އެމްޑީޕީ ސަރުކާރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރީ ބައިނަލްއަގުވާމީ ފުލައިޓު އޮޕަރޭޓް ކުރެވޭވަރަށް: ފައްޔާޒް

އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މިހާރުގެ ޑިޒައިނަށް ބަދަލު ނުގެނެސް ބޮޑެތި ބޯޓުތައް ނުޖެއްސޭނެ ކަމަށް މިހާރުގެ ސަރުކާރުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ، ލަންކާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ސީދާ ދަތުރުކުރެވޭނެ ބޯޓުތަކެއް ކަމަށެވެ. އަދި ޔޫރަޕާއި ޗައިނާ ފަދަ މަންޒިލްތަކުން އަންނަ ފަތުރުވެރިންނަށް ވެސް މި ގައުމުތަކުގެ އެއާޕޯޓުތައް މެދުވެރިކޮށް ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް އާދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވައިޑްބޮޑީ އެއާކްރާފްޓް ނުވަތަ ބޮޑެތި ބޯޓުތަކާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ،
 ”މިވަގުތު ޑިމާންޑު އެވަރަށް ނެތުމުން ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ“ ކަމަށެވެ.
ނަމަވެސް، ކުރިއަށް އޮތް ތަނުގައި ޑިމާންޑު އިތުރުވާ ހާލަތެއްގައި ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން މިހާރުވެސް އޮތީ ހަމަޖައްސާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ އުތުރުގެ ތަރައްގީއަށް މި ސަރުކާރުން އަޅަމުންދާ ހުރަހެއް ކަމަށެވެ. ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތައް ގެނައުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ދާދިފަހުން މަޖިލީހުގައި ވިދާޅުވީ، ޗައިނާ ފަދަ ދުރު މަންޒިލްތަކުން އަންނަ އޭ330 ނުވަތަ ބޮއިން 777 ފަދަ ބޮޑެތި ބޯޓުތައް މިހާރު އޮތް ޑިޒައިނަށް ހަނިމާދޫއަށް ނުޖެއްސޭނެ ކަމަށެވެ. އެހެންކަމުން ބޮޑެތި ބޯޓުތައް އޮޕަރޭޓް ކުރަން ބޭނުންނަމަ އެތަން އަލުން ތަރައްގީކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 136 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ