ނުދާން ހުރެ، ދިޔަ ދަތުރުގައި ބަންޑުން ޖަހައިލީ ޑިންގީ، އިނީ ސަލާމަތްވޭތޯ ދުއާކޮށްލަކޮށްލައި
މާލެއަށް ނިސްބަތްވާ، މިހާރު ގދ. ހޯނޑެއްދޫގައި ދިރިއުޅޭ އުމުރުން 66 އަހަރުގެ އަލީ ދީދީ މިއަދު ހެނދުނު ޑިންގީއެއްގައި މަހަށް ފުރީ އޭނާގެ އިތުރު އެކުވެރިއަކާ އެކުގައެވެ. އާންމުކޮށް އޭނާއަކީ ޑިންގީގައި ކަނޑަށް ނިކުމެ އުޅޭ މީހެއް ވެސް ނޫނެވެ. އެހެންވެ ދާން ނުދާން ހުރެފައި ވެސް އޭނާ އެ ދަތުރަށް ނައްޓައިލީ، މިއަދަކީ ހުކުރު ދުވަހަކަށް ވެސް ވުމާއެކުގައެވެ. މަސްވެރިކަން ވެސް ކުރެވޭނެ ކަމަށް ބަލައިގެންނެވެ. އޭނާ ބުނި ގޮތުގައި ހޯނޑެއްދޫއިން ނިކުތީ ހެނދުނު ހައެއް ހާއިރެވެ. "އެއީ ދެން މީހަކު ބުނެގެން މަސްވެރިކަން ކޮށްލަން ދިޔައީ. މަ ނުވެސް ދަން އާންމުކޮށް," އަލީ ދީދީ ބުންޏެވެ. އޭނާ ބުނީ ވިއްސާރަގަނޑު ނަގައިފައި އޮތްތަން ފެނުނީމާ މަސައްކަތްކުރީ އަވަހަށް އަނބުރާ ރަށަށް އާދެވޭތޯ ކަމަށެވެ. އެގޮތުން ރަށާ ދިމާއަށް ދަތުރުކުރަމުން ދިޔައިރު ފުރަތަމަ ވައިގަނޑުގައި ޖެހުމުން، ވައިޖެހޭ ކޮޅަށް މަޑުކޮށްގެން ތިބީ ކަމަށް ބުންޏެވެ. ނަމަވެސް ދެން ޖެހުނީ މާ ބާރުގަދަ ވައިގަނޑެއްގައެވެ. އަދި ރަށަށް އާދެވުމުގެ ކުރިން ބަންޑުން ޖަހައިލީއެވެ. "ވީ ގޮތަކީ، ވައިގަނޑު ޖެހިފައި ދެން ވީ ކަމެއް އެއީ. ދަގަނޑު ބިންދައިގެން ގޮސްގެން އޭތި ސަތަރީގައި ވައި އަޅައިފައި،" އޭނާ ބުންޏެވެ. އެއާއެކު އަލީދީދީއާއި އޭނާއާއެކު ދިޔަ 40 އަހަރުގެ މީހާގެ ފޯނުތައް ވެސް ކަނޑަށް ވެއްޓިއްޖެއެވެ. މީހަކާ ގުޅެން އޮތް ހަމައެކަނި މަގު ވެސް ގެއްލުނީއެވެ. ނަމަވެސް އެއިރު ރަށާ މާ ދުރުނުވާނެ ކަމަށް ވެސް އަލީދީދީ ބުންޏެވެ. ޑިންގީ ބަންޑުން ޖަހައިލައި ކަނޑުމަތިވެފައި ތިބި އެ ހާލަތުގައި ވެސް ސަލާމަތްވާނެ ކަމުގެ އުންމީދު ކުރި ކަމަށް އޭނާ ބުންޏެވެ. އަދި ހިތާހިތުން ދިޔައީ ދުއާކުރަމުން ކަމަށް ވެސް ބުންޏެވެ. "ދެން އެހެންނު ކުރާނީ ވެސް އެ ކަންތައް. އަހަރެމެން މުސްލިމު ބައެއް ވިއްޔާ،" ދެ ދަރީންގެ ބައްޕައެއްކަމަށްވާ އަލީދީދީ ބުންޏެވެ. އޭނާ ބުނީ، އޭނާއަށް ހެދުނު އެއް ގޯހަކީ މޫސުން ނުބަލައި ދަތުރު ދެވުން ކަމަށެވެ. "މޫސުން ނުބަލައޭ ދެވުނީ މަށަށް. އެއީ ވީ ގޮތަކީ، ދާ ޚިޔާލެއްގައި ނޫން ވިއްޔާ ހުރީ ވެސް. ކަމެއް ވާން އޮތިއްޔާ ވެދާނެ ދޯ،" ފުލުހުން ބުނި ގޮތުގައި އެ ޑިންގީ އޮޔާދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 8:39 ހާއިރެވެ. އެ ޑިންގީ ފެނުނީ 11:04 ހާއިރުކަމަށް ފުލުހުން ބުންޏެވެ. ސަލާމަތްކުރި ދެ މީހުންގެ ވެސް ހާލު ރަނގަޅެވެ. މީގެ އިތުރުން، އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި ސިފައިން އެ ޑިންގީ ހޯދަން ހަރަކާތްތެރިވަމުން އަންނަނިކޮށް ސިފައިންގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް ވެސް ފެނުނެވެ. އެ ޑިންގީ އަނބުރާ ގދ. މަޑަވެއްޔަށް ދާން ވެސް އެހީތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. https://sun.mv/208526 މޫސުން ގޯސް މި ދުވަސްވަރު ކުދިކުދި ޑިންގީތަކުގައި އެކަނި ދަތުރަށް ނިކުތުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވެސް ވަނީ ގދ. ގައްދުއިން އެކަނި ޑިންގީއެއްގައި ދަތުރުކުރި މީހަކު، ޑިންގީ ބަންޑުންޖެހި، ނިޔާވެފައެވެ. ގެއްލިގެން ހޯދި އެ ރަށު، ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު, މަރުވެ ލައްގާފައި އޮއްވައި ފެނުނީ އާދިއްތަ ދުވަހެވެ. ސަމާލުވޭ، މޫސުން ގޯސް މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައެރުމާއި، ވިއްސާރަ ވެސް އަންނަނީ ކުރަމުންނެވެ. މެޓު އޮފީހުން ވަނީ މިރޭ 23:00އާ ހަމައަށް ދ. އަތޮޅުން ފެށިގެން އައްޑުއާ ހިސާބަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނަށް ވައިގަދަވާނެކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. އަދި ހއ. އިން ފެށިގެން ފ. އަތޮޅަށް ވެސް ވަނީ މެންދަމު 03:00 އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނަށް ވައިގަދަވާނެކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ