސަރަހައްދަށް ކުރިމަތިވި ބޯ ވާރެއާއި ގުގުރުމާއެކު ވަނީ ނުރައްކާ ކުރިމަތިވެފައެވެ. ވޯލްޑް ކަޕްގެ ރައްކާތެރިކަމުގެ ޕްރޮޓޮކޯލްތައް ބުނާގޮތުން، ދަނޑުގެ އަށް މޭލު (13 ކިލޯމީޓަރު) ކައިރިއަށް ވިދުވަރެއް ޖަހައިފިނަމަ، ވަގުތުން މެޗު މެދުކަނޑާލައި، ކުޅުންތެރިންނާއި ސަޕޯޓަރުން ރައްކާތެރި ހިޔާވަހިކަމަކަށް ބަދަލުވާން ޖެހެއެވެ. މިފަދަ ހާލަތެއްގައި ކުޅުން އަލުން ފެށޭނީ ވިދުވަރު ޖެހުން ހުއްޓޭތާ 30 މިނެޓު ފާއިތުވުމުންނެވެ.
ދަނޑުގައި ތިބި ސަޕޯޓަރުންނަށް ފީފާ އިން ވަނީ ދަނޑުގެ ސަރަހައްދުން ދުރަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަނޑު ކައިރީގައި ތިބި މީހުން ރައްކާތެރި ތަންތަނަށް ވަނުމަށް އަންގާފައިވެއެވެ.
މި މެޗަކީ ފްރާންސާއި އިރާގަށްވެސް ވަރަށް މުހިންމު މެޗަކަށްވާ އިރު، މޫސުމީ ހުރަސްތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށާއި ތާވަލަށް އަސަރުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ