އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލާފައި އޮތް އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ސުވާލުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮހުގައި މަރާލާފައި އޮއްވާ ފެނުނީ އުމުރުން 65 އަހަރުގެ އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމްއެވެ. އަބްދުއްރަހްމާންގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި މި މަހުގެ 21 ވަނަ ދުވަހު އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕުރަމް އަށް ފޮނުވާލަން ވަނީ ނިންމާފައެވެ.
އަބްދުއްރަހްމާން އަށް ހަމަލާދީފައި ވަނީ އޭނާ ނިދާފައި އޮއްވައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އަބްދުއްރަހްމާން ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލުގެ ބޮޑުބައި ޗިސްވެފައިވާ އިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ ތިން ދަރިން ތިބި އިރު އޭރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.
އަބްދުއްރަހްމާންގެ މަރުގެ ހާދިސާއާ ގުޅިގެން އެ ރަށު މީހަކު ބުނީ، އެމީހާއަކީ މީހުންނަށް ވެސް ރަނގަޅު މީހެއް ކަމަށާއި، އަބްދުއްރަހްމާންއާ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައި ނުވަތަ ރުޅިވެރިކަމެއް އޮތް ކަމެއް ވެސް ނޭނގޭ ކަމަށެވެ. މި މައްސަލަ އާ ގުޅިގެން އަބްދުއްރަހްމާންއަށް އެވަރުގެ އަނިޔާއެއްދީފައި ވަނީ އޭނާ މަރާލަން ކަމަށް ބެލެވޭ ކަމަށް ވެސް އެ ރަށު މީހުން ބުނެއެވެ.
އަބްދުއްރަހްމާންގެ މަރު: އާއިލާ އަދި ގާތް ގުޅުން އޮތް ފަރާތްތަކާ ސުވާލު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ