ރިސޯޓް ލީގު: ފިނޮޅު ބަލިކޮށް އަނަންތަރާ އިން ތަށި ދިފާއުކޮށްފި ރިސޯޓް ލީގު: ފިނޮޅު ބަލިކޮށް އަނަންތަރާ އިން ތަށި ދިފާއުކޮށްފި

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އެންމެ ފޯރިގަދަ އެއް ޒޯން ކަމަށްވާ ބ. އަތޮޅުގެ ތަށި، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އިން ދިފާއުކޮށްފި އެވެ.
މިިދިޔަ ދެ އަހަރު ޗެމްޕިއަންކަން ހޯދި އަނަންތަރާ އިން މި ފަހަރުގެ ފައިނަލުގައި ކުޅުނީ 2023 ވަނަ އަހަރުގެ ޗެމްޕިއަން، ފިނޮޅު މޯލްޑިވްސްއާ އެވެ.
މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން އަނަންތަރާ މޮޅުވީ 7-6 އިންނެވެެ.
އަވަނި+ފަރެސް ރިސޯޓުގައި މި ފަހަރުގެ ބ. އަތޮޅުގެ މެޗުތައް ހޯސްޓްކުރިއިރު، ފައިނަލް މެޗު ފެނިގެންދިޔައީ ފޯރިގަދަކޮށެވެ. މި މެޗުގައި، އަނަންތަރާގެ ލަނޑުތައް ޖެހީ، އިސްމާއިލް އުމަރު (އިއްސެ) އާއި ރަޝާދު އަބްދުލް މަތީން (ރޭޑިއޯ) އެވެ. އަނެއްކޮޅުން ފިނޮޅުގެ ލަނޑުތައް ޖެހީ، ހަސަން ޝާމް އާއި އަލީ ޝަހީދު އެވެ.
އަނަންތަރާގެ ގޯލްކީޕަރު ބާސިތު (ކ) އެ ޓީމުގެ ސާޖިދުއާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ
ޕެނަލްޓީގައި، އަނަންތަރާ އިން ފޮނުވާލި، ރަޝާދު، އަހުމަދު ސާޖިދު، މުހައްމަދު ޖަލާލް، އިސްމާއިލް ޝާކިރު އަދި އަބްދުލް ރަހުމާން ހަމީޒް ވަނީ ޕެނަލްޓީތައް ވައްދާލައިފަ އެވެ.
ފިނޮޅުން، އިބްރާހިމް ނާފިޒު، އަބްދުލް ރަހުމާން ސަމާއު، އާދަމް އިމްޖާދު އަދި ޝާމް ޕެނަލްޓީތައް ކާމިޔާބުކުރިއިރު، ޝަހީދު ފޮނުވާލި ޕެނަލްޓީ، އަނަންތަރާގެ ގޯލްކީޕަރު، އަބްދުލް ބާސިތު އަބޫބަކުރު ވަނީ މަތަކޮށްފަ އެެވެ.
މި އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާ އެކު، މޮޅު ކުޅުންތެރިއާގެ ޓްރޮފީ ދިނީ އަނަންތަރާގެ ރަޝާދު އަށެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ މިދިޔަ ދެ އަހަރު އެ ޓީމަށް ތަށި ހޯދައިދިން، މުހައްމަދު ފުހެއިދު (ޓޯޑް) އެވެ.
ބ. އަތޮޅު ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އަނަންތަރާގެ ހުސެއިން ހަނާން (ޖޯ) އާއި އިއްސެގެ އިތުރުން، ފިނޮޅުގެ ނާފިޒު، ގޯލްކީޕަރު އަލީ ހަމްދާން އަދި އިބްރާހިމް އަފްލާހު އެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިން (ކ.ވ): ނާފިޒު، ޖޯ، ހަމްދާން، އިއްސެ އަދި އަފްލާހު.--- ފޮޓޯ: އިމޭޖަސް.އެމްވީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ