ވީރާނާވާން ދޫކޮށްލާފައިހުރި ސިޓީހޮޓާ، 5 ތަރީގެ ހޮޓަލަކަށް ބަދަލުކޮށް ހުޅުވަނީ

ހުޅުމާލޭ ފޭސް އެކަކާއި ދޭއް ގުޅޭ ސަރަހައްދު ކައިރީ މީގެ ކުރިން އެސްޓީއޯއިން ތަރައްޤިކުރަން އުޅުނު ސިޓީހޮޓާ، ފަސް ތަރީގެ ހޮޓަލަކަށް ބަދަލުކޮށް އެތަން ހުޅުވުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.
އެސްޓީއޯއިން ތަރައްޤީކުރަން އުޅުނު ސިޓީ ހޮޓާ، ހުއްޓިފައި ހުންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، މިހާރު އެތަނަކީ އެޗްޑީސީގެ ތަނެކެވެ. އެޗްޑީސީން އެތަން ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދާފައިވާއިރު، މިރޭ ވަނީ އެތަން ހިންގާ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެޗްޑީސީން އެތަން ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން ހަދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެކުންފުނިން އެތަން ހިންގުމަށް ނިންމާފައިވަނީ، "މަންހަޓަން ގްރޭންޑު" ނަމުގައެވެ.
ސިޓީހޮޓާ ހަވާލުކުރުމުގެ ރަސްމިއްޔާތު... ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ، ފަސްތަރީގެ އެ ހޮޓާ ތަރައްޤީކުރުމަށް ނިންމާފައިވަނީ، ކުރިއަށްއޮތް 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާގޮތަށެވެ. ފަސްތަރީގެ މި ހޮޓާ ނިމޭއިރު، 158 ކޮޓަރީގެ އިތުރުން ބެންކުއެޓް ހޯލަކާއި މަލްޓި ޕާރޕަސް ހޯލުގެ އިތުރުން ސްވިމިންގ ޕޫލާއި، އިންޓަރނޭޝަނަލް ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި ޖިމާއި ސްޕާގެ ޚިދުމަތުގެ އިތުރުން ސިޓީ ހޮޓަލަކުން ދޭ ހިދުމަތްތައް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން އެތަން ހަދާނިމޭއިރު، މި ސަރުކާރުން ގާއިމްކޮށްދޭން ވައުދުވި މީޑިއާ ވިލެޖާއި، އެމްއެންޔޫ މެޑިކަލް ސްކޫލާއި، ތަރިކަ ކޮލެޖާއި، އަދި ޔޫތް ސެންޓަރެއް ހުންނާނެއެވެ.
މި މަޝްރޫޢުގެ ދަށުން ތަނުގެ އަގުގެ ގޮތުގަ 11 މިލިއަން ޑޮލަރު އެޗްޑީސީއަށް ލިބިގެންދާނެއެވެ. އަދި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 14.4 މިލިއަން ޕޮއިންޓުހަތައް މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބިގެން ދާނެއެވެ. މީގެ އިތުރުން ދައުލަތަށް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 2.5 މިލިއަން ޑޮލަރު ލިބިގެން ދާނެ ކަމަށް އަންދާޒާ ކުރެވޭކަމަށް އެޗްޑީސީން ވަނީ އަންދާޒާކޮށްފައެވެ.
ސިޓީހޮޓާ ހަވާލުކުރުމުގެ ރަސްމިއްޔާތު... ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ވަނީ ހޮޓާ ނިމޭއިރު، އެތަން ވެގެންދާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ ގުޅާލެވޭނެ މުހިއްމު ހޮޓަލަކަށް ކަމަށެވެ. އެގޮތުން ހޮޓާ ހުޅުވާއިރު ބައިނަލްއަޤްވާމީ 12 އެއާލައިނަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހަދާނޭކަމަށްވެސް ވަނީ ބުނެފައެވެ. ހޮޓާ ނިމި ހިންގަން ފެށުމާއެކު އިޖުތިމާއީ ޒިންމާގެ ދަށުން ސަރުކާރަށް ދޫކުރާ ހަތަރު ތަނުގެ ކުލިވެސް ބަހަލައްޓާނީ ސިޓީހޮޓާ ހިންގާ ކުންފުނިންކަމަށް ބުނެއެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ގާއިމްކުރުމުގެ މަސައްކަތް އެންމެފުރަތަމަ ފެށީ 2007 ވަނަ އަހަރެވެ. ތަފާތު އެކި އަހަރުތަކުގެ މަތިން ބަޔަކާ ހަވާލުކޮށްގެން އެތަނުގެ މަސައްކަތްތައް ފެށިނަމަވެސް ހޮޓަލުގެ މަސައްކަތް، އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. އެގޮތަށް އޮއްވައި އެސްޓީއޯއިން ވަނީ 2024 ވަނަ އަހަރު އެ ހޮޓާ އެޗްޑީސީއާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ