ރައީސަށް ލަފާދޭ ޒުވާނުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ މާހިލް ޝަހީމް ރާއްޖެއަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެ ކުރި މައްސަލަ އާ ގުޅިގެން ހިފަޓައި ޖޫރިމަނާ ކުރުމާ ގުޅިގެން އޭނާ ޒުވާނުންގެ މަޖިލީހުން ވަކިކުރުމާމެދު ސަރުކާރުން ވަކި އެއްޗެއް ނުބުންޏެވެ.
ވީ ކިހިނެއް؟ - މާހިލް އާއި އިތުރު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެލޭޝިއާއިން ރާއްޖެ އައުމުން، އެއާޕޯޓުގައި ތިބި ކަސްޓަމްސްގެ އޮފިސަރުންނެވެ. އެ ދެ މީހުންގެ އަތުން ވެސް ގިނަ އަދަދެއްގެ ވޭޕް ސާމާނު ހިފެހެއްޓިކަން އިތުބާރު ހުރި ކަމާ ގުޅުން ހުރި މަސްދަރުތަކުން 'ދައުރު' އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ތަފްސީލް - ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާއެކު ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އެތެރެ ކުރުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަމެއް ކުރާ މީހަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން:
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވޭ
އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވޭ
ގާނޫނުގައި ބުނާ އަދަދަށް މާހިލް ޖޫރިމަނާކޮށްފިނަމަ، އެ އަދަދު 1.05 މިލިއަނަށް ވުރެ މަތިވާނެ އެވެ. މުޅި ޖުމްލަ އެ ދެމީހުންގެ ޖޫރިމަނާ ދެ މިލިއަން ރުފިޔާއިން މަތި ވާނެ އެވެ.
ވަގަށް ގިނަ އަދަދެއްގެ ވޭޕް ރާއްޖެ އެތެރެ ކުރި މައްސަލައިގައި މާހިލް ޖޫރިމަނާކޮށްފައިވާއިރު، އޭނާއާ މެދު އިތުރު ފިޔަވަޅެއް އެޅި ކަމެއް އަދި ނޭނގެ އެވެ.
ރާއްޖެ އަށް ވޭޕް އެތެރެ ކުރުމަކީ ގާނޫނުގައި ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެފަދަ ކުށެއް ކުރުމުން ވެސް ޒުވާނުންގެ ލަފާދޭ ކޮމިޓީގެ މަގާމުން މާހިލް ވަކިނުކުރާތީ ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.
އެ ކޮމެޓީ އިން އޭނާ ވަކިކޮށްފައިވޭތޯ ނުވަތަ ވަކިކުރުމާ މެދު ގޮތެއް ނިންމާފައިވޭތޯ ސުވާލު ކުރުމުން ރައީސް އޮފީހުން ޖަވާބެއް ނުދެ އެވެ.
އެނގުން މުހިއްމު - މާހިލް އަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުންނެވެ.
ރާއްޖެ އަށް ވޭޕް އެތެރެކޮށްގެން މާހިލް އަށް ބޮޑު ޖޫރިމަނާއެއް އައި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުއިރު އޭނާ އަކީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ވަޒީފާ އެއްގައި ހުންނެވި ބޭފުޅެއް ކަމަށް ދެކެވޭ ވާހަކަ ޝަހީމް ވަނީ ދޮގު ކުރައްވައިފަ އެވެ. ނަމަވެސް ވޭޕް އެތެރެކުރުމާ ގުޅޭ ތުހުމަތުތަކަށް ރައްދެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި މާހިލް ހުންނަވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ދަށުން ހިންގާ މޯލްޑިވްސް ސެންޓަރުގެ ސިޔާސީ މަގާމެއްގަ އެވެ.
ޔޫތު ކައުންސިލުން މާހިލް ވަކިކުރުމާ މެދު ސަރުކާރުގެ ބަހެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ