ރައީސް މުއިއްޒު ވެރިކަމަށް އެރީއްސުރެ އިންވެސްޓް ފޯރަމްތަކާއި ވިޔަފާރި ކޮންފަރެންސްތަކާއި ވިޔަފާރި ހޯދަން ބައްދަލުވުންތައް ބާއްވަމުން ދެއެވެ. އޭގެ އެއްވެސް ނަތީޖާއެއް ނުފެނި މިލިޔަނުން ޑޮލަރު އިސްރާފުވުން ނޫންކަމެއް އެކަން ކަމުން ނުވެއެވެ.
ރައީސްކަން ލިބިގެން މުއިއްޒު ފުރަތަމަ ދަތުރެއް ކުރީ ތުރުކީއަށެވެ. ތުރުކީ ދަތުރުގައި މުޅި ދަތުރުގެ ފޯކަސްއަކަށް އޮތީ ތުރުކީ ޓީވީ ސީރީސެއްގެ ސްޓާރުން ތަކަކާއި ރައީސްގެ ދެމަފިރިން ބައްދަލު ކުރުމެވެ. ވިޔަފާރީގެ ވާހަކައެއް ދެކެވުނިއްޔާ ދެކެވުނީ ޑްރޯން ގަތުމާއި މަނަވަރު ހޯދުމާއި ރާއްޖެއަށް ހަތިޔާރު ގަތުމުގެ ވާހަކައެވެ. ރާއްޖޭގެ އިގުތިސޯދަށް ނަފާވެރި ވިޔަފާރިއެއް އިންވެސްޓެއް އެ ދަތުރަކުން ނުހޯދުނެވެ.
ސަތޭކައަށްވުރެ ގިނަ މީހުންގެ ބޮޑު ފައުޖަކާއެކު ޗައިނާއަށް ރައީސް ކުރި ފުރަތަމަ ދަތުރުގައި ފާޑުފާޑުގެ ބައްދަލުވުންތައް ބޭއްވިއެވެ. ތިރީހަކަށް އެއްބަސްވުމުގައި ސޮއިކުރިއެވެ. ސޮއިކުރެވުނު ހުރިހާ އެއްބަސްވުމެއްހެން އޮތީ ޗައިނާއަށް ރާއްޖޭން ކޮންމެވެސް ބޮޑުކަމެއް ކޮށްދޭ ގޮތަށެވެ. ރާއްޖެއަށް މޮޅެއް ނަފައެއް ލިބޭނެ އެއްބަސްވުމެއް އޭގެތެރެއަކު ނެތެވެ.
މުއިއްޒު ވެރިކަމަށް އައިސް އިންވެސްޓް ފޯރަމެއް ދުބާއީގައިވެސް ބޭއްވިއެވެ. ރާއްޖޭގެ އެތައް ވިޔަފާރިވެރިން އެ ފޯރަމަށް ގެންދިޔައެވެ. ފޯރަމްގައި ބައިވެރިވި ބޭރުގެ އިންވެސްޓަރުންނަށްވުރެ އެތާގައި ތިބި ދިވެހީން މާ ގިނައެވެ. ސަރުކާރުން ބޮޑު ހޭދަކޮށްގެން ބޭއްވި ދުބާއީ ފޯރަމުން ވެސް ދައުލަތުން އެތައް މިލިޔަން ފައިސާ ހަރަދުވުން ނޫނީ ވީކަމެއް ހަރާމުން ހަރާމެވެ.
މެލޭޝިޔާއާއި ސިންގަޕޫރާއި އެމެރިކާގައިވެސް މުއިއްޒު އެކި ފާޑުފާޑުގެ އިންވެސްޓް ފޯރަމްތަކާއި ވިޔަފާރި ބައްދަލުވުންތައް ވަނީ ބާއްވާފައެވެ. އެންމެ ފަހުން އިނގިރޭސިވިލާތުގައި ވެސް އެ ޖަހަނީ އެ ސަކަރާތެވެ. ދައުލަތުން އެތައް މިލިޔަން ޑޮލަރު އިސްރާފުވުން ނޫންކަމެއް އެއިން ކަމަކުން ނުވެއެވެ.
ދުނިޔޭގެ ރޭޓިންގ އެޖެންސީތަކުން ބަނގުރޫޓް ރަނގަބީލު ޖަހަޖަހާ އޮއްވާ ރާއްޖޭގައި އިންވެސްޓްކުރަން އަންނަހާ ދުނިޔޭގެ ވިޔަފާރިވެރިން މޮޔައެއް ނުވާނެއެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން ވިޔަސް މާލީ އިދާރައަކުން ވިޔަސް ރާއްޖެއަށް ލޯނުދިނުމާއި އިންވެސްޓްކުރުމަކީ ކުރާނެ ކަމެއް ނޫނެވެ.
ބޮޑު ވަރަކަށް ކޮށްދޭނެހާވެސް ކަމަކީ ދަރަނި ރިސްޓްރަކްޗަރ ކޮށްދިނުމެވެ. މުއިއްޒުގެ ސްކޭމްގައި ޖެހޭނެހާވެސް ބަޔަކީ މަނީ ލޯންޑަރުންނާއި ފޭކް ޕްރިންސް ކަހަލަ ސްކޭމަރުންނެވެ.
މުއިއްޒުގެ އިންވެސްޓްމަޅީގައި ޖެހޭނީ ފޭކްޕްރިންސް ފަދަ ސްކޭމަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ