ފަޅަށް ދޫކޮށްފައި އޮތް ހުޅުމާލޭ ސިޓީ ހޮޓާގައި މީޑިއާ ވިލެޖު ހިމެނޭހެން، ފަސްތަރީގެ ހޮޓާ ތަރައްގީކުރަން ހަވާލުކޮށްފި
ހުޅުމާލޭގައި ފަޅަށް ދޫކޮށްލައިފައި އޮތް ސިޓީ ހޮޓަލުގައި، މީޑިއާ ވިލެޖު ހިމެނޭހެން އިތުުރު ބައެއް ކޮލެޖުތައް ވެސް ގާއިމްކޮށް ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ދުބާއީގެ 'ޑީޕް ސީ ފުޑް ކޮމްޕެނީ'ގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑަށް މިރޭ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންނެވެ. މި ކަމަށް ޓަކައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާޙު އަލީގެ އިތުރުން އެ ކުންފުނީގެ ސީސީއޯ އަހުމަދު އަސްލަމެވެ. ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނައީމާއި ސީއީއޯ ފަހޭޒް ޕަންގަތުގެ އިތުރުން ސީއޯއޯ އަލީ ނާހިޒެވެ. އެ ކުންފުންޏާއެކު އެޗްޑީސީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ހޮޓަލުގެ އަގުގެ ގޮތުގައި 11 މިލިއަން ޑޮލަރު ލިބޭނެއެވެ. އަދި ކޮންމެ އަހަރަކު ބިމު ކުލީގެ ގޮތުގަައި 14.4 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެއެވެ. 'މެންހަޓަން ގްރޭންޑް'ގެ ނަމުގައި މި ހޮޓާ ގާއިމުކުރާއިރު، އެތަނުގެ ތިން ފަންގިފިލާއާއި، އިތުރު ފަންގިފިލައެއްގެ އެއްބައި، ޚާއްސަކުރަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ހަތަރު ވައުދެއް ފުއްދައިދިނުމަށެވެ. އެގޮތުން އެ ފަންގިފިލާތަކުގައި ތަރިކަ ކޮލެޖާއި، މެޑިކަލް ކޮލެޖާއި، މީޑިއާ ވިލެޖުގެ އިތުރުން ޔޫތު ސެންޓަރު ގާއިމުކުރާނެއެވެ. ކުރިއަށް ފަސް މަހުގެ ތެރޭ މި ސަރުކާރުގެ ބޭނުމަށް ތަރައްގީކުރާ މި ފަންގިފިލާތަކުގެ މަސަައްކަތް ނިންމައި ހަވާލުކުރާނެއެވެ. މި ހޮޓާ ހުޅުވާއިރު، 158 ކޮޓަރިއާއި ބެންކުއިޓް ހޯލަކާއި މަލްޓިޕާޕަސް ހޯލަކާއި ކޮންފަރެންސް ހޯލުތަކާއި ސްވިމިން ޕޫލު ހުންނާނެއެވެ. އަދި ފުޑް އެންޑް ބެވެރެޖްގެ ބައިނަލްއަގުވާމީ ހަތަރު ބްރޭންޑަކާއި ޖިމާއި ސްޕާގެ ޚިދުމަތް ވެސް ގާއިމުކޮށްފައި ހުންނާނެއެވެ. މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް އެއް އަހަރު ތެރޭ މި ހޮޓަލުގެ މަސައްކަތް ނިންމައި ހުޅުވަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ