ގަތަރުގެ އެންމެ ބޮޑު ގޭސް ޕްލާންޓުގައި ބާރުގަދަ ގޮވުމެއް: 13 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

ގަތަރުގެ އެންމެ ބޮޑު ގޭސް ފެސިލިޓީގައި ހިނގި ބާރުގަދަ ގޮވުމެއްގައި 13 މީހުން މަރުވެ، 66 މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.
ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، ރަސް ލައްފާން އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެ ގައުމުގެ މައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ޕްލާންޓުގައި މި "ޓެކްނިކަލް އެކްސިޑެންޓް" ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. 
ގަތަރުގެ އެނާޖީ މިނިސްޓަރު ސާދު ޝެރީދާ އަލް ކާބީ ވިދާޅުވީ، މި ހާދިސާގެ ސަބަބުން އެ ގައުމުން ބޭރުކުރާ ގޭހުގެ އެކްސްޕޯޓަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ. އަދި މިއީ ހަމަލާއެއް ނުވަތަ ގަސްދުގައި ދީފައިވާ ގެއްލުމެއް ނޫން ކަމަށާއި، މިއީ ހިނގި އެކްސިޑެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސް ލައްފާން ބަނދަރަކީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓް ފެސިލިޓީ އެވެ. މި އަހަރުގެ ކުރީކޮޅު އީރާނުން ދިން ހަމަލާތަކެއް މި ސަރަހައްދަށް އަމާޒުވި އެވެ.
އާދީއްތަ ދުވަހު ހިނގި މި ގޮވުމުގެ ލޮޅުން ގަތަރުގެ ވެރިރަށް ދޯހާއާ ހަމައަށް އިހުސާސް ކުރެވުނު އިރު، ގޭސް ޕްލާންޓާ 70 ކިލޯމީޓަރު ދުރުގައި ދިރިއުޅޭ މީހުންގެ ގޭގޭގެ ކުޑަދޮރުތަކަށް ވެސް އޭގެ އަސަރުކޮށް، އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
ޝެރީދާ އަލް ކާބީ އިތުރަށް ވިދާޅުވީ، ބަރްޒާން ލޯކަލް ގޭސް ސަޕްލައި ފެސިލިޓީގައި މި ގޮވުން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެ ފެސިލިޓީގެ މަސައްކަތްތައް އަލުން ފެށޭނެ ދުވަހެއް ބުނަން ދަތި ކަމަށް އެނާޖީ މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މިހާރު ތަހުގީގެއް ފަށާފައިވާއިރު، މި ގޮވުމުގައި މަރުވި އެންމެންނަކީ އިންޑިއާ އާއި ޕާކިސްތާނަށް ނިސްބަތްވާ މީހުންކަން މިނިސްޓަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ދޯހާގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ގަތަރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ