މެދުއިރުމަތީގައި ހަނގުރާމަ ފެށުމާ ގުޅިގެން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހަތިޔާރު ހޯދުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ދިފާއީ އުފެއްދުން ކަމަށްވާ "ބްރަމޯސް" ސުޕަސޯނިކް ކްރޫޒް މިސައިލް އެ ގައުމަށް ވިއްކުމަށް އިންޑިއާ ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މީގެ ކުރިން މީޑިއާއަށް ހާމަވެފައި ނުވާ މި މަޝްވަރާތަކުގެ ތެރޭގައި، އިންޑިއާގެ ވައިގެ ދިފާއީ ނިޒާމެއް ކަމަށްވާ "އާކާޝްތީރު" ވިއްކުމާ ގުޅޭ ގޮތުން ވެސް ވާހަކަދެކެވެމުންދާ ކަމަށް މިކަމުގެ މައުލޫމާތު ސީދާ އެނގޭ ދެ މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު އެނގޭ ތިންވަނަ މަސްދަރަކުން ބުނި ގޮތުގައި، ބްރަމޯސް އާއި އާކާޝްތީރު ހިމެނޭހެން އިންޑިއާގެ ގިނަ ހަތިޔާރުތަކަކަށް ޔޫއޭއީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އިންޑިއާ އާއި ޔޫއޭއީއާ ދެމެދު ކުރިއަށްދާ މި މަޝްވަރާތައް އޮތީ ފުރަތަމަ މަރުހަލާގައި ކަމަށާއި، ނަމަވެސް މަޝްވަރާތައް ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ މަސްދަރުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން އިންޑިއާގެ އޮފިޝަލުންނާއި ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަކި އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފަ އެވެ.
އިންޑިއާ އާއި ރަޝިޔާ ގުޅިގެން އުފައްދާފައިވާ ބްރަމޯސް މިސައިލަކީ ދުނިޔޭގެ އެންމެ ހަލުވި ކްރޫޒް މިސައިލްތަކުގެ ތެރޭގައި ހިމެނޭ، އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ފޮނުވާލެވޭ ހަތިޔާރެކެވެ. އަދި އާކާޝްތީރަކީ އިންޑިއާގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ބާރަތު އިލެކްޓްރޯނިކްސް ލިމިޓެޑާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން އުފައްދާފައިވާ، ފުރިހަމައަށް އޮޓޮމޭޓް ކުރެވިފައިވާ ވައިގެ ދިފާއީ ނިޒާމެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައި އީރާނުން ޔޫއޭއީއަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ކުރިމަތިވަމުންދާ ނުރައްކާތަކަށް ރައްދުދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އެ ގައުމުން ދަނީ އިންޑިއާގެ އިތުރުން އެހެން ގައުމުތަކުން ވެސް ދިފާއީ ސާމާނު ގަތުމަށް ވިސްނަމުންނެވެ. މީގެ އިތުރުން، އެ ގައުމުގެ ހަކަތަ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ މުހިންމު މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ހިމާޔަތް ކުރުމަކީ ވެސް ޔޫއޭއީއަށް މިއަދު މަޖުބޫރުވެފައިވާ ކަމެކެވެ.
މި އަހަރުގެ ކުރީކޮޅު ޔޫއޭއީން ވަނީ ދެކުނު ކޮރެއާއާއެކު 35 ބިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ބްރަމޯސް މިސައިލަކީ އިންޑިއާ އާއި ރަޝިޔާ ގުޅިގެން އުފައްދާފައިވާ 290 ކިލޯމީޓަރުގެ ރޭންޖެއް ހުންނަ ހަތިޔާރަކަށް ވާތީ، ޔޫއޭއީއަށް މި މިސައިލް ވިއްކުމުގެ ކުރިން ރަޝިޔާގެ ހުއްދަ އިންޑިއާއަށް ބޭނުންވާނެ އެވެ. ނަމަވެސް، ރަޝިޔާ އާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން މިކަމަށް އެއްވެސް ހުރަހެއް ކުރިމަތިވާނެ ކަމަށް ނުބެލެވެ އެވެ.
ފާއިތުވި އަހަރުތަކުގައި އިންޑިއާ އާއި ޔޫއޭއީގެ ގުޅުން ބަދަހިވުމުގެ ސަބަބުން ވިޔަފާރި އާއި ހަކަތައިގެ ދާއިރާއިން ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން އަސްކަރީ ސާމާނު ގުޅިގެން އުފެއްދުމުގެ އެއްބަސްވުމެއްގައި ވެސް ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.
އިންޑިއާގެ އެންމެ މުހިންމު ހަތިޔާރުތައް ވިއްކުމަށް ކުރެވޭ މަޝްވަރާތަކުން ދޭހަވަނީ ސަރަހައްދީ ގުޅުންތަކަށް އަންނަމުންދާ ބަދަލުތައް ކަމަށާއި، ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނާ ދެމެދު ދާދި ފަހުން ގާއިމުކުރި ދިފާއީ އެއްބަސްވުމަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާއިން ޔޫއޭއީއާއެކު އޮންނަ ގުޅުން ވަރުގަދަކުރަން ބޭނުންވާ ކަމަށް އިންޑިއާ ސަރުކާރުގެ ދެ މަސްދަރަކުން ބުނެފައިވެ އެވެ.
ނިމިދިޔަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަތަރު ދުވަހަށް ކުރިއަށްދިޔަ ކުރިމަތިލުންތަކުގައި، އިންޑިއާއިން ފުރަތަމަ ފަހަރަށް ބްރަމޯސް މިސައިލް ފަދަ ހަތިޔާރުތައް ބޭނުންކުރުމާ ގުޅިގެން، އެހެން ގައުމުތަކުން އެ ހަތިޔާރުތައް ގަތުމަށް ޝައުގުވެރިކަން އުފެދުނު ކަމަށް ރޮއިޓާސްގައިވެ އެވެ.
އޭގެ ފަހުން އިންޑިއާއިން ވަނީ ވިއެޓްނާމާއި އިންޑޮނޭޝިއާއަށް ބްރަމޯސް މިސައިލް ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. މީގެ އިތުރުން ތައިލެންޑް، ދެކުނު އެފްރިކާ، ބްރެޒިލް އަދި ޗިލީން ވެސް މި ހަތިޔާރަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
މީގެ ކުރިން ބްރަމޯސް މިސައިލް އިންޑިއާއިން ވިއްކާފައިވަނީ ހަމައެކަނި ފިލިޕީންސަށެވެ. އެއީ 2022 ވަނަ އަހަރުގަ އެވެ.
އިންޑިއާ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2014 ވަނަ އަހަރު އެ ގައުމުގެ ދިފާއީ އެކްސްޕޯޓް 7.26 މިލިއަން ޑޮލަރުގައި ހުރިއިރު، މި އަހަރުގެ މާޗް މަހާ ހަމައަށް އެކަނިވެސް އެ އަދަދު ވަނީ 4 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.
އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ހަތިޔާރު ގަންނަ ގައުމެވެ. ދުނިޔޭގެ މުޅި ހަތިޔާރުގެ އިމްޕޯޓުގެ އަށެއް އިންސައްތަ ހިއްސާކުރަނީ އިންޑިއާއިންނެވެ.
އިންޑިއާގެ ބާރުގަދަ "ބްރަމޯސް" މިސައިލް ގަންނަން ޔޫއޭއީގެ ޝައުގުވެރިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ