އޯޓިޒަމް ކުދީންނަށް ހުރިހާ ދާއިރާއަކުން އެހީވާނެ: އެމްއޭސީއެލް

އޯޓިޒަމް ކުދިންނަށް ހުރިހާ ދާއިރާއަކުން އެހީވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރަށް އޮތް ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށްޓަކައި ބާއްވަމުން އަންނަ "އާޓް އޮފް މައިންޑް"ގެ މި އަހަރުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ އެމްއޭސީއެލްގެ ވިސްނުމަކީ އޯޓިޒަމް ފަދަ ކުދިންނަށް އެ ކުންފުނީގެ ދޮރު ތަންމިނަށް ހުޅުވާލާފައި ބޭއްވުން ކަމަށެވެ.
"އާޓް އޮފް މައިންޑް"ގެ މި އަހަރުގެ މައުރަޒު ހުޅުވުން -- ފޮޓޯ: ވޮއިސް
"އޯޓިޒަމް ހުންނަ ކުދިންނަށް ހުރިހާ ރޮނގަކުން އެހީތެރިވާން އެމްއޭސީއެލް އޮތީ ތައްޔާރަށް، އެގޮތުގައި ދެމި ތިބޭނަން. އެމްއެސީއެލް އަބަދުވެސް ދެމި އޮންނާނީ އޯޓިޒަމް އެސޯސިއޭޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި. މި ގުޅުން ދުވަހެއް ދުވަހެއް ދާނީ ބަދަހިވަމުން. ގޮވާލި ކޮންމެ ކަމަކަށް އިޖާބަ ދޭނަން" އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވިއެވެ.
"އާޓް އޮފް މައިންޑް"ގެ މި އަހަރުގެ މައުރަޒު ހުޅުވުން -- ފޮޓޯ: ވޮއިސް
ސީއީއޯ ޝަރީފު ވިދާޅުވީ އޯޓިޒަމް ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 2010 ވަނަ އަހަރުން ފެށިގެން އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެކަމުގައި އިލްހާމް ހުސެއިން ކޮށްދެއްވަމުން ގެންދަވަނީ ގައުމީ އަދި ފަރުދީ މަސައްކަތެއް އެކަނި ނޫން ކަމަށެވެ. އިލްހާމް ހުސެއިންގެ އެ މަސައްކަތަކީ އިންސާނިއްޔަތަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެހެންވެގެން އެކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ސީއީއޯ ޝަރީފު ވިދާޅުވި އެވެ.
"އާޓް އޮފް މައިންޑް"ގެ މި އަހަރުގެ މައުރަޒު ހުޅުވުން -- ފޮޓޯ: ވޮއިސް
ތަފާތު ނުކުޅެންތެރިކަން ހުންނަ ފަރާތްތަކަށް މި ކުންފުނިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުން އަންނައިރު އޯޓިޒަމް ކުދިންނަށް ތަފާތު ދާއިރާތަކުން މީގެ ކުރިންވެސް ވަނީ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 2023 ވަނަ އަހަރު ބޭއްވި "އާޓް އޮފް މައިންޑް" މައުރަޒުގައި ދައްކާލި ބައެއް ކުރެހުންތައް އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ ކަލަންޑަރުގައި ވަނީ ހިމަނައިފައެވެ. އެއީ އޯޓިޒަމް ދަރިވަރުންނަށް ފަންނުވެރިކަމުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ލިބިގެންދިޔަ ހިތްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ