ގަދަ ވަޔާއެކު މާލެ، ހުޅުމާލޭން ގަސްތައް ވެއްޓި ގެއްލުންތަކެއް

މިއަދު ހެނދުނު އައި ކޮޅިގަނޑުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.
ތަފްސީލް - މިއަދު ހެނދުނު ގަދަވަޔާ އެކު ބޯކޮށް ވާރޭވެހުނު ވަގުތު މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބައެއް ގަސްތައް ވެއްޓި މީހުންގެ މުދަލަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
ފުލުހުން ބުނީ ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ހުޅުމާލޭ ފިތުރޯނުމަގާއި ބަގީޗާ ހިނގުމުގައި ހުރި ބޮޑެތި ބައެއް ގަސްތައް ވެސް ކޮޅިގަނޑުގައި ވަނީ ވެއްޓިފަ އެވެ. ގަސް ވެއްޓުމުގެ ސަބަބުން މަގުމަތީ ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް ވެސް ގެއްލުންވެފައިވެ އެވެ. މޫސުން ގޯސްވެ ވައިބާރު ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފޭސް2 ގެ ހިޔާ ސަރަހައްދުގައި ބަހައްޓާފައި ހުރި ބަސް ސްޓޭންޑެއް ވެސް ގަދަ ވަޔާއެކު އެއްލާލާ ވީޑިއޯ އެއް އާންމުވެފައިވެ އެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލުތައް ވެސް ގަދަ ވައިގައި ވަނީ ވެއްޓިފަ އެވެ.
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށް ލަފާލުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ