އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް އަލުން އެ ގައުމަށް ވަނުމުގެ ހުއްދަ ދިނުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތަކަށް ފަހު، ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވެންސް ވިދާޅުވި އެވެ. މިއީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ކަމެކެވެ.
ވެންސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ވަފުދުތަކުން ވަނީ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ބެހޭ ގޮތުންނާއި، ސަރަހައްދީ ފެންވަރުގައި ހަނގުރާމަ ހުއްޓާލުމަށްޓަކައި ކުރިމަތިލުންތައް މަދުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
ވޭތުވެދިޔަ ހަފުތާގައި ސޮއިކުރި ވަގުތީ އެއްބަސްވުމުގައި ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި، ލުބުނާން ހިމެނޭހެން ހުރިހާ ހިސާބެއްގައި ހަނގުރާމަ ހުއްޓާލުމަށް ވަނީ އިގުރާރުވެފަ އެވެ.
މި މައްސަލައިގައި މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ގަތަރާއި ޕާކިސްތާނުން ހޯމަ ދުވަހުގެ ކުރީކޮޅު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފުރަތަމަ ބުރުގެ މަޝްވަރާތަކަށް ފަހު ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް ދިއުމަށްޓަކައި މަގުޗާޓަކަށް އެމެރިކާ އާއި އީރާނުން އެއްބަސްވެފައިވާ ކަމަށެވެ.
ވެންސް ސިފަކުރެއްވި ގޮތުގައި މި މަޝްވަރާތަކަކީ ދާއިމީ ހައްލަކަށް ވާސިލުވުމަށްޓަކައި އެޅުނު ވަރަށް ވަރުގަދަ ބިންގަލެކެވެ.
ހޯމަ ދުވަހުގެ ހެނދުނު ސުވިޒަލޭންޑުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ނިއުކްލިއާ މައްސަލައަކީ އެމެރިކާ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު އުންމީދެއް ކުރާ ކަންތައް ކަމަށެވެ.
މިއީ އެމެރިކާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ އީރާނުގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ދާއިމީކޮށް ހުއްޓުވުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ކުރިއަށްގެންދާ ސުލްހަވެރި މަޝްރޫއެއް ކަމަށެވެ.
ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ހުއްދަ ދޭން އީރާނުން އެއްބަސް: ވެންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ