އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއި ގުރޫޕުން އަނެއްކާވެސް ލަނޑުދީފި

އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އަސްކޮއި ގުރޫޕުން އަނެއްކާވެސް ލަނޑުދީފި އެވެ.
ވީ ކިހިނެއް؟ - އަސްކޮއި ގުރޫޕަކީ މީހުން އުމްރާއަށް ގެންދިޔުމުގައި މީގެ ކުރިން ވެސް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ގުރޫޕެކެވެ. އޭގެ ތެރޭގައި ފައިސާ ނެގުމަށް ފަހު އެންމެ ފަހު ވަގުތު އުމްރާއަށް ގެންދިޔުން ކެންސަލްކޮށްފައި ވެސްވެ އެވެ. 
އަސްކޮއި ގުރޫޕު ހިމެނޭ މައްސަލަތައް:
2016 ވަނަ އަހަރު އެ ގުރޫޕުން އުމްރާއަށް ފުރަން ދިޔަ ބަޔަކު އެއާޕޯޓުގައި ތާށިވި؛ އެ ފަަހަރު، 38 މީހަކަށް ވިސާ ނުލިބިގެން ފުރޭގޮތެއް ނުވި އަދި އެ މީހުންނަށް ފުރޭގޮތްވީ މާ ފަހުން
2018 ވަނަ އަހަރު ވަގުޓިކެޓްތަކެއް ވިއްކައިގެން އަސްކޮއި ގުރޫޕުގެ 168 އުމްރާވެރިންނަށް ފުރޭ ގޮތެއް ނުވި؛ އެ ގުރޫޕުން ފަހުން ބުނިގޮތުގައި ޓިކެޓް ގަންނަން ހަވާލުކުރި ކުންފުނި އެ މީހުންނަށް އޮޅުވާލީ
މިދިޔަ ރޯދަ މަހު ވެސް މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލް ކުރި ކަމަށް ބުނެ މީހުންނަށް ލަނޑުދިން؛ އެ ފަހަރު 130،000ރ. އިން އެ ގުރޫޕު ޖޫރިމަނާ ކުރި 
ތަފްސީލު - މި ފަހަރު އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ފައިސާ ދައްކާފައިވަނިކޮށް ލަނޑުލިބިފައިވަނީ ށ. ފޯކައިދުއަށް ނިސްބަތްވާ 28 މީހެކެވެ. އެ މީހުން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ބޮލަކަށް 25،000ރ.ގެ މަގުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ދައްކާފަ އެވެ.
ލަނޑު ލިބުނު މީހަކު ފޭސްބުކްގައި ލިޔުނު ގޮތުގައި:
ގުރޫޕުން ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މާލެ އައުމަށް އެދިފައި
އެކަމަކު މާލެ އައުމަށް ޓިކެޓް ނަގައި އެންމެން ތައްޔާރުވެފައި ވަނިކޮށް، އަސްކޮއި ގުރޫޕުން ވަނީ މި ފަހަރު އުމްރާ ދަތުރު ނުދެވޭނެ ކަމަށް އަންގާފައި
އޭގެ ފަހުން ގުރޫޕުގެ ހަބަރެއް ނުވާ ކަމަށާއި މެސެޖްކޮށް ގުޅުމުން ވެސް ޖަވާބެއް ނުދޭ
މި މައްސަލަ އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ބަލަމުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަސްކޮއި ގުރޫޕުން މީހުންގެ އަތުން ފައިސާ ނަގައި ފުރަން އޮތް ދުވަަހަށް ނުފުރައި ލަނޑުދީގެން އުޅޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ގަވައިދާ އެއްގޮތަށް، އެ ގުރޫޕާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ