އެޗްޑީސީގެ ފްލެޓަށް ކުލި ނުދައްކާނަމަ ލޯނު ނުލިބޭ ގޮތް ހަދަައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް އެއްވެސް ބޭންކަކުން ލޯނު ނުލިބޭ ގޮތަށް ހަދައިފިއެވެ. މިކަން އިއުލާނުކޮށް އެޗްޑީސީން މިއަދު ބުނީ މަރުކަޒީ ބޭންކު (އެމްއެމްއޭ)ގައި ގާއިމްކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމުގައި އެ ކުންފުނިން ބައިވެރިވެފައިވާ ކަމަށެވެ. އެ ގޮތުން މި އަހަރުގެ މާރިޗުން ފެށިގެން އެ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުންގެ ކްރެޑިޓާބެހޭ މައުލޫމާތު، "ކްރެޑިޓް އިންފިމޭޝަން ސިސްޓަމްގެ ގަވާއިދު"އާ އެއްގޮތަށްވާ ގޮތުގެ މަތިން އެ ސިސްޓަމަށް އަޕްޑޭޓް ކުރެވެމުންދާނެ ކަމަށް ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ، މި ބަދަލާއެކު އެ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަަމަރުންނަށް އެއްވެސް އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން، ނުވަތަ ރީސްޓްރަޗްކާ ކުރުމުގެ ކުރިން، ނުވަތަ އައު ކުރުމުގެ ކުރިން ނުވަތަ އިތުރުކޮށްދިނުމުގެ ކުރިން، ސިސްޓަމްގައިވާ މައުލޫމާތަށް ބިނާކޮށް، މާލީ އިދާރާތަކުން އެ ފަރާތްތަކުގެ ކްރެޑިޓް އިވެލުއޭޓް ކުރަމުން ގެންދާނެ ކަމަށެވެ. އެހެން ކަމުން އެ ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ކަސްޓަމަރުން މި ކަމަށް ސަމާލުވެ، ގަވާއިދުން ފައިސާ ދައްކަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ހަނދާންކޮށްދީފައެވެ. މިއީ އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުމަށާއި، ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެޅި ފިޔަވަޅެކެވެ. https://sun.mv/207907 ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000އެއްހައި ޔުނިޓުގެ ވެރިންނެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް އެޗްޑީސީން ބުނެއެވެ. މި މައްސަލައިގައި އެޗްޑީސީންވަނީ ފުލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މީހުންނަށް ތިން މަހުން ނޯޓިސްއެއް ފޮނުވަން ވެސް ފަށައިފައެވެ. ރާއްޖޭގައި ސޯޝަލް ހައުސިންގެ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ސަރުކާރުން ބޮޑެތި ލޯނުތައް ނަގައިގެންނެވެ. އެ ލޯނު ދައްކަނީ އެ ފްލެޓުތަކުން ލިބޭ ކުލިންނެވެ. ފްލެޓުތަކަށް ކުލި ނުދެއްކުމަކީ ދައުލަތުގެ އާމްދަނީއަށް އެޅޭ ހުރަހެއްގެ އިތުރުން، އެހެން މީހުންގެ ބޯހިޔާވަހިކަމަށް ވެސް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ