ދަނޑުވެރިންނަށް ހާއްސަކޮށް ދޫކުރާ ”ދަނޑުވެރި ނަފާ“ ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ”ދަނޑުވެރި ނަފާ“ ސްކީމް އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި ތައާރަފްކޮށްފިއެވެ.
މި ބަދަލަކީ ކުދި ވިޔަފާރިތަކަށް ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ފޯރުކޮށްދިނުމަށާއި، އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މި ސްކީމްގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 500,000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދޭއިރު، ރަހުނެއް ހިމެނޭހެން 1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެއެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މިއީ އަހަރަކު 6 އިންސައްތައިގެ ރޭޓުގައި ދޫކުރެވޭ، ރާއްޖޭގައި މިވަގުތު ދަނޑުވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓުގެ ފައިނޭންސިންގ އެވެ.
މި ފައިނޭންސިންގ މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. މީގެ ތެރޭގައި އާރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ، އަދި އެގްރޮފޮރަސްޓްރީ ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ވެޓެރިނަރީ ސަރވިސް، ޕެޓް ފާރމް އަދި ޕެޓް ސަޕްލައި ފަދަ ޖަނަވާރުގެ ދުޅަހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކަށްވެސް ފައިނޭންސް ދޫކުރެވޭނެއެވެ.
މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ”ދަނޑުވެރި ނަފާ އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭ ފައިނޭންސިންގ ފެސިލިޓީއަކަށް ބަދަލުކުރުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ހަމަތަކުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް“ ކަމަށެވެ. އަދި މިފަދަ ފައިނޭންސިންގގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިނޭންސިންގގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ހިތްވަރާއި ގާބިލުކަން ލިބިގެންދާނެއެވެ. މިއީ ގައުމުގެ އިގްތިސާދަށް ދަނޑުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުކޮށް، މި ދާއިރާގެ ދައުރު ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ