މީޑިއާ ނެތިކޮށްލާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އަނބުރާ ގެންދިޔުމަށް އައިއެފްޖޭއިން ގޮވާލައިފި މީޑިއާ ނެތިކޮށްލާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އަނބުރާ ގެންދިޔުމަށް އައިއެފްޖޭއިން ގޮވާލައިފި

މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ހުށަހެޅި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ބިލު އަނބުރާ ގެންދިޔުމަށް ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.
ސަރުކާރު ފަރުމާ ކުރި އެ ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ އަބްދުލްހަންނާނު އަބޫބަކުރު އެވެ. އޭނާ އެ ބިލު ހުށަހެޅި ނޫސްވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެވެ.
މިއަދު އައިއެފްޖޭގެ ވެބްސައިޓުގައި އެ ޖަމިއްޔާއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރެވޭނީ މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާ އާއި ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ. އެފަދަ ކަމެއް ކޮށްފައި ނުވުމަކީ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހަގީގީ މަގްސަދު ގެއްލޭ ކަމެއްކަން އައިއެފްޖޭއިން ފާހަގަކުރި އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ