މޫސުން ގޯސްވެގެން ކުޅުން މެދުކަނޑާލަން ޖެހުނު މެޗުގައި އެމްބާޕޭގެ 2 ލަނޑުން އިރާގް ބަލިކޮށް ފްރާންސް ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފިއެެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކުޅުން މެދުކަނޑާލުމުގެ ކުރިންނާއި ފަހުން އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު، 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް، އިރާގު އަތުން މޮޅުވީ 3-0 އިންނެވެ.
މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު، މި މުބާރާތުގައި އެމްބާޕޭ ޖެހި ލަނޑުގެ އަދަދު 4 އެރިއިރު، ވޯލްޑް ކަޕްގެ ތާރީޚުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ ޖުމްލަ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ.
މިއާއެކު އޭނާ ވަނީ ޖަރުމަނުގެ ލެޖެންޑް މިރޮސްލާވް ކްލޯޒޭ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އެހެންނަމަވެސް އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ މިމުބާރާތުގައި ކުޅުނު 2 މެޗުގައި 5 ލަނޑު ޖަހާ ކްލޯޒޭގެ މި ރެކޯޑާ އަރާ ހަމަކޮށް، އެ ރެކޯޑު މުގުރާވެސްލާފައެވެ.
ފްރާންސް މެޗުގެ ކުރިން ކުޅުނު މެޗުގައި އޮސްޓްރިއާ ކޮޅަށް ޖެހި ދެ ލަނޑާއެކު މެސީ ވަނީ 18 ލަނޑު ހަމަކޮށް ތާވަލުގެ އެއްވަނައިގައެވެ. ނަމަވެސް 11 އަހަރު ހަގު އެމްބާޕޭ ދަނީ މެސީއާ ވަރަށް ގާތުން ވާދަކުރަމުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، ދަނޑަށް ބޯކޮށް ވާރޭވެހި، ކުޅުންތެރިންނާއި ބެލުންތެރިން ފޯވިއެވެ. ހާފް ޓައިމް ބްރޭކަށް ކުޅުންތެރިން ޑްރެސިން ރޫމަށް ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފީފާއިން ވަނީ މަދުވެގެން 15 މިނެޓަށް މެޗު ލަސްކުރާނެކަން އިޢުލާންކޮށްފައެވެ.
މިއީ މި މުބާރާތުގައި މެޗެއް މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ. އެމެރިކާގެ ގަވާއިދުތައް ބުނާގޮތުން އަށް މޭލުގެ ސަރަޙައްދެއްގެ ތެރޭގައި ހޮނުއަޅާނަމަ، މެޗު މެދުކަނޑާލައި 30 މިނެޓަށް ސަޕޯޓަރުން ތިބޭ ސަރަޙައްދު ހުސްކުރަން ޖެހެއެވެ. އަދި ކޮންމެ ފަހަރަކު ހޮނުއަޅާއިރު، އެ ވަގުތު އަލުން ގުނަން ފަށައެވެ. މި ސަބަބާހުރެ މެޗު އަލުން ފެށުނީ ދެ ގަޑިއިރަށްވުރެ ގިނަ އިރު ފަހުންނެވެ.
ފުރަތަމަ މެޗުގައި ސެނެގާލް އަތުން 3-1 އިން މޮޅުވި ފްރާންސަށް، މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް މިވަނީ ކަށަވަރުވެފައެވެ.
އެމްބާޕޭގެ 2 ލަނޑާއެކު ފްރާންސް 2ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ