މުސްލިމް އަޚުންނޭވެ! ކާފިރުކުރުމަކީ، މުސްލިމަކު ނުވަތަ މުސްލިމް ޖަމާޢަތެއް ކުފުރަށް ނިސްބަތްކުރުމެވެ. އަދި އެ މީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަކުރުމެވެ. މިއީ އެހައި ފަސޭހައިން ކުރެވިގެން ވާނޭ ކަމެއް ނޫނެވެ. އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށް ފަހު، އޭނާ އެ ދާއިރާއިން ބޭރުކުރުމަކީ، ވަރުގަދަ ޙުއްޖަތާއި، ސާބިތު ހެތްކާއި، ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ކުރުން ޙަރާމް ކަމެކެވެ.
މުސްލިމް އަޚުންނޭވެ! މުސްލިމުން ކާފިރުކުރުމުގެ މައްސަލަ ފެށިފައިވަނީ، ހިޖުރައިން ފުރަތަމަ ޤަރުނުގައެވެ. އެއީ، عَلِي رَضِيَ اللهُ عَنْهއާއި مُعَاوِيَة رَضِيَ اللهُ عَنْهއާ ދެމެދު ހިނގި ޞިއްފީނު ހަނގުރާމައިގައި، ޙަކަމުން މެދުވެރިކޮށް، ވާހަކަދައްކައިގެން، ހަނގުރާމަ ހުއްޓައިލާން ޢަލީގެފާނު ރުހިވަޑައިގަތުމާ ގުޅިގެންނެވެ. އެހައި ހިސާބުން ޢަލީގެފާނުގެ ލަޝްކަރުގެ ތެރެއިން ބަޔަކު ނުކުމެ، ޙަކަމުންގެ ގޮތުގައި (އެބަހީ: ނިޔާވެރީންގެ ގޮތުގައި) އިންސާނުން ކަނޑައެޅުއްވީ ކީއްވެތޯ ޢަލީގެފާނާ ސުވާލުކުރިއެވެ. އެ މީހުން ބުންޏެވެ. --- މާނައީ "ﷲއަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ." ޚަވާރިޖުންގެ އެ ބަހަށް ރައްދުދެއްވައި عَلِي رَضِيَ اللهُ عَنْه ވިދާޅުވިއެވެ. (كَلِمَةُ حَقٍّ أُرِيْدَ بـِهَا بَاطِلٌ)[1] މާނައީ: "އެއީ ބާޠިލުކަމެއް އެދި ބުނި ޙައްޤު ކަލިމައެކެވެ." އެބައިމީހުން ޢަލީގެފާނާއި މުޢާވިޔަތުގެފާނު ކާފިރުކޮށް، އެ ބޭކަލުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރިއެވެ. ޙަޤީޤަތުގައި އެބައިމީހުންގެ މި ބުނުމަކީ ޙައްޤު ބުނުމެއް ނޫނެވެ. އަދި ކިއެއްތަ! އެއީ ބާޠިލު ބުނުމެކެވެ. ދެބަސްވުންތަކުގައި ޙަކަމުން ޢައްޔަންކޮށް އެ މީހުން ނިންމާ ގޮތަށް ޢަމަލުކުރުމަށް މާތް ﷲ އަމުރުކުރައްވައިފައި ވެއެވެ. ދެމަފިރީންގެ ދެމެދުގައި މަޞްލަޙަތު ގެއްލޭ ހިސާބުން، އެ ދެމަފިރީންގެ ޢާއިލާއިން ޙަކަމުން ފޮނުވައި، އެ ކަން ޙައްލުކުރުމަށް އަންގަވައި، މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އެ ދެ މީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެ ކަމާ މެދު ތިޔަބައިމީހުން ބިރުގެންފި ނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރީންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެ ދެ މީހުން ޤަޞްދުކުރާ ނަމަ، ﷲ، އެ ދެމީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ."
މުސްލިމް އަޚުންނޭވެ! ޝަރުޢީ ނައްޞުތަކުން ސާފުކޮށް އެނގޭ ގޮތުގައި، މުސްލިމަކާ ދިމާލަށް ބަދު ބަސް ބުނުމާއި ޤަޛްފުކުރުމަކީ، ޙަރާމްކަންތައްކަމުގައި ވީއިރު، ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް، މުސްލިމަކު ކާފިރުކުރުން ހުއްދައެއް ނުވާނެވެ. އެއް ދުވަހަކު "ބަނީ ސުލައިމުވަންހައިގެ މީހަކު، ބަކަރިތަކެއް ގޮވައިގެން، ކީރިތި ރަސޫލާ zގެ އަޞްޙާބުބޭކަލުންތަކެއްގެ އަރިހުން ދަމުން، އެ ބޭކަލުންނަށް އޭނާ ސަލާމްގޮވައިލިއެވެ. އެ ހިނދު އެ ބޭކަލުން "އޭނާ އަހަރެމެންނަށް އެ ސަލާމް ގޮވީ އަހަރެމެންގެ ކިބައިން ސަލާމަތްވުމަށް ޓަކައިކަމަށް ވިދާޅުވެ، އޭނާ ޤަތުލުކުރައްވައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހަށް އޭނާގެ ބަކަރިތައް ގެންދިޔައެވެ."[2] އަޞްޙާބު ބޭކަލުންނަށް އެ ނިންމެވުނީ ރަނގަޅަށް ނޫންކަން ބަޔާންކުރައްވައި، މާތް ﷲ ވަޙީކުރައްވައިފައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ މަގުގައި ދަތުރުފަތުރުކޮށް އުޅޭ ހިނދު، ފަހެ (ކަންކަމުގެ) ޙަޤީޤަތް ބަލައި އޮޅުންފިލުވާށެވެ! އަދި، ދުނިޔޭގެ ދިރިއުޅުމުގައި ލިބޭ ފައިދާއާއި، މުދަލަށް ތިޔަބައިމީހުން އެދޭޙާލުގައި، (އިސްލާމްދީނުގެ ސަލާމުން) ތިޔަބައިމީހުންނަށް ސަލާމްކޮށްފި މީހަކަށް ތިބާއަކީ މުއުމިނެއް ނޫނޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ!."[3]
މުސްލިމް އަޚުންނޭވެ! މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެކެވެ. ކީރިތި ރަސޫލާ ޙ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވައިފައި ވެއެވެ. (أَيُّـمَا امْرِئٍ قَالَ لِأَخِيْهِ: يَا كَافِرُ، فَقَدْ بَاءَ بِـهَا أَحَدُهُـمَا، إِنْ كَانَ كَمَا قَالَ وَإِلَّا رَجَعَتْ عَلَيْهِ)[4] މާނައީ: މީހަކު އޭނާގެ އަޚާއާދިމާއަށް "އޭ މިހިރަ ކާފިރު މީހާއެވެ." ބުނެފި ނަމަ ހަމަކަށަވަރުން އެ ތަނުން އެކަކަށް އެ ސިފަ ލިބޭނެތެވެ. އޭނާގެ އަޚާއަކީ އެ ފަދަ މީހަކަށް ވެއްޖެ ނަމަ އެއީ ޞައްޙަ ބުނުމެކެވެ. ނޫންނަމަ އެ ބަސް ބުނިމީހާއަށް ރުޖޫޢަވާނެއެވެ." ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި، އެ ކަލޭގެފާނު، ޖުހައިނާގެ ވަންހައެއްކަމުގައިވާ ޙުރަޤާއަށް އަންޞާރިއްޔަ ބޭކަލަކާ އެކު، أُسَامَةُ ابْنُ زَيْد رَضِيَ اللهُ عَنْه ފޮނުއްވިއެވެ. މި ދެ ބޭކަލުން އެ މީހުންގެ ތެރެއިން މީހަކު ހައްޔަރުކުރައްވައި، ޤަތުލުކުރައްވާން އުޅުއްވި ވަގުތު، އޭނާ ޝަހާދަތް ކިއެވެ. އެ ހިނދު އަންޞާރީ އޭނާ ދޫކޮށްލެއްވިއެވެ. ނަމަވެސް أُسَامَة رَضِيَ الله عَنْه އޭނާ ޤަތުލުކޮށްލެއްވިއެވެ. މި ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލިބިވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. އޭނާ "لَا إِلَـٰهَ إِلَّا اللهُ" ކިޔުމަށް ފަހުގައި ވެސް ކަލޭގެފާނު އޭނާ ޤަތުލުކުރެއްވީތޯއެވެ؟ އުސާމާ ދެންނެވިއެވެ. "އޭނާ ޝަހާދަތް ކީ، މަރުން ސަލާމަތްވާންވެގެންނެވެ." ދެން ވެސް ޙަދީޘްކުރެއްވިއެވެ. އޭނާ "لَا إِلَـٰهَ إِلَّا اللهُ" ކިޔުމަށް ފަހުގައި ވެސް ކަލޭގެފާނު އޭނާ ޤަތުލުކުރެއްވީތޯއެވެ؟" މި ޢިބާރާތް، ކީރިތި ރަސޫލާ z އެތައް ފަހަރަކު ތަކުރާރުކުރެއްވިއެވެ. أُسَامَة رَضِيَ اللهُ عَنْه ވިދާޅުވިއެވެ. "މިއަދާ ހަމައަށް ތިމަންކަލޭގެފާނު އިސްލާމްނުވެ ހުންނެވުނުނަމައޭ" ހިތްޕުޅަށް އެރިއެވެ."[5] އެހެން ރިވާޔަތެއްގައި ވެއެވެ. "ކަލޭގެފާނު އޭނާގެ ހިތް އިރުއްވައި، އޭނާގެ ހިތުގައި ވަނީ ހަމަ އެ ގޮތަށްތޯ ނުވަތަ ނޫންތޯ ބެއްލެވީމުތޯއެވެ؟"[6]
އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނީ ކަންކަމުގެ ޙަޤީޤަތް ބެލުމެއްނެތި، މީސްމީހުންނާ މެދު ޙުކުމްކުރާ ބަޔަކު ކަމުގައި ނުލައްވާނދޭވެ! އަޅަމެންނީ މީސްތަކުންނާ މެދު ހެޔޮކޮށް ހީކުރާ، ޙިކުމަތްތެރިކަމާ އެކު، މާތް ﷲގެ ދީނަށް ގޮވައިލާ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!
މުސްލިމް އަޚުންނޭވެ! މުސްލިމުން ކާފިރުކުރުމަކީ، ޖާހިލުކަމާއި، ޝަރުޢީ ޙުކުމްތައް ދޭހަނުވުމާއި، ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާއެވެ. ޚަވާރިޖުން، ޞިއްފީނު ހަނގުރާމައިގައި އަޞްޙާބުބޭކަލުން ކާފިރުކޮށް، ޝަރީޢަތުގެ މަޤްޞަދުތައް އޮޅުވައިލައި، ޝުބުހަތަކަކަށް ހެއްލުނެވެ. ދީނުގެ ކަންކަމުގައި، ﷲ ފިޔަވައި އިންސާނުންނަކީ ޙުކުމްކުރާބަޔެއްކަމުގައި عَلِي رَضِيَ اللهُ عَنْه، ހެއްދެވީކަމަށް އެ މީހުން ބުންޏެވެ. އަދި އެ ކަލޭގެފާނު ޞިއްފީނު ހަނގުރާމައިގައި، މީހުން އަސީރުނުކުރައްވައި، މުދައު ޣަނީމާނުކުރައްވާކަމަށް ބުނެ، އެ ކަލޭގެފާނު ހަނގުރާމަކުރެއްވީ ކާފިރުންނާކަމުގައިވީ ނަމަ، އެ މީހުންގެ މުދައު ޣަނީމާކުރެވޭނޭކަމާއި، އެއީ މުއުމިނުންކަމުގައި ވީނަމަ އެ މީހުންގެ ލޭ ހުއްދަ ނުވީސް ކަމަށް ބުންޏެވެ. އަދި އެ ކަލޭގެފާނު އެ ހުންނެވީ މުސްލިމުންގެ އަމީރުކަމުން ތަނާޒުލުވެވަޑައިގެންފައިކަމާއި، އެހެންވީމައި ދެން އެ ކަލޭގެފާނު ވެވަޑައިގަންނަވާނީ ކާފިރުންގެ އަމީރުކަމުގައި ބުންޏެވެ.[7]
މުސްލިމް އަޚުންނޭވެ! މި ކަމުގެ ޙައްލަކީ ސުންނަތްޖަމާޢަތުގެ މަންހަޖަށް އެނބުރި ރުޖޫޢަވުމެވެ. އިންޓަނެޓުން ދަސްވެނިވުމުގެ ބަދަލުގައި، ބޮޑެތި ޢާލިމުންގެ އަރިހުން ދަރިވަރުވުމެވެ. އެހެނީ ދީނުގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުންގެ ގާތުން ޢިލްމު ހޯދާންފެށުމަކީ، ޤިޔާމަތުގެ ޢަލާމާތެއް ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ.[8] إِعْلَانُ النَّكِيْرِ عَلَى غُلَاةِ التَّكْفِيْرِ އެވެ ކިއުނު ފޮތުގެ މުޞައްނިފު، މި ފަދަ މީހުންގެ މިސާލު ޖައްސަވައި ލިޔުއްވައިފައި ވެއެވެ. އެއް ދުވަހަކު ދީނަށް ގޮވައިލައްވާ ޢިލްމުވެރިއަކު، މީސްތަކުން ކާފިރުކޮށްއުޅޭ މީހަކަށް ވިދާޅުވިއެވެ. ޠާހާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި آدَمގެފާނު އެ ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް އުރެދިވަޑައިގަތެވެ. ފަހެ، އެކަލޭގެފާނުގެ މަޤްޞަދު ޙާޞިލުނުވެ މަގުގެއްލުނެވެ." މި ބަސްފުޅުން ﷲގެ ނަބިއްޔާ އާދަމްގެފާނު ކުފުރުވީކަމުގައި ދޭހަވޭހެއްޔެވެ؟ އެ މީހަކު ޖަވާބުދިނެވެ. އާނއެކެވެ.[9] އޭނާގެ މި ޖަވާބުން ދޭހަވަނީ، އެ ފަދަ މީހުންނަށް ޝަރުޢީ ނައްޞުތަކުގެ މުރާދު ރަނގަޅަށް ނޭނގޭކަމާއި، ބޭރު ފުށަށް ފެންނާން އޮންނަ ބަހަވީ މާނައިގެ މައްޗަށް ބުރަވެ، ކަންކަމުގައި ގޮތް ނިންމާކަމެވެ.
މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، މާތް الله ފޮނުއްވި ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި، ދުޢާ ކުރާށެވެ! މާތް الله ވަޙީ ކުރައްވައިފައި ވެއެވެ. މާނައީ: "ހަމަކަށަވަރުން، اللهއާއި، އެކަލާނގެ مَلَائِكَةُން ނަބިއްޔާގެ މައްޗަށް صَلَوَات ލައްވަތެވެ. އޭ إِيـْمَان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صَلَوَاتލެއްވުން އެދި دُعَاءކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سَلَامْލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!"
ހުކުރު ޚުޠުބާ: މުސްލިމަކަށް ކާފިރެކޭ ބުނުމަކީ އެބަސް ބުނިމީހާއަށް އެކަން ރައްދުވުމުގެ ބިރު އޮތް ނުބައިކަން ބޮޑު ޢަމަލެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ