އަބްދުއްރަހުމާންގެ މަރުގެ މައްސަލަ: އަނބިމީހާގެ ފޯނު ހިފަހައްޓައިފި

އއ. މާޅޮހުގައި ރަހުމު ކުޑަ ގޮތަކަށް ހަމަލާދީ މަރާލާފައި އޮތް އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަނބިމީހާގެ ފޯނު ހިފަހައްޓައިފިއެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ވަރަށް ރަހުމު ކުޑަ އަނިޔާތަކެއް ދިން ކަން އެނގިގެން ފަރުވާ ދިނުމަށް އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު 01:50 ހާއިރެވެ.
މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ ނިޔާވީ އެ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން ރޭ ބުނީ މި މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެގޮތުން މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަބްދުއްރަހުމާން ނިޔާވި ރޭ އޭނާގެ އަނބިމީހާ، އަބްދުއްރަހްމާން އޮތް ކޮޓަރިއަށް ވަނީ އެ ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު ފާހާނާ އަށް ދިއުމަށްޓަކައި ކަމަށާއި އޭރު ޢަބްދުއްރަޙްމާން އޮތީ މަރަށް ތެޅިތެޅިކަމަށް އަނބިމީހާ ބައެއް މީޑިއާތަކަށް ވަނީ ބުނެފައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ