ގަބުރުސްތާނާ ގުޅޭ ފަތުވާއަށް އަވަސް ކަޅިއެއް ގަބުރުސްތާނާ ގުޅޭ ފަތުވާއަށް އަވަސް ކަޅިއެއް

މިލިޔުމުގައި ވިސްނާ ފިކުރު ހިންގާލަން ދައުވަތު މިއަރުވަނީ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާ ނަންބަރު 31 އަށެވެ. އެއީ އެމަޖިލީހުގެ ނަންބަރު 466/2025/02 'މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ޙުކުމް' މި ފަތުވާއަށެވެ. އެ ފަތުވާ އައިސްފައިވާ މައުލޫގައި އޮންނަންޖެހޭ ފަތުވާއެއްގައި ހިމެނެންޖެހޭ ވަރަށް މުހިންމު ނުކުތާތަކެއް އެފަތުވާއިން ފެންނަން ނެތަތީ، އެކަމަށް ނަޒަރެއް ދެއްވުމުގެ ދައުވަތެއް އެރުވުމުގެ ގޮތުން މި ލިޔުން ހިއްސާކުރަމެވެ.
ފަތުވާއަކީ ކޮބައިތޯއެވެ؟ ފަތުވާއަކީ ވަކި ކަމެއްގައި، އިސްލާމްދީނުގެ މަސްދަރުތަކުން ލިބޭ ދަލީލުތައް ދިރާސާކޮށް އެ ދަލީލުތަކުން ބަޔާންވާ އެކަމެއްގެ ހުކުމް ބުނެދިނުމެވެ. އާންމު އުސޫލަކުން ފަތުވާއެއް ބޭނުންވަނީ ސާފު ސައްހަ ދަލީލަކުން ކަށަވަރުކޮށް އެނގެން ނުހުންނަ ކަންކަމާއި އާންމު ގިނަ މީހުންނަށް އެނގިފައި ނުހުންނަ ކަންކަމުގައެވެ. މިސާލަކަށް އިސްލާމްދީނުގައި ފަރުޟު ފަސް ވަގުތު ނަމާދުކުރުން ވާޖިބުކަމުގައި ބުނެ އެއްވެސް ފަތުވާ ކޮމިޓީއަކުން ފަތުވާއެއް ނުނެރޭނެއެވެ. އެކަމަކު ސިކުނޑިއަށް ދިމާވާ ބަލިތަކުގެ ތެރެއިން ފަރުޟު ނަމާދުގެ ވާޖިބުން އިސްތިސްނާވެ މުކައްލަފެއްގެ ޝަރުތު ކެނޑޭ ދަރަޖައަކަށް އެވެނި މިވެނި ބައްޔެއްގައި ގޮސްދާނެތޯ ނޫންތޯ މިއީ ފަތުވާއެއް ބޭނުންވެދާނެ ބާވަތުގެ ކަމަކެވެ.
މުސްލިމުންގެ ގަބުރުސްތާނުތައް ކޮނުމާއި ގަބުރުތައް އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމުގެ އާންމު ހުކުމަކީ އެއީ ބޮޑުވެގެންވާ ހަރާންކަމެއްކަން އަހަރެމެން އެންމެހާ މުސްލިމުން ގަބޫލުކުރެއެވެ. އެއީ ފަތުވާއަކަށް ބޭނުންވާ ވަރަށްވުރެ ސާފު އަދި އެންމެން ދަންނަ ކަމެކެވެ. އަދި ދިވެހި ސަރުކާރުތަކުންވެސް އެކަން ބަލައިގަނެފައިވެއެވެ. އެއްވެސް ސަރުކާރަކުން ނުވަތަ ސިޓީ ކައުންސިލަކުން، އިހުގައި ނަމަ މުނިސިޕަލްޓީން އެހެންނާ އަވަށު އޮފީހަކުންވެސް މާލޭގައި ޖާގަތަކާއި ހުސް ސަރަހައްދުތައް އޮތް ދުވަސްވަރު ގަބުރުސްތާނުތަކާ ބެހޭކަށް ހިތަށް އަރުވާފައިވެސް ނުވެއެވެ.
ގަބުރުސްތާނުތަކާ ބެހެވިދާނެތޯ އެތަންތަން ބަދަލުކުރެވިދާނެތޯ މި ސުވާލެއް ފެންމަތިވާންފެށީ މީގެ އަހަރުތަކެއް ކުރިން ފެށިގެން މާލޭގައި ބިމުގެ ދަތިކަން އިންތިހާއަށް ދިމާވުމާ ގުޅިގެންނެވެ. މާލޭގެ ހާލަތަށް ބަލާއިރު، މާލޭގައި ހުރި ގަބުރުސްތާނުތަކާ އެއްވެސް ވަރަކަށް ބެހެވިދާނެތޯއެވެ؟ އަދި ބެހެވޭނަމަ ބެހެވޭނީ ކޮން ހާލަތެއްގައި ތޯއެވެ؟ އަދި މާލޭގައި ބިމުގެ ދަތިކަން ދިމާވެފައި މިއޮތީ، ގަބުރުސްތާނުތައް ނައްތާލައި ނުވަތަ ބަދަލުކުރުން ހުއްދަވާފަދަ ޝަރުޢީ ޟަރޫރަތްތެރިކަން އުފެދޭ ދަރަޖައަކަށްތޯ ނުވަތަ ނޫންތޯއެވެ؟ މާލޭގައި ބިމުގެ ދަތިކަން އެފަދަ ދަރަޖައަކަށް ގޮސްފައިވާނަމަ، ވެސް ގަބުރުސްތާނުތައް ނައްތާލުން ނުވަތަ ބަދަލުކުރުން ކުރިޔަށް ގެންދެވޭނީ ވަކި ބާވަތެއްގެ މަޝްރޫޢުތަކަށް އެކަނިތޯ ނުވަތަ ނޫންތޯއެވެ؟ މިސްކިތެއް އެޅުމަށްޓަކައި ގަބުރުސްތާނު ނެގިޔަސް ޕާކެއް އެޅުމަށް ނުވަތަ ކުޅިވަރު ކުޅޭ ތަނެއް ހެދުމަށް ގަބުރުސްތާނެއް ނެގުން އެއީ ޝަރުޢީ ޟަރޫރަތެއްތޯ ނޫންތޯއެވެ؟
ފަތުވާ ނަންބަރު 31 ފެށިގެން ނިޔަލަށް ވިދާޅުވާށެވެ. މިއިން އެއްވެސް ކަމަކަށް އެ ފަތުވާގައި ނަޒަރެއް ދީފައި ނުވެއެވެ. އަދި ބަސްފުޅެއް ވިދާޅުވެފައި ވެސް ނުވެއެވެ. އޭގެ ބަދަލުގައި މުޅި ފަތުވާގައި ބަޔާންކޮށްފައިވަނީ، ގަބުރުސްތާނުތައް ނައްތާލުމާއި މުސްލިމުންގެ ގަބުރު ކޮނުމުގެ އާންމު ހުކުމެވެ. އަދި އެ އާންމު ހުކުމަށް ހަވާލާދީ، ޕާކްތައް އެޅުމާއި މައިޒާން ހެދުމަށް ގަބުރުސްތާނު ނެގުން ހުއްދަ ނުވާނެކަމަށް އެއް ޖުމުލައިން ވިދާޅުވެފައި އޮތް އޮތުމަކީ ފަތުވާދިނުމުގެ އާންމު ހަމަތަކާއި އުސޫލުތަކާ ވެސް ހިލާފަށް ފަތުވާ ކޮމިޓީން ކޮށްފައިވާ ކަމެކެވެ.
އާދޭހެވެ! މުސްލިމުންގެ ގަބުރުކޮނުމުގެ އާންމު ހަކުމަކީ ހަރާންވެގެންވުމެވެ. ސަބަބަކީ އެއީ ރައްކާތެރިވެގެންވާ މުސްލިމުންގެ ޙުރުމަތްތެރިކަން ނަގާލެވޭ ކަމަކަށް އެކަންވާތީއެވެ. ނަމަވެސް ޟަރޫރަތަށްޓަކައި އެކަން ކުރުން ޢިލްމުވެރިން ހުއްދަކުރައްވާފައިވެއެވެ. އެއްގޮތަކަށް ވެސް އެފަދަ ޟަރޫރަތެއް މާލޭގައި މިވަގުތު އޮތޭ އަޅުގަނޑު ދަންނަވަނީކީ ނޫނެވެ. އަޅުގަނޑު މިދަންނަވަނީ ފަތުވާ ކޮމިޓީގެ ފަތުވާގައި އޮންނަންވީ މާލޭގައި އެފަދަ ޟަރޫރަތެއް އޮތްކަން ނުވަތަ ނެތްކަމާއި އޮތްނަމަ ގަބުރުސްތާނު ނެގުން ހުއްދަވާނީ ވަކި ކަމަކަށް ނަމަ އެވާހަކައެވެ. ނަމަވެސް މިކަމުގެ ތަފުސީލު ބަޔާންކުރެއްވުމެއް ނެތި، މުސްލިމުންގެ ގަބުރު ކޮނުމުގެ އާންމު ހުކުމާ ގުޅޭ ވާހަކަ އެކަނި އެފަތުވާގައި އޮތީމާ، އެއީ މާލެއަށް ދިމާވެފައިވާ ހަގީގީ މައްސަލައިގެ ހުކުމް ބަޔާންވާފަދަ ފަތުވާއެއްގައި ހުންނަންޖެހޭ އެންމެ އާންމު ޝަރުތު ކަމަށްވާ ދިމާވެފައިވާ ހަގީގީ މައްސަލައަށް އެޑްރެސްކުރެވިފައި އޮތުމުގެ ޝަރުތުވެސް އުނި ފަތުވާއެކެވެ.
މުސްލިމުންގެ ގަބުރުކޮނުން ހަރާންކަމާމެދު އިލްމުވެރިންގެ މެދުގައި ހިލާފެއް ނެތްފަދައިން، ޝަރުޢީ ޟަރޫރަތަކަށްޓަކައި، މުސްލިމުންގެ ގަބުރުކޮނުން ހުއްދަކަމާމެދު ވެސް އިލްމުވެރިންގެ މެދުގައި ހިލާފެއް ނެތެވެ. ހިލާފު އޮތީ ޝަރުޢީ ޟަރޫރަތަކަށް ބެލިދާނެ ކަންކަމަކީ ކޮބައިކަމާމެދުގައެވެ.
ގަބުރުސްތާނެއް އުވާލެވިދާނެ ހަތަރު ހާލަތެއް އިލްމުވެރިން ބަޔާންކުރައްވައެވެ. އެއް ހާލަތަކީ، ގަބުރުސްތާނުގައި ވަޅުލި ބަޔަކު ވަޅުލިތާ އެތައް ޒަމާނެއް ފާއިތުވުމުގެ ސަބަބުން އެތަނުގެ ގަބުރުތައް ފަސްގަނޑާ އެކުވެ ވީރާނާވެ ގޮސްފައިވުމެވެ. ދެވަނަ ހާލަތަކީ، ގަބުރުގައި ވަޅުލެވިފައިވާ ހަށިގަނޑުގެ މަސްލަހަތަށްޓަކައި ގަބުރުކޮންނާންޖެހުމެވެ. މިސާލަކަށް ވަޅުލައިފައި އޮތް ތަނުގެ ގޮތުން، ހަޑި ފެންއެޅޭ ގޮތެއް މެދުވެރިވުން ފަދަ ކަންކަމެވެ. ތިންވަނަ ހާލަތަކީ؛ ވަޅުލާފައި އޮތް ތަނާމެދު އެހެން އާދަމުގެ ދަރިއެއްގެ ހައްގެއް އޮތުމެވެ. މިސާލަކަށް ވަޅުލެވިފައިވާ ބިމަކީ އެހެން އާދަމުގެ ދަރިޔެއްގެ އަތުން ފޭރިގަނެފައިވާ ބިމަކަށްވުމެވެ. ހަތަރުވަނަ ހާލަތަކީ؛ މުސްލިމުންގެ ޖަމާއަތުގެ އާންމު ޟަރޫރަތްތެރި މަސްލަހަތަކަށްޓަކައި ގަބުރުކޮންނާންޖެހުމެވެ. އަދި އެ ގަބުރު ކޮނުމާ ނުލައި އެކަން ހާސިލުކުރެވެން ނެތުމެވެ.
މުސްލިމުންގެ ހަލީފާ އަމީރު މުއާވިޔާގެފާނުގެ ވެރިކަމުގައި އިތުރު އެކަލޭގެފާނަށް މަސްލަހަތެއް ކަމަށް ފެނިވަޑައިގެންނެވި ކަމަކާ ގުޅިގެން ބައެއް ގަބުރުތައް ބައެއް ތަންތަނުން ނަންގަވާފައިވާއިރު، މި މައްސަލައަކީ ސަލަފުއްޞާލިޙުންގެ ޒަމާނުން ފެށިގެން އެކަމުގެ އަމަލީ ނަމޫނާތަކަށް ދާންދެން ފެންނާން އޮތް ކަމެކެވެ. މިދެންނެވީ ގަބުރުކޮނުމުގެ އާންމު ހުކުމާއި އިސްތިސްނާ ހާލަތްތަކުގެ ވާހަކައެވެ. ފަތުވާ ނަންބަރު 31 ގައި ގަބުރުކޮނުމުގެ އާންމު ހުކުމުގެ އިސްތިސްނާތަކަށް އެއްވެސް ނަޒަރެއް ދިނުމެއް ނެތި ކުރުކޮށްލާފައިވަނީ ކަނޑައެޅިގެން ޢިލްމީ އަމާނާތްތެރިކަމާވެސް ހިލާފަށެވެ.
މާލޭގެ ގަބުރުސްތާނެއް އެތަނުގައި ހުރި ގަބުރުތައް ނަގާފައި އެތަނުގައި މައިޒާނެއް ނުވަތަ ޕާކެއް ނުވަތަ ކުޅިވަރު ކުޅޭ ތަނެއް ހެދިދާނެތޯއެވެ؟ ފަތުވާ ބޭނުންވާ ސުވާލަކީ މިއީއެވެ؟ މި ސުވާލަށް ފަތުވާއެއް ދިނުމަށްޓަކައި ފުރަތަމަ ބަޔާންކުރަންވާނީ؛ އާދޭހެވެ! ތެދެކެވެ. ގަބުރުކޮނުމުގެ އާންމު ހުކުމަކީ ހަރާންކަމެއްކަމެވެ. ނަމަވެސް ޟަރޫރަތަށްޓަކައި ގަބުރުކޮނުން އިލްމުވެރިން ހަތަރު ހާލަތެއްގައި ހުއްދަ ކުރައްވާކަން މިފަތުވާގައި ބަޔާންކުރަންވާނެ އެވެ. އަދި އެ ހަތަރު ހާލަތަކީ ކޮބައިކަންވެސް ބަޔާންކުރަންވާނެއެވެ. އަދި އެ ހަތަރު ހާލަތުގެ ތެރެއިން މިސުވާލާ ގުޅޭ ހާލަތަކީ، ޖަމާއާތުގެ އާންމު މަސްލަހަތަށްޓަކައި ގަބުރުކޮނުމުގެ ހާލަތުކަން ވެސް ބަޔާންކުރަންވާނެއެވެ.
ޕާކެއް އެޅުމަށްޓަކައި ނުވަތަ މައިޒާނެއް ހެދުމަށްޓަކައި ނުވަތަ ކުޅިވަރުކުޅޭ ތަނެއް ހެދުމަށްޓަކައި މާލޭގައި ހުރި ގަބުރުސްތާނެއް ނެގުން ހުއްދަ ނުވަންޏާ ނުވާނީ، ގަބުރުކޮނުމުގެ އާންމު ހުކުމް އޮތްގޮތުންނަމަ އެކަމަކީ ފަތުވާއެއް ބޭނުންވާނެ ކަމެއްނޫނެއްނޫންތޯއެވެ؟ ޕާކެއް ހެދުން ނުވަތަ މައިޒާނެއް ހެދުން އެއީ ގަބުރުކޮނުން ހުއްދަވާފަދަ ޖަމާއަތުގެ އާންމު މަސްލަހަތެއްކަމަށް ފަތުވާ ކޮމިޓީއަށް ނުފެންނަ ނަމަ އެވާހަކަ ބަޔާންކުރެވިދާނެއެވެ. ފަތުވާވެސް ދޭންވާނީ ޒިންމާދާރުކަމާއެކުގައެވެ. މިއީ ދީނީ ކަމެކެވެ. މިބާވަތުގެ ކަންކަމުގައި ކަންފަސޭހަކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި ޝަރުޢީ ޟަރޫރަތަކަށްޓަކައި ގަބުރުސްތާނެއް ނައްތާލެވިދާނެއެވެ. އަދި އެތަނުގައި ގަބުރުހުރިނަމަ އެ ގަބުރުތައް އެހެން ތަނަކަށް ބަދަލުވެސް ކުރެވިދާނެއެވެ. ޖަމާއަތުގެ ޢާންމު މަޞްލަޙަތެއް އުފަންވުމަކީ، ގަބުރުސްތާނެއް ނައްތާލެވިދާނެ ފަދަ ޝަރުޢީ ޟަރޫރަތެއްކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ.
މާލޭގައި ހުރި ގަބުރުސްތާނެއް ނަގާފައި އެތަނުގައި ޕާކެއް އެޅުން ނުވަތަ މައިޒާނެއް ހެދުން ނުވަތަ ކުޅިވަރު ކުޅޭ ތަނެއް ހެދުން އެއީ މާލޭގައި ދިރިއުޅޭ ޖަމާއަތުގެ މަސްލަހަތާ ގުޅިފައިވާ ކިހާ ވަރެއްގެ ޟަރޫރަތެއްތޯއެވެ؟ މިއީ ފަތުވާ ކޮމިޓީއަށް ބަސްކިޔޭނެ ކަމެއް ވެސް ނޫނެވެ. ފަތުވާ ކޮމިޓީއަށް ބަސްކިޔޭނީ ޟަރޫރަތެއް ނަމަ ހުއްދަވާނެކަން ބަޔާންކުރުމާ ހަމައަށެވެ.
މީގެ މިސާލަކީ، ބަލި މީހަކު ނަމަ ރޯދަ ދޫކޮށްލުން ހުއްދަވާނެ ކަމުގައި ބަޔާންކުރުމެވެ. ނަމަވެސް މިވެނި އެވެނި މީހަކީ ރޯދަ ދޫކޮށްލުން ހުއްދަ ނުވާ ވަރަށް ބަލި މީހަކުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ފަތުވާ ކޮމިޓީއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ފަތުވާ ކޮމިޓީއަށް އެކަން ނޭނގެނެތީއެވެ. މާލޭގައި ކުޅިވަރު ކުޅޭ ތަންތަން ނުވަތަ މައިޒާނާއި ޕާކްތައް ޟަރޫރަތަށް ފުދޭވަރަށް ހުރިކަން ނުވަތަ ނެތްކަން ކަނޑައަޅާނީ އެކަމުގެ ޝަރުޢީ ބަދަލުވެރިކަން އޮތް ފަރާތުންނެވެ. އަދި އެކަން އެހެން ގޮތަކަށް ކުރެވެން އޮތްކަން ނުވަތަ ނެތްކަން ދެނެގަނެވޭނީ ވެސް އެފަރާތަށެވެ.
އަޅުގަނޑުވެސް އެއްބަހެވެ. މުސްލިމުންގެ ގަބުރުކޮނުން ހުއްދަވާނެ ޟަރޫރަތެއް އަންނާނީ، އެ ޟަރޫރަތަކަށްޓަކައި އެހެން އެއްވެސް ގޮތެއް ނެތިއްޖެ ހާލަތެއްގައެވެ. އެކަމަކު އެހެން އެއްވެސް ގޮތެއް ނެތިއްޖެކަން އެނގޭނީ، އެ ޟަރޫރަތަކާ ގުޅިފައިވާ މަސްއޫލިއްޔަތު ބަލަހައްޓަމުންދާ ބަޔަކަށެވެ. މާލޭގެ ބިންތަކާއި އިމާރާތްތައް ބަލަހައްޓަނީ ފަތުވާ ކޮމިޓީއަކުން ނޫނެވެ.
އަދި ދަންނަވަންތޯއެވެ؟ ކުޅިވަރު ކުޅޭ ތަންތަން ހެދުމާއި ޕާކްތަކާއި މައިޒާންތައް ހެދުމަކީ އިސްލާމްދީން ބާރުއަޅާ ކަމެކެވެ. ކުޅިވަރުކުޅުމަކީ އިސްލާމްދީނާ މާދުރު ކަމެއް ކަމުގައި އިލްމުގެ އަހުލުވެރިންގެ ތެރެއިން ބަޔަކަށް ގަބޫލުކުރެވުމުގެ ނަތީޖާއަކީ ބަނޑުލުން މުސްލިމުންގެ ތެރޭގައި އާންމުވެގެންދިއުމެވެ. މުސްލިމުންނަކީ ހެލިފެލިވެ ނޫޅެވޭ ބަޔަކަށްވެގެންދިއުމެވެ. މާތް ނަބިއްޔާ ހަމައެކަނި ތުނބުޅި ބެހެއްޓެވީކީ ނޫނެވެ. އިތުރު އެކަލޭގެފާނުގެ ހަށިކޮޅު ވެސް ބެހެއްޓެވީ ވަކި ގޮތަކަށެވެ. އަހަރެމެން މި ހުންނަ ކަހަލަ ބަނޑެއް އިތުރު އެކަލޭގެފާނުގެ ހުންނަ ކަމުގައި ނުވެއެވެ. އަދި ސުވަރުގެ ވަޑައިގަތުމާ ހަމައަށްވެސް ޖިހާދުގެ މައިދާނުގައި ވެސް ހެލިފެލިވެ އުޅެވޭ ފަދަ ފިޓްކަން އެކަލޭގެފާނުގެ ކިބައިގައިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ