އެއާޕޯޓް ހިންގަން އުފައްދާފައި އޮތް އެމްއޭސީއެލްއާ މި ފަހަރު ހަވާލުކުރީ ރަސްދޫގައި ކުޅިވަރު ކޮމްޕްލެކްސްއެއް އަޅަން އެއާޕޯޓް ހިންގަން އުފައްދާފައި އޮތް އެމްއޭސީއެލްއާ މި ފަހަރު ހަވާލުކުރީ ރަސްދޫގައި ކުޅިވަރު ކޮމްޕްލެކްސްއެއް އަޅަން

އެއާޕޯޓް ހިންގަން އުފައްދާފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އއ. ރަސްދޫގައި ކުޅިވަރު ކޮމްޕްލެކްސްއެއް އަޅަން މިރޭ ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އަރި އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މިފަހުން އެ ކުންފުންޏާ ވަނީ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅަން ވެސް ހަވާލުކޮށްފަ އެވެ. މަތިވެރި އެއާޕޯޓު ވެސް ހަވާލުކުރީ ސަރުކާރުގެ އެންމެ މުއްސަދި ކުންފުނީގެ ގޮތުގައި ބަލާ އެމްއޭސީއެލްއާ އެވެ.
އެމްއޭސީއެލްގެ ތަސައްވަރުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އެ ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ހިންގުމެއް ނޯވެ އެވެ.
މިފަދަ މަޝްރޫއުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު ބެލެވޭ ގޮތުގައި މި މަޝްރޫއުތައް ކުރިއަށްގެންދާނީ ސަބް ކޮންޓްރެކްޓް ކޮށްގެންނެވެ. އެމްއޭސީއެލްއަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ނޫނެވެ. ހުޅުލޭ އެއާޕޯޓުގެ މަސައްކަތްތައް ވެސް ކުރަނީ އެހެން ކުންފުނިތަކުންނެވެ. އެމްއޭސީއެލްގެ ދައުރަކީ އެއާޕޯޓް ހިންގުމެވެ.
އަމިއްލަ މެޝީނަރީ އާއި ފައިސާ ވެސް ނެތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިދިޔަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ރަށްރަށުގެ ސްކޫލްތައް ތަރައްގީ ކުރުމަށް ވެސް ހަވާލުކޮށްފަ އެވެ.
ރަށްރަށުގައި ހިންގާ އެކި މަޝްރޫއުތައް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރާތީ އެކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށް އެ ވިޔަފާރިތަކުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ