ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ އައު ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ފަންޑު ތައާރަފުކޮށްފި

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އިން އެ ކުންފުނީގެ އައު ހޮސްޕިޓާލިޓީ އިންވެސްޓްމަންޓް ފަންޑު މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ގައި ތައާރަފުކޮށްފި އެވެ. 
މިއީ ދިވެހި އިންވެސްޓަރުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހިވެގެންދާ އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރާ ފަންޑެކެވެ. 
އެ ފަންޑަކީ "ފްރެކްޝަނަލް އޯނަަޝިޕް" މޮޑެލްއެއްގެ ދަށުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިކުއިޓީ އިންވެސްޓްމަންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިންވެސްޓަރުންނަށް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ފަންޑެކެވެ. އާދައިގެ މަތިން މުދާ ނުވަތަ ރިއަލް އެސްޓޭޓް މިލްކުކުރުމާ ހިލާފަށް، މި ފަންޑުގެ ސަބަބުން ކުޑަ ރައުސްމާލަކާއެކު ހޮސްޕިޓާލިޓީގެ ވަސީލަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެންދެ އެވެ.
މި ފަންޑުގެ ފުރަތަމަ އިންވެސްޓްމަންޓެއްގެ ގޮތުން ކ. މާފުށީގައި 60 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އިންވެސްޓްމަންޓްގެ ޒަރީއާއިން އިންވެސްޓަރުންނަށް ދިވެހި ރުފިޔާގެ އިތުރުން ޔޫއެސް ޑޮލަރުން ވެސް ފައިދާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 
 ޑީއައިޕީ އިން ބުނި ގޮތުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މާފުށި އިހުތިޔާރުކުރީ، އެ ރަށަކީ ދެމެހެއްޓެނިވި ގޮތެއްގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ، އޮކިއުޕެންސީ މަތި އަދި މާކެޓުގެ އެންމެ ކުރީގައި އޮތް އެއް ރަށް ކަމަށްވާތީ އެވެ.
މި ހޮސްޕިޓާލިޓީ ފަންޑަކީ ޑީއައިޕީ އިން މިހާރުވެސް ހިންގަމުންދާ "ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" އަށް މާކެޓުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ތަޢާރަފުކުރި ފަންޑެކެވެ. އެ ފަންޑުގެ އިންވެސްޓްމަންޓް ސީރީޒްތަކުން ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކުން ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ފައިދާއެއް ހޯދައިދޭއިރު، އައު ހޮސްޕިޓާލިޓީ ފަންޑު ފަރުމާކޮށްފައިވަނީ އިކުއިޓީ އިންވެސްޓްމަންޓެއްގެ ގޮތުގަ އެވެ. މިއީ ހޮސްޕިޓާލިޓީގެ ވަސީލަތްތަކުން ދިގު މުއްދަތުގައި ލިބޭ ކުރިއެރުމުގައި އިންވެސްޓަރުންނަށް ސީދާ ބައިވެރިވެވޭނެ ގޮތެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ޑީއައިޕީގެ ސްޓޭންޑުން މި ފުރުސަތުތަކާ ބެހޭ މައަލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ. އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިންވެސްޓްމަންޓް ފަންޑުތަކުގެ މައުލޫމާތާއި، ހިއްސާގެ ބާޒާރުގައި ހިއްސާއާއި އެހެނިހެން ލިސްޓަޑް ޕްރޮޑަކްޓްތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ބެލުމުގެ އިތުރުން، ކުންފުނީގެ އިންވެސްޓްމަންޓް މާހިރުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ