މަސް މާރުކޭޓް އަޅަން ހަދާފައިވާ އޮތް ގޮތް ނޭނގޭ ދެ އެއްބަސްވުމުގެ ފަރަގު 53 މިލިއަން ރުފިޔާއަށް ވުރެ ބޮޑު! މަސް މާރުކޭޓް އަޅަން ހަދާފައިވާ އޮތް ގޮތް ނޭނގޭ ދެ އެއްބަސްވުމުގެ ފަރަގު 53 މިލިއަން ރުފިޔާއަށް ވުރެ ބޮޑު!

މާލޭގެ މަސް މާރުކޭޓް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާއިރު އެ ދެ އެއްބަސްވުމުގެ ފަރަގު 53 މިލިއަން ރުފިޔާއަށް ވުރެ ބޮޑުކަން ހާމަވެއްޖެ އެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 208 ވަނަ ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވަނީ މިކަމުގެ ބައެއް މައުލޫމާތުތައް ހާމަކުރައްވާފަ އެވެ. މިލިއަން ޑޮލަރުގެ ދެ ކޮންޓްރެކްޓެއް އެ މަޝްރޫއުއަށް އޮތްއިރު އޭގެ ތެރެއިން ރަނގަޅީ ކޮން އެއްބަސްވުމެއް ކަމެއް ނޭނގެ ކަމަށް އާޒިމް ހާމަކުރެއްވި އެވެ.
އޭގެ ތެރެއިން ފުރަތަމަ ކޮންޓްރެކްޓް ހަދާފައި އޮތީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު އެވެ. އެ ކޮންޓްރެކްޓްގެ އަގަކީ 6.1 މިލިއަން ޑޮލަރު (93 މިލިން ރުފިޔާ) އެވެ. ފުރަތަމަ އެއްބަސްވުމުގައި މައްސަލަތަކެއް ހުރި ނަމަވެސް އެ އެއްބަސްވުން އޮތީ "ވަރަށް ރަނގަޅަށް ގޮސްފައި އޮތް ކަމަށް ފާހަގަކުރެވޭ" ކަމަށް މިއަދު އާޒިމް ވިދާޅުވި އެވެ.
"ފަހުގެ ކޮންޓްރެކްޓްް ވަރަށް ބޮޑަށް ކައުންސިލަށް ގެއްލުންވާ ގޮތަށް ހެދިފައި އޮތް ކޮންޓްރެކްޓެއް. އެ ކޮންޓްރެކްޓްގައި ސޮއި ކުރެއްވި މިކޮޅުގެ (ކައުންސިލްގެ) ލީގަލް ކައުންސިލް އަލީ ނަސީރު. ދެވަނަ ކޮންޓްރެކްޓަށް އެންޓާ ވެގެންދިޔައިރު އަގަކީ 9.6 މިލިއަން ޑޮލަރު،" އާޒިމް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 147 މިލިއަން ރުފިޔާގެ ދެވަނަ ކޮންޓްރެކްޓުގައި ސޮއިކުރީ މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު އާޒިމް އިންތިހާބުވުމުގެ ކުރިންނެވެ. އޭރު މޭޔަރުގެ ޒިންމާތައް އަދާކުރަމުން ދިޔައީ މިހާރު ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށް މިނިސްޓަރެއްގެ ފެންވަރުގައި އައްޔަންކޮށްފައި ހުރި ޑެޕިއުޓީ މޭޔަރުކަން ކުރެއްވި އަހްމަދު ނަރީޝް އެވެ.
"ކޮންޓްރެކްޓް މިހާރު އޮތް ގޮތުން މި ފައިސާ ނުދެއްކިއްޖިއްޔާ އިމާރާތް އެއްކޮށް އެ މީހުންނަށް ލިބެނީ. އެހެންވީމާ މަސް މާރުކޭޓެއް ވެސް ނޭޅޭނެ، ލޯކަލް މާރުކޭޓެއް ނޭޅޭނެ،" އާޒިމް ވިދާޅުވި އެވެ.
ދެވަނަ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ސަބަބު އެންގުމަށް ލީގަލް ކައުންސިލް އަލީ ނަސީރަށް މިހާރު އަންގާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ ކޮންޓްރެކްޓުގައި ސޮއިކުރިކަން އިތުރު އެއްވެސް މެންބަރަކަށް ނޭނގެ އެވެ.
ދެ އެއްބަސްވުމުގެ ފަރަގަކީ 3.5 މިލިއަން ޑޮލަރު (53.9 މިލިއަން ރުފިޔާ) ކަމަށްވާއިރު ދެ އެއްބަސްވުމުގައި ވެސް ޖަހާފައި އޮތީ އެއް ނަންބަރެކެވެ. ދެވަނަ ކުންފުންޏަށް ރައިޓްސް ޓްރާންސްފާވީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް ވެސް އާޒިމް މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ