ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު މިރޭ ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން، ދެއްވާ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް" ހާސިލުކުރެއްވި ދިވެހިރާއްޖޭގެ ގައިޑަރުންނާ އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. ދިވެހިރާއްޖޭގެ 14 ގައިޑަރަކު މި އެވޯޑް ހާސިލުކުރެއްވިއެވެ.
ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށްޓަކައި މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަނުން އިންތިޒާމްކުރައްވައިގެން މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި އަހަރަކީ ދިވެހި ގަރލް ގައިޑް ޚިދުމަތަށް 75 އަހަރު ފުރޭ ފަޚްރުވެރި އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގައި ދިވެހި ގަރލް ގައިޑުންގެ އަގުވަޒަންކުރެވި، ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރައްވަން ފެށުނު ތާރީޚީ ދުވަހުގެ ގޮތުގައި ސިފަކުރެއްވިއެވެ.
ގަރލް ގައިޑް ޙަރަކާތަކީ ފަރުދީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މުހިންމު ޚިދުމަތެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި މި ޚިދުމަތަށް 75 އަހަރު ފުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މި އަހަރުން ފެށިގެން ސަރުކާރުން ރަސްމީކޮށް ގަރލް ގައިޑް ދުވަސް ފާހަގަކުރަން ފެއްޓެވުމަކީ ކުރިއަށް އޮތް ތަނުގައި މި ޙަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.
ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، އެކަމަނާ އިތުރަށް ވިދާޅުވީ، ގަރލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވުމާއި، ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ޙަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ އިސްމާޢީލް ޝަފީޢުއާއި، އެ ވުޒާރާގެ އިސްވެރިންނާއި، ކުރީގެ ޗީފް ގައިޑް ފަޒްނާ އަޙްމަދާއި، ވެގްސްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ކޮމިޓީގެ ޗެއަރ، ނިޢުމަތު ޝަފީޤުގެ އިތުރުން ދިވެހިރާއްޖޭގެ ގަރލްގައިޑް ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ މެންބަރުންނާއި، މިހާރުގެ އޮފިޝަލުންނާއި ގައިޑް ހަރަކާތުގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަނދާނީ ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
1951 ވަނަ އަހަރު ދިވެހިރާއްޖެއަށް ތަޢާރަފުކުރެވުނު ގަރލް ގައިޑް ހަރަކާތް، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށްވުރެ ގިނަ ރަށަށް ފުޅާކުރެވި، 14000 އަށް ވުރެ ގިނަ މެންބަރުން ވަނީ މި ހަރަކާތުގައި ރަޖިސްޓްރީކުރެވިފައެވެ. ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ