ޓްރަމްޕަށް ލޭނާރުތަކުގެ މައްސަލައެއް ކުރިމަތިވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް "ކްރޮނިކް ވީނަސް އިންސަފިޝަންސީ" ނުވަތަ ނާރުތަކުގައި ލޭ ޖަމާވެ ޕްރެޝަރު ބޮޑުވާ މައްސަލަ ކުރިމަވެވަޑައިގެންފައިވާ ކަމަށް ވައިޓްހައުސްއިން ބުނެފިއެވެ. އެކަން އެގުނީ އެ މަނިކުފާނުގެ ފައި ދުޅަވެ، އަތުގައި ރަތްވެފައި ހުންނަ ތަންތަނުގެ ޓެސްޓު ހެދުމުން ކަމަށް ވެސް ވައިޓްހައުސްއިން ބުންޏެވެ. އެ ކަމާ ގުޅިގެން އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ވިދާޅުވީ، މި ބައްޔަކީ ހަލާކުވެފައިވާ ލޭނާރުތަކުން ލޭ ރަނގަޅަށް ނުހިނގާ މައްސަލަ މެދުވެރިވާ އާންމު ހާލަތެއް ކަމަށެވެ. އަދި، އެ ހާލަތު ކުރިމަތިވުމުގެ ފުރުސަތު ބޮޑީ 70 އަހަރުން މަތީގެ މީހުންނަށް ކަމަށް ވެސް ލީވިޓް ވިދާޅުވިއެވެ. ޓްރަމްޕަށް މިހާރު ވަނީ 79 އަހަރު ފުރިވަޑައިގެންފައެވެ. ލީވިޓް ވިދާޅުވީ، އެ ކަމާ ގުޅިގެން ނާރުތަކުގައި ލޭގަނޑުވުން ނުވަތަ ނާރުތައް ހިމަވުން ފަދަ ސީރިއަށް ކަމެއް ހުރި ކަމަށް ފާހަގަވެފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، ޓްރަމްޕްގެ ހުރިހާ ޓެސްޓެއްގެ ނަތީޖާ ރަނގަޅު ކަމަށާއި ހިތާއި ކިޑްނީގެ މައްސަލައެއް ވެސް ނެތް ކަމަށެވެ. ގާނޫނީ ގޮތުން ލާޒިމު ނުވި ނަމަވެސް، އެމެރިކާގެ ރައީސުން އަހަރަކު އެއް ފަހަރު އެ ބޭފުޅުންގެ ސިއްޙީ ހާލަތު އާންމުކުރުމަކީ ކުރީއްސުރެ އޮންނަ ކަމެކެވެ. ޓްރަމްޕްގެ ޑޮކްޓަރު ހެރޮލްޑް ބޯންސްޓައިން ވަނީ ޓްރަމްޕަކީ މިހާތަނަށް ރިޔާސީ އިންތިޚާބަށް އިންތިޚާބުވި އެންމެ ސިއްޙަތު ރަނގަޅު ބޭފުޅާ ކަމަށް ބުނެ 2015 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނު ތެރޭގައި ސިޓީއެއް ވެސް އާންމުކޮށްފައެވެ. ޓްރަމްޕަ ވަނީ މި އަހަރުގެ ރިޔާސީ ކެމްޕޭނަށް ފުރަތަމަ ވާދަކުރެއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސިއްޙަތާއި އުމުރާއި ގުޅިގެން ކެމްޕޭނު ތެރޭގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ