ޔާމީން ގެއްލުނުތާ ހަފްތާއެއް؛ ރާއްޖެއިން ބޭރަށް ގޮސްފައެއް ނުވޭ: ޕޮލިސް

މާލެއިން ގެއްލިގެން ހޯދަމުންދާ 30 އަހަރުގެ ދިވެހި ފިރިހެންމީހާ އަދިވެސް ނުފެންނާތީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އަނެއްކާވެސް އެދިއްޖެ އެވެ.ފުލުހުން ބުނިގޮތުގައި ހަސަން ޔާމީން، ގ. ގާނެޓް، މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑު 9:25 އެހައިކަށްހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުން، އާއިލާއަށް ހަބަރެއްނުވެ އެވެ.އޭނާ ގެއްލުނުކަން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.ޔާމީން ގެއްލުނުތާ ހަފްތާއެއްވީއިރު ވެސް ނުފެނިގެން އޭނާ ހޯދުމަށް މިއަދު އަނެއްކާވެސް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. ފުލުހުން ބުނީ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ބުންޏެވެ.އަދި އޭނާ އުޅޭ އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.އަދި ތަހުގީގުން އޭނާ ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް، ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053އަށް ގުޅައި، މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ