ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކޮށް ނިންމުން ކާމިބީއެއްގެ ގޮތުގައި ފާހަގަކުރަން މިރޭ ބާއްވަން އުޅުނު ރަސްމިއްޔާތު ކެންސަލް!

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއު، ކަނޑައެޅި މުއްދަތަށްވުރެ އެތައް ދުވަހެއްފަހުން ނިންމުން ކުލަ ގަދަކޮށް ފާހަގަކުރުމަށް މިރޭ ބާއްވަން އުޅުނު ރަސްމިއްޔާތު ކެންސަލްކޮށްފި އެވެ. 
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ތާވަލުކުރީ މިރޭ 8:15 ގައި ހުޅުމާލެ ރުއްގަނޑު ތިނެއްގައި ބޭއްވުމަށެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މި ނޫހަށް އޮތީ އެނގިފައިވެ އެވެ.
އެހެން ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އެ ރަސްމިއްޔާތު ނުބާއްވައި އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނުވެ އެވެ. 
އާދަޔާއި ހިލާފު ބޮޑު އަގުގައި ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސި) އިން ޗައިނާގެ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ  ފެބްރުއަރީ 12، 2024 ގަ އެވެ. އޭރު މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މިދިޔަ އަހަރުގެ ޖެނުއަރީ 30، އެވެ. 
 ނަމަވެސް އެ މުއްދަތަށް އެ ތަނުގެ މަސައްކަތް ނުނިމުމުން މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ އޭޕްރިލް 15، 2025 އެވެ. އެ މުއްދަތަށް ވެސް ލިފްޓުތައް ބަހައްޓައި ނުނިންމޭނެނެކަން ކަށަވަރުވުމުން މިދިޔަ އަހަރުގެ އޭޕްރިލް 9، ގައި ހިޔާ ސަރަހައްދަށް ނޫސްވެރިން ގެންގޮސް، މިދިޔަ ނޮވެމްބަރު މަހުގެ ނިިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ.
އޭގެ ހަތް މަސްދުވަސްފަހުން ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ހަރުކޮށް ނިންމުން ކުލަ ގަދަކޮށް ފާހަގަކުރާއިރު، ޗައިނާ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 18 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ، 278 މިލިއަނެވެ. އެ އަދަދަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށް މިހާރު މީހުން ދިރިއުޅެމުންދާ އަމާން ޓަވަރުތަކުގެ ދެ ޓަވަރުގެ އަގެވެ.
ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ރޭޓުން ޗައިނާ ކުންފުންޏާ އެޗްޑީސީން މަސައްކަތް ހަވާލު ކުރިއިރު، އެއީ އާދަޔާއި ހިލާފަށް ބޮޑު އަގެއް ކަމަށް އެ މަސައްކަތް ކުރާ ކުންފުނިތަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.
އެގޮތުން، މި ނޫހާ ވާހަކަ ދެއްކި އެއް ކުންފުނިން ބުނީ ކޮންމެ ލިފްޓަކަށް، ސްޓްރަކްޗާއާއެކީ ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދަކީ 2.5 މިލިއަން ރުފިޔާ ކަމަށެވެ. މި ރޭޓުން ހިސާބުކުރާއިރު 32 ލިފްޓު ހަރުކުރަން ހަރަދު ވާނީ 80 މިލިއަން ރުފިޔާ އެވެ.
އަނެއް ކުންފުނިން ބުނީ ގިނަ ވެގެން ވެސް މި މަސައްކަތަށް ހިނގާނީ ލިފްޓަކަށް ފަސް މިލިއަން ރުފިޔާ ކަމަށެވެ. އެއީ ދަގަނޑު ސްޓްރަކްޗާގެ މަސައްކަތާއި މަސައްކަތު އަގާއި ލިފްޓުތައް ހަރުކުރުމުގެ ހުރިހާ ކަމެއް ހިމަނައިގެންނެވެ. މި ރޭޓުން ހިސާބުކުރިއަސް މުޅި ޕްރޮޖެކްޓަށް ހަރަދު ވާނީ 160 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ