ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ތަންތަން ކުއްޔަށް ދިނުމަކީ ކައުންސިލްގެ އިހުތިޔާރެއް: ނިޔާޒް

މާލޭގެ އިހުތިސާސްގައި ހިމެނޭ ކަންކަން ކުރުމާއި، ބިމާއި އެފަދަ ތަންތަން ކުއްޔަށް ދިނުމަކީ ސިޓީ ކައުންސިލްގެ އިހުތިޔާރުގައިވާ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީ ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ކުރިއަށްގެންދާ މަސްމާރުކެޓުގެ މަޝްރޫއުއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، މާލޭގެ އިހުތިސޯސްގައިވާ ކަންކަމުގެ ތެރެއަށް ސިޓީ ކައުންސިލްގެ ބަހެއް ނުވަތަ ރުހުމެއް ނެތި ސަރުކާރުން އަތްބާނަމުންދާ ކަމުގެ ޝަކުވާ އެބައޮތް ކަމަށެވެ. އަދި މާލޭގައި އެފަދަ ތަނެއް ގާއިމްކުރާނަމަ ސިޓީ ކައުންސިލްގެ ހުއްދަ އޮންނަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިޔާޒް ވިދާޅުވީ ކުރިން ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުތައް ގެނެސްފައިވަނީ ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވާތީ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެކަންކަމަށް އިހުތިރާމް ކުރަމުން ނުދާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ”އެހެންނަމަވެސް މިހާރު ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން މީ އެންމެ ރަނގަޅޫ ގޮތްކަމަށް ދެކެވަޑައިނުގަތް، ބޭނުން އިރަކު ބޭނުން ގޮތަކަށް، މަޝްރޫއުއެއްވެސް ސަރުކާރުން ހިތް ނުރުހޭ ގަޑިއެއްގައި ނުގެންދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ،“ ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ނިޔާޒް ވިދާޅުވީ ސަރުކާރުން މިހާރު ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ބޭނުމެއް އޮތް ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ސިޓީ ކައުންސިލްގެ އަގު ވައްޓާލުމަށް ކުރާ ކަމެއް ކަމަށެވެ. ސަރުކާރުން ކުރަން އުޅޭ ކަންކަމަށް ކައުންސިލުން ހުރަސްއަޅާ ކަމަށް ދައްކައިގެން ރައްޔިތުންގެ ކުރިމަތީގައި ކައުންސިލް ބަދުނާމު ކުރުމަކީ ސަރުކާރުގެ މަގްސަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ