ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16އަށް

ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ ވެއްޖެއެވެ.
ވޯލްޑް ކަޕްގެ ގަދަ 16 އަށް ކެނެޑާ ފުރަތަމަ ފަހަރަށް ދަތުރުކުރީ، މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ދެކުނު އެފްރިކާގެ މައްޗަށް 1-0 ކުރިހޯދައިގެންނެވެ.
މެޗުގެ ހަމައެކަނި ލަނޑު، އިތުރު ވަގުތުގެ 2ވަނަ މިނެޓުގައި ކެނެޑާއަށް ކާމިޔާބުކޮށްދިނީ ސްޓީފަން އެސްޓާކިއޯއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފަށް ތައްޔާރުވެފައި ވަނިކޮށް، އެސްޓާކިއޯ ވަނީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ވަށްދާ ކެނެޑާއަށް މުހިންމު މޮޅެއް ހޯދައިދީފައެވެ.
މި މެޗުގައި ކެނެޑާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ މެޗުތައް ގެއްލުނު އަލްފޮންސޯ ޑޭވީސް އަލުން ޓީމާ ގުޅުމެވެ. ބަޔާން މިއުނިކަށް ކުޅޭ ޑޭވީސްއަށް އަނިޔާވީ މިދިޔަ މެއި މަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީ އާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މި މުބާރާތުގެ ކުރިން ކެނެޑާ ކުޅުނު ވޯލްޑް ކަޕްގެ ހުރިހާ މެޗަކުން އެ ގައުމު ވަނީ ބަލިވެފައެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެ ޓީމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.
މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ގަތަރު އަތުން 6-0 އިން މޮޅުވެ، ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ މޮޅު ހޯދި ކެނެޑާއަށް، މިއީ ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ހޯދުނު ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
މިއާއެކު ކެނެޑާ ވެފައިވަނީ ގަދަ 16 އިން ޖާގަ ކަށަވަރުކުރި ފުރަތަމަ ގައުމަށެވެ. ގަދަ 16 ގައި އަންނަ ޖުލައި މަހުގެ 4ވަނަ ދުވަހު، ކެނެޑާ ބައްދަލުކުރާނީ ނެދަލެންޑްސް އާއި މޮރޮކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ގްރޫޕް ބީގެ ހުރިހާ މެޗެއް ކެނެޑާގައި ކުޅުނު ނަމަވެސް، ފަހު މެޗުގައި ސުވިޒަލެންޑް އަތުން 2-1 އިން ބަލިވުމުން އެ ޓީމަށް ލިބުނީ ގްރޫޕްގެ ދެވަނައެވެ. އެހެންކަމުން މުބާރާތުގެ ކުރިއަށް ހުރި މެޗުތައް ކުޅުމަށް އެ ޓީމަށް ވަނީ އެމެރިކާއަށް ދަތުރުކުރަން ޖެހިފައެވެ.
އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ގެއްލުނު ނަމަވެސް، ކެނެޑާގެ ޓީމުން ވަނީ ތާރީޚީ މޮޅަކާއެކު އެ ގައުމުގެ ސަޕޯޓަރުން އުފާކޮށްދީފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން، ކުރިން ލީޑްސް ޔުނައިޓެޑަށް އިރުޝާދުދިން ކޯޗު މާޝް ވަނީ، މި ކާމިޔާބީއަކީ އެ ގައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ