ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރަސްދޫ ކައުންސުލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއިއެކު ފިނޮޅުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށާއި، ރަށުގެ ތަރައްޤީއަށްޓަކައި މިހާރު ފަށާފައި ހުރި ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރަށަށް ލިބެމުންދާ ދަތިތަކުގެ މައުލޫމާތު ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެއިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަމާއި ޞިއްޙީ މަރުކަޒުގެ މުވަޒަފުންގެ ދަތިތައް ހައްލުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ