ރައީސާއި ކޮމަންވެލްތުގެ އެސްޖީ ބައްދަލުކުރައްވައި، މުހިންމު ދާއިރާތަކާ ބެހޭ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝާލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވައި މުހިންމު ދާއިރާތަކާ ގުޅޭ މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މިއަދުގެ މި ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ދެއްވި ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ ލީޑާޝިޕްގެ ދައުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ޤައުމީ ތަޞައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން، ވިޔަފާރިއާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅުންހުރި ދާއިރާތައް ހިމެނެއެވެ. މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެކިއެކި އިސްވެރިންނާއެކު މަތީފަންތީގެ ބައްދަލުކުރެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން އިނގިރޭސިވިލާތުގެ ރަސްގެފާނާ ބައްދަލުކުރެއްވިއިރު، ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައި ވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ