ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުން 140 ފުލުހުން ދަސްވެނިވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުން ތަމްރީނުކުރުމަށް އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ 42 ވަނަ އަސާސީ ތަމްރީނު ކޯހުން 140 ފުލުހުން ދަސްވެނިވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި، ފެބްރުއަރީ 15 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހުގައި ޖުމްލަ 158 ފުލުހުން ބައިވެރިވިއެވެ. ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ދަސްވެނިވި 140 އޮފިސަރުންގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ. މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ޢލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތުގައި، ކޯހުގެ އެކި މާއްދާތަކުންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުން ހޮވައި އެ ފަރާތްތަކަށް ވަނީ އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެގޮތުން މުޅި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވި، ކޮމިޝަނާސް އެކްސެލެންސް އެވޯޑް ހާސިލްކުރީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ. އަދި އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ރާކިން އަޙްމަދު ހޮވުނުއިރު، އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ރިފްޝާން ޢަލީއެވެ. މުޅި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ އައިނެއްލާ ސްކޮޑެވެ. މި ސްކޮޑަށް ޝިލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ޚިދުމަތުގެ ދާއިރާއަށް އަލަށް ނުކުންނަ އޮފިސަރުންނަށް ބޭނުންވާ ގާނޫނީ އަދި ފަންނީ ހުނަރުތަކާއި، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގެ މިންގަނޑުތައް އުނގަންނައިދިނުމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަމްރީނެކެވެ. މި ކޯސް ފުރިހަމަކުރި އޮފިސަރުން ދެން މަސައްކަތް ކުރަން ފަށާނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ