ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - އާލިން ބްރައުޓް ހާލަންޑުގެ ލަނޑުތަކާ އެކު ސެނެގާލް އަތުން 3-2 އިން މޮޅުވެ، ނޯވޭ އިން މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދައިފި އެވެ.
މި މެޗަށް ނުކުތްއިރު، ނޯވޭ ވަނީ ފުރަތަމަ ކުޅުނު މެޗުން 4-1 އިން އިރާގު ބަލިކޮށްފަ އެވެ. އަނެއްކޮޅުން، ސެނެގާލް އިން ވަނީ 3-1 އިން ފްރާންސް އަތުން ބަލިވެފަ އެވެ. މި ގްރޫޕްގައި ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް ފްރާންސް އާއި ދެ ވަނައިގައި އޮތް ނޯވޭ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ސެނެގާލް އާއި އިރާގަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން، ސެނެގާލުން ނަތީޖާއެއް ހޯދަން ނުކުމެ. މިރޭގެ މެޗުގައި ނޯވޭއާ ދެކޮޅަށް ފަށައިގެން ރަނގަޅު ކުޅުމެއް ދައްކައިފައިވެ އެވެ. އެކަމަކު، ވަކި ހިސާބަކުން ސެނެގާލް އިން ވެސް މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ގޯލު ޖަހަން ރަނގަޅު ހަމަލާތަކެއް ފޮނުވާލުމުގެ މަސައްކަތް ފެށި އެވެ. ދެ ޓީމުގެ ފަރާތުން ޖުމްލަ އެކު، ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ނޯވޭ އިން ލީޑުނެގީ ފުރަތަމަ ހާފުގެ ފަހުކޮޅުގަ އެވެ.
ނޯވޭ އަށް މެޗުގައި ލީޑުނެގި ލަނޑު ޖެހީ، 43 ވަނަ މިނިޓްގައި މާކަސް ޕެޑަސަން އެެވެ. ސެނެގާލް ޑިފެންޑަރުންގެ ތެރެއިން އޭރިއާތެރެއަށް ވަދެ، ޕެޑަސަން ފޮނުވާލި ޝޮޓް ގޯލަށް ވަނީ ސެނެގާލްގެ ކީޕަރު، އެޑޮއާޑް މެންޑީ އަތުގައި ޖެހިފަ އެވެ. ފުރަތަމަ ހާފު އެއް ގޯލުގެ ލީޑެއްގައި އޮވެގެން ނިންމާލުމަކީ މި މެޗު ކާމިޔާބުކުރަން ނޯވޭ އަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
އެ ގޮތުން، ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި ނޯވޭ އިން ލީޑުފުޅާކުރި އެވެ. އެ ގޮތުން މެޗުގެ 48 ވަނަ މިނިޓްގައި ނޯވޭގެ ކެޕްޓަން، މާޓިން އޮޑެގާޑް ދިން ބޯޅަ، ހާލަންޑް ވަނީ ގޯލަށް ވައްދާލައިފަ އެވެ. މިއީ، 1998 ވަަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕަށް އައި، ނޯވޭގެ އެޓޭކް ލީޑުކުރާ ހާލަންޑް މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ތިން ވަނަ ލަނޑެވެ.
ނޯވޭ އިން ލީޑުފުޅާކުރިތާ ހަތަރު މިނިޓް ފަހުން، ސެނެގާލުން ލަނޑެއް ޖެހި އެވެ. މިއީ، މެޗުގެ 52 ވަނަ މިިނިޓްގައި ސަޑިއޯ މާނޭ ދިން ބޯޅައަކުން އިސްމާއިލާ ސާ ޖެހި ގޯލެކެވެ. އެކަމަކު، މެޗުގެ ތެރެއަށް އެނބުރި އައުމަށް ފަހު، ސެނެގާލަށް އިތުރަށް ކުރިއަށް ނުގެންދެވިގެން އުޅެނިކޮށް ނޯވޭ އިން ތިން ވަަނަ ލަނޑު ޖެހި އެވެ. މިއީ، އޭރިއާތެރެއިން ޕެޓްރިކް ބާގް ދިން ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ.
މެޗުގެ 86 ވަނަ މިނިޓްގައި، ހެޓްރިކެއް ފުރިހަމަ ކުރެވޭތޯ ހާލަންޑް ފޮނުވާލި ހަމަލާ ސެނެގާލް ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އަދި، މެޗުގެ 89 ވަނަ މިނިޓްގައި ނޯވޭގެ އޮސްކާ ބޮބް ފޮނުވާލި ބޯޅަ ސެނެގާލް ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.
ނޯވޭ އިން ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓްގެ ތެރެއިން، ދެ ވަނަ މިނިޓްގައި، ސާ، ސެނެގާލަށް ލަނޑު ޖަަހައިދީ ފަރަގު ކުޑަކުރުމެވެ. އެކަމަކު، ބާކީ އޮތް ވަގުތުގައި އިތުރު ލަނޑެއް ޖަހަން ކުރި މަަސައްކަތް ކާމިޔާބެއްނުވި އެވެ.
ހާލަންޑުގެ ޖާދުލާ އެކު ނޯވޭ އިން ރެކޯޑް ދަމަހައްޓައި ދެ ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ