ލިވަޕޫލުން އެކިޓީކޭގެ ޑީލް ހައިޖެކްކޮށްފި ލިވަޕޫލުން އެކިޓީކޭގެ ޑީލް ހައިޖެކްކޮށްފި

ލިވަޕޫލް (ޖުލައި 18) - ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ، ގަންނަން ނިއުކާސަލް ޔުނައިޓެޑުން މަޝްވަރާތައް ކުރިއަށްގެންދަމުން ދަނިކޮށް، ލިވަޕޫލުން އެ ޑީލް ހައިޖެކްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގިނަ ކްލަބްތަކަކުން ގެންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އެކިޓީކޭ، 23، ހޯދަން ނިއުކާސަލުން ބޮޑަށް މަސައްކަތް ކުރަމުން ދަނިކޮށް ލިވަޕޫލުން އެ ޑީލްގެ ތެރެއަށް ވަނީ ވަދެފަ އެވެ. އެއީ، ލިވަޕޫލުން ނިއުކާސަލްގެ ސްވިޑެން ފޯވާޑް އަލެކްސަންޑަ އިސާކް ހޯދަން ކުރި މަސައްކަތުގައި ކުރިއެރުން ނުލިބުމުން، 2021 ވަނަ އަހަރުން ފެށިގެން ލިވަޕޫލުން ފާރަލަމުން އައި ފޯވާޑް، އެކިޓީކޭ އަށް އޮފާ ކުރަން ނިންމީ އެވެ.
ނިއުކާސަލުން ވަނީ، އިސާކް އަކީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނުވިއްކާނެ ކުޅުންތެރިއެއް ކަމަށް އިއުލާނުކޮށްފަ އެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، 83 މިލިއަން ޑޮލަރުގެ ޕެކޭޖެއްގެ ދަށުން އެކިޓީކޭ، ލިވަޕޫލާ އެކު، ހަ އަހަރުގެ ޑީލެއް ހަދަން ވަނީ އެއްބަސްވެފަ އެވެ. އަދި، މި ޓްރާންސްފާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ފްރޭންކްފާޓާ އެކު، ލިވަޕޫލުން ވަރަށް ހަަލުވި ދުވެއްޔެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްރޭންކްފާޓާ އެކު، 2029 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އޮތް އެކިޓީކޭ އެ ކްލަބާ ގުޅުނީ، މިދިިޔަަ އަހަރު 23 މިލިއަން ޑޮލަރަށެވެ. އެއީ، އެއް ސީޒަނުގައި ލޯނަކަށް އެ ޓީމަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 64 މެޗުން 26 ގޯލު ޖަހައި، 14 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ