އެއާޕޯޓު ހިންގާ ކުންފުންޏަށް މިފަހަރު ހަވާލުކުރީ ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން

ކުންފުނިތަކުގެ މެންޑޭޓަށް ބެލުމެއް ނެތި ސަރުކާރުން، ސަރުކާރު ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރާތީ ފާޑުކިޔުން އަމާޒުވަމުން އަންނަނިކޮށް އއ. ރަސްދޫގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްއެއް އަޅަން ސްޕޯޓްސް މިނިސްޓްރީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާއެކު އަނެއްކާ ވެސް ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި ސްޕޯޓްސް މިނިސްޓަރު އިބްރާހިމް ރާފިއުއެވެ. އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރަން އެމްއޭސީއެލްއާ ހަވާލުކުރުން ----ފޮޓޯ/ އެމްއޭސީއެލް އެގޮތުން، އެމްއޭސީއެލްއިން ބުނީ، ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސްއަކީ ރާއްޖޭގެ 63 ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރާއި ހެށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ. ރަސްދޫގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި އަންހެނުން ކަސްރަތު ކުރަން ޚާއްސަ ކޮޓަރިއަކާއި ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅޭވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބާއްވަން ޚާއްސަ ކޮޓަރިއެއް ހިމެނޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ. https://sun.mv/210133 ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގިނަ މަޝްރޫއުތައް މި ސަރުކާރުން ހަވާލު ކުރާއިރު އެ ކުންފުންޏެއްގެ މެންޑޭޓަށް ވެސް ބެލުމެއްނެތި ޕްރޮޖެކްޓްތައް ދޭތީ ވަރަށް ބޮޑަށް ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން މި ފަހުން ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި، ވަނީ ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގަން އުފައްދާފައި އޮތް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ވެސް ބައެއް ރަށްރަށުގެ ސްކޫލު އިމާރާތް ފަދަ ތަންތަން އަޅަން ބޮޑު އަގުގައި ހަވާލު ކޮށްފައެވެ. ހަމަ އެ ގޮތަށް، މަގުތައް ހަދަން އުފައްދައިފައި އޮތް ރޯޑް ޑިވެލޮޕްމަންޓްް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އަށް ހޮސްޕިޓަލް އަޅަން ވެސް ހަވާލު ކޮށްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ