މި ގޮތަށް ލީގު ހުއްޓާލައިފައި އޮތުން އިންޑިއާ ފުޓްބޯޅަ އަށް ރަނގަޅެއް ނޫން މި ގޮތަށް ލީގު ހުއްޓާލައިފައި އޮތުން އިންޑިއާ ފުޓްބޯޅަ އަށް ރަނގަޅެއް ނޫން

ބެންގަލޫރު (ޖުލައި 18) - އިންޑިއާގެ ވަރުގަދަ ފުޓްބޯޅަ ލީގު، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) ފަށާނެ ތާރީހެއް ކަނޑައެޅުމަށްނެތި، ހުއްޓާލައިފައި އޮތުމުގެ ސަބަބުން އިންޑިއާ ފުޓްބޯޅައިގެ ކުރިމަގާ މެދު ފެންނަނީ އެންމެ ރަނގަޅު މަންޒަރުތަކެއް ނޫން ކަމަށް އެ ގައުމުގެ ލެޖެންޑަރީ ފޯވާޑް، ޗެތުރީ ބުނެފި އެވެ.
ސެޕްޓެމްބަރު މަހުން ފެށިގެން އޭޕްރިލަށް އާންމު ގޮތެއްގައި ކުރިއަށްދާ އައިއެސްއެލްގެ ކުރިއަށް އޮތް ސީޒަން ފަށާނެ ތާރީހެއް ނޭނގޭ ކަަމަށް ބުނެ، މީގެ ހަފްތާއެއް ކުރިން، އައިއެސްއެލްގެ ހިންގުން ހަވާލުވެފައި އޮތް ފުޓްބޯލް ސްޕޯޓް ޑިވެލޮޕްމަންޓް ލިމިޓެޑް (އެފްއެސްޑީއެލް) އިން ވަނީ އިއުލާނުކޮށްފަ އެވެ.
އެފްއެސްޑީއެލް އިން މި ގޮތަށް އިއުލާނުކުރީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގަ އެވެ. އެއީ، އަންނަ ޑިސެމްބަރަށް ހަމަވާ، މާސްޓާ ރައިޓްސް އެގްރީމެންޓް (އެމްއާރްއޭ) އާ ކުރެވޭނެ ހައްލެއް ނެތިގެންނެވެ.
އުމުރުން 40 އަހަރުގެ ޗެތުރީ ބުނީ، އޭނާ އަށް އައިއެސްއެލްގެ މި ފަސްވުމުގެ މެސެޖު އެންމެ ފުރަތަމަ ލިބުމުން ހިތްހަމަޖެހުނު ކަމަށާއި ސަބަބަކީ، އަނެއްކާ ވެސް ޗުއްޓީގެ މުއްދަތު އިތުރުތީ ކަމަށެވެ. އެކަމަކު، މި ހިނގަމުން އަންނަ ކަންތައްތަކަށް ބަލައި، އެހެން ކުޅުންތެރިންނާއި ފުޓްބޯޅައިގައި އުޅޭ އެކި ފަރާތްތަކުން ފާޅުކުރާ ޝުއޫރުތަކުގެ ސަބަބުން، އިންޑިއާގެ ފުޓްބޯޅައިގެ ކުރިމަގާ މެދު ފިކުރުކުރެވެން ފަށާފައިވާ ކަމަށް ޗެތުރީ ވަނީ ބުނެފަ އެވެ.
"ފުޓްބޯޅައިން އާމްދަނީ ހޯދަނީ ހަމައެކަނި ކުޅުންތެރިން އެކަންޏެއް ނޫން، މި ކަމުގައި އެކި ފަންތީގައި ޝާމިލުވާ މީހުންނަށް މީގެ ސަބަބުން އަސަރުކުރާނެ. އަހަންނަށް މި ގޮތަށް މި ކަންތައް ލީގު ނުފެށިފައި އޮތުމުން، އިންޑިއާގެ ފުޓްބޯޅައިގެ މުރިމަގާ މެދު ވަރަށް ފިކުރުކުރެވޭ،" ޗެތުރީ ބުންޏެވެ.
އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން އާއި އެފްއެސްޑީއެލްއާ އެކު، ހެދި 15 އަހަރުގެ އެއްބަސްވުން މި ފަހަރުގެ ޑިސެމްބަރަށް ހަމަވާނެ އެވެ. އެއީ، އައިޕީއެލްގެ އާ ސީޒަން ފަށައިފިނަމަ، އޭގެ ތިން މަހެއްހާ ދުވަސް ތެރޭގަ އެވެ. މި ހުރިހާ ކަމަކާ އެކު، އެމްއާރްއޭ އެއްބަސްވުމުގެ ކަންކަން ނުނިންމައި، އެފްއެސްޑީއެލް އިން ސީޒަން ނުފަށަން ނިންމީ އެވެ. އެފްއެސްޑީއެލްއާ އެކު މިހާރު އޮތްގޮތަށް އެ އެއްބަސްވުން އާ ނުކުރަން، ސުޕްރީމް ކޯޓުން ވެސް ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ