ޓުޗެލް ހަޅޭއްލެވިޔަސް މައްސަލައެއްނެތް: އިނގިރޭސި ކުޅުންތެރިން

އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް މެޗުތެރޭގައި ކުޅުންތެރިންނަށް ހަޅޭއްލެވިޔަސް މައްސަލައެއްނެތް ކަމަށާއި އެކަން ކުރަނީ މުހިންމު ސަބަބަކާ ހެދި ކަމަށް ކުޅުންތެރިން ބުނެފި އެވެ.
ޖޭޑް ސްޕޭންސް ގާނާ މެޗުގެ ކުރިން ވާހަކަ ދައްކަމުން ބުނީ ޕްރެކްޓިސް ތަކުގައި ޓުޗެލް އަމަލު ކުރަނީ އެފަދައިން ކަމަށެވެ.
"އޭނާ އަކީ ވަރަށް ޑިމާންޑިން ކޯޗެއް. އޭނާ ބޭނުމެއް ނުވާނެ އެއްވެސް ކުޅުންތެރިއަކު 90 ޕަސެންޓް ދޭކަށް. އޭނާ ބޭނުންވާނީ ކުޅުންތެރިން ކޮންމެ ވަގުތެއްގައި 100 ޕަސެންޓް ދޭން. މިހެންވެ އޭނާ ހަޅޭއްލަވަނީ ކުޅުންތެރިން ހޭލައްވާލަން،" ސްޕޭންސް ބުންޏެވެ.
އޭނާ ބުނީ މީގެ އަހަރެއްހާ ދުވަސް ކުރިން އިނގިރޭސި ޓީމާ ހަވާލުވި ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީގެ ކުރީގެ ކޯޗު ވަނީ އިނގިރޭސި ޓީމު ވަރަށް ބޮޑަށް ބަދަލުކޮށްފައި ކަމަށެވެ.
"އޭނާ ވަނީ ޓީމުގެ އެކުވެރިކަން ވަރަށް ބޮޑަށް ބަދަހި ކޮށްފައި. މިހާރު ޓީމަކީ އާއިލާއެއް. އެފަދަ އިހުސާސެއް އޭނާ ޓީމަށް ގެނެސްދިން. ކޯޗަކީ ކުޅުންތެރިންނާ ވެސް ވަރަށް ގުޅޭ ކޯޗެއް. އޭނާގެ ރޭވުންތައް ވަރަށް ރަނގަޅަށް ކިޔައިދޭނެ. ކޮންމެ ކަމެއް ވެސް ހުންނާނީ ވަރަށް ތަރުތީބުކޮށްފައި. ކޮންމެ ކުޅުންތެރިއެއްގެ ރޯލު ވަކިވަކިން އެނގޭނެހާ ސާފުކޮށް ކިޔައިދޭނެ. އަދި ފަހުން ބަލާލަން ބޭނުންވިޔަސް އެނގޭނެ ފަދަ ގޮތަކަށް އޭނާގެ ތައްޔާރުވުންތައް ހުންނަނީ،" ސްޕޭންސް ބުންޏެވެ.
ފޯވަޑް އޮލޭ ވަޓްކިންސް ވެސް ބުނީ ކޯޗުގެ ތައްޔާރުވުންތައް ވަރަށް ބަރާބަރު ކަމަށެވެ.
ވޯލްޑް ކަޕުގައި މިރޭ އިނގިރޭސި ޓީމު ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން މި ދެ ޓީމަށް ވެސް ދެ ވަނަ ބުރު ކަށަވަރު ކުރެވޭނެ އެވެ. ގާނާގެ ކޯޗު ކާލޮސް ކީރޯޒް މެޗުގެ ކުރިން ބުނީ އެ ގައުމަށް ކާމިޔާބު ލިބޭނީ ރިސްކު ނަގައިގެން ކަމަށެވެ.
"މިހާރު މޮޅުވިޔަސް ބަލިވިޔަސް ރިސްކު ނަގަން ޖެހޭނެ. ގާނާ އަކީ މިހާތަނަށް ރިސްކު ނަގައިގެން މޮޅުވެފައިވާ ގައުމެއް. އިނގިރޭސިންނާ ދެކޮޅަށް ކުޅޭއިރު ވަރަށް ތަރުތީބު ވާން ޖެހޭނެ. ވަރަށް އޮގަނައިޒް މެޗެއް ކުޅެން ޖެހޭނެ. އެ މީހުންގެ ސްޕީޑާއި ތަޖުރިބާގެ ކުރިމަތީގައި ފަސް ޖެހިގެން ނުވާނެ،" ކީރޯޒް ބުންޏެވެ.
ގާނާ އަކީ އެފްރިކާއިން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް އެންމެ ފަހުން ދަތުރު ކުރި ގައުމެވެ. މިއަށްވުރެ ދުރަށް ދިއުމަށްޓަކައި ގާނާ ތައްޔާރުވާން ޖެހޭ ކަމަށް ވެސް ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑްގައި މަސައްކަތް ކުރި ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު ވިސާ ނުލިބިގެން އެންމެ ފަހުން ކުޅުނު މެޗުގައި ނުކުޅެވުނު ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ވަނީ ޓީމާ ގުޅިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ