އެމްއެމްއޭގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓު 50 ޕަސަންޓަށް ބޮޑުކުރުން އެމްއެމްއޭގެ އަމާޒަކީ ކުދި ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓު 50 ޕަސަންޓަށް ބޮޑުކުރުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓު 50 ޕަސަންޓަށް ބޮޑުކުރުން ކަމަށް ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ ބޭންކުތަކަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތަކުން ވިއްކާ ޑޮލަރު ޕަސަންޓު މިހާރު 30 ޕަސަންޓުގައި ހުރި ނަމަވެސް، އެ ޕަސަންޓު 50 ޕަސަންޓަށް ބޮޑުކުރުމަކީ އަމާޒެއް ކަމަށެވެ.
"ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 ޕަސަންޓުގައި. ނަމަވެސް އަމާޒަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސަންޓަށް ބޮޑުކުރުން،" އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭއިން މިހެން ބުނެފައިވާއިރު ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20.20 ޑޮލަރަށް ވަނީ އުފުލިފަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ޑޮލަރުގެ އަގު ނުއުފުލޭހާ ބޮޑު އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.
އެމްއެމްއޭ އިން ބުނީ ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކިން ނިޒާމަށް އެތެރެވާ އަދަދުގެ ތެރެއިން ރާއްޖޭގެ ބޭންކުތަކަށް މާރުކުރުވޭ މިންވަރު މި އަހަރު 20 ޕަސަންޓަށް އިތުރުވެފައިވާ ކަމަށެވެ.
"ވޭތުވެދިޔަ ހަތަރު އަހަރުވެސް ގާތްގަނޑަކަށް 10 ޕަސަންޓުގައި. ނަމަވެސް ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރެވުން ފެށުމުން، 2025 ވަނަ އަހަރުގެ މިހާތަނަށް މިއަދަދު ވަނީ %20 އަށް އިތުރުވެފައި،" މަރުކަޒީ ބޭންކުން ބުންޏެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ފާރާތްތަކުގެ ބޭނުންތަކަށް އާންމު އުސޫލުގެ ދަށުން ވިއްކާފައިވާ ޖުމްލަ އަދަދު ވަނީ މިދިޔަ އަހަރުގެ އަޅާބަލާއިރު 14 ޕަސަންޓު އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެއިތުރުން އެމްއެމްއޭ އިން ބުނީ މިދިޔަ މަހުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ ޖޫން 30، ގެ ނިޔަލަށް 362 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 60 ޕަސަންޓު އެމްއެމްއޭއަށް ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ