މާލޭގައި ވެއްޓެން ވެފައި އެތައް އިމާރާތެއް, ކޮންފަދަ ނުރައްކަލެއް
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ, ވެރިކަން ކުރާ މާލޭގެ އިމާރާތަކުން ބައެއް ވެއްޓި އިއްޔެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާއިރު, މިއީ ބޮޑު ވެފައިވާ ނުރައްކަލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުން އިތުރުވެއްޖެއެވެ. އިއްޔެ ވަނީ މާލޭގެ ބުރު ޕާކު ކައިރީގައި ހުންނަ, އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) މީގެ ކުރިން ހިންގި އިމާރާތުގެ ކޮންކްރީޓު ބައިތަކެއް ވެއްޓި، ހަތަރު އުޅަނދަކަށް ގެއްލުންވެފައެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބުނަސް މިފަދަ ކަންކަމަކީ އެތައް ބައެއްގެ ފުރާނައާ ގުޅިފައި ހުރި ކަންކަމެވެ. އަދި މިއީ މާލޭގައި އާ ކަމެއް ނޫނެވެ. ކުރީގެ އަރަބިއްޔާ ސްކޫލާއި ހުރަވީ ބިލްޑިން ހިމެނޭ ގޮތަށް ދައުލަތުގެ އިމާރާތްތަކުގެ ބައިތައް ވެއްޓި, މީހުންނަށް އަނިޔާވެސް ވެފައި އެބަހުއްޓެވެ. ދައުލަތުގެ އިމާރާތްތަކުގެ އިތުރުން އަމިއްލަ މީހުންގެ ވެސް ވަރަށް ދުވަސްވީ, އަދި ވަރަށް ބާވެފައި ހުރި ގިނަ އިމާރާތްތަކެއް މާލޭގައި އެބަހުއްޓެވެ. މިފަދަ ބާ އިމާރާތްތަކުގެ ތެރޭގައި މިހާރު މީހުން ދިރިއުޅޭ ތަންތަން ވެސް ހިމެނެއެވެ. ސިނަމާލެ އާއި މާލޭ ހިޔާ ފްލެޓްތަކަކީ ވެސް ވަރަށް ދުވަސްވެ, ބޮޑެތި މަރާމާތުތަކެއް ބޭނުންވެފައިވާ ތަންތަނެވެ. އަދި މީހުންގެ އަމިއްލަ ގޭގޭގެ ތެރޭގައި ވެސް މީހުން ދިރިއުޅެން އެކަށީގެން ނުވާ ވަރަށް ބާ ވެފައިވާ ތަންތަން ހިމެނެއެވެ. ބަންގްލަދޭޝް ފަދަ ބައެއް ގައުމުތަކަށް ބަލާއިރު ބާ އިމާރާތްތައް ވެއްޓުމުން, ގިނަ އަދަދެއްގެ މީހުން އެއް ފަހަރާ މަރުވުމަކީ އާއްމު ކަމެކެވެ. ކޮންސްޓަރަކްޝަން ސައިޓަކުން ވެއްޓުނު ދަގަނޑު ބުރިއަކުން ޖެހި މާލޭގެ ގެއްގެ ފުރާޅުގެ ފޫގޮސްފައި --- މިކަމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް އާޒިމްގެ ވެސް ކަންބޮޑުވުން އެބައޮތެވެ. އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ، މާލޭގައި ބާވެފައި ހުރި އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ގިނަ ބައްދަލުވުންތަކެއްގައި ކަމާ ބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އެފަދަ އިމާރާތްތަކުން ލިބޭ ނުރައްކަލުން ސަލާމަތްވުމުގައި އާންމުންގެ ދައުރު ވެސް ބޮޑު ކަމަށް މޭޔަރު ގަބޫލުކުރައްވައެވެ. އެގޮތުން، އެ މީހެއްގެ ބިމެއްގައި ހުރި އިމާރާތެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އަމިއްލަ ޒިންމާއަކަށް ހަދަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ފާހަގަ ކުރެއްވިގޮތުގައި ނުރައްކާވާ ގޮތަށް ހުރި ގިނަ ދުވަސްވީ އިމާރާތްތައް ތަޅާލުމުގެ ބާރު ގާނޫނީގޮތުން ދީފައި އޮންނަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީއަށެވެ. އިމާރާތްކޮށްފައި، އިމާރާތް ބާވީމައި އެތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިމާރާތުގެ ވެރިފަރާތުގެ ޒިންމާއެއް. އަޅުގަނޑުމެންގެ ޒިންމާގެ ތެރެއިން އިމާރާތް ބާވީމައި އެކަން އަންގާނަން. އެންގީމައި އެކަން ނުކުރަންޏާ ގާނޫނީ ފިޔަވަޅުތައް އެޅުންތާ އޮންނާނީމާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ފާހަގަކުރެވޭ ގޮތުގައި، ގިނަ ދުވަސްވެގެން މާލޭގައި ބާވެފައި ހުރި ބައެއް އިމާރާތްތައް ފަޅަށް ވެސް އެބަހުއްޓެވެ. އެފަދަ އިމާރާތްތައް ގިނައިން ބޭނުން ކުރަނީ މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައެވެ. މޭޔަރު އާދަމް އާޒިމް: އޭނާ ވެސް ވަނީ ބާވެފައި ހުރި އިމާރާތްތައް ވެއްޓިދާނެތީ އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައި -- ފޮޓޯ/ ސިޓީ ކައުންސިލް ހަމައެކަނި ދުވަސްވީ އިމާރާތްތަކެއް ނޫނެވެ. އިމާރާތް ހަދައި ނިންމާތާ އެހާ ދުވަސް ނުވެ ވެސް ބައެއް އިމާރާތްތަކަށް މިފަދަ މައްސަލަތައް ކުރިމަތިވެއެވެ. އެގޮތުން ޝީޓުން ބައިތައް ވެއްޓުމާއި ފެން ވަނުމާއި ކަރަންޓް މައްސަލަތައް ދިމާވުމަކީ މާލޭގެ އިމާރާތްތަކުގައި އާއްމު މައްސަލައެކެވެ. އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި، މިފަދަ މައްސަލަތައް ގިނައިން ދިމާވަނީ އިމާރާތްކުރާއިރު މާހައުލާ ގުޅޭ މިންވަރަށް ކޮންކުރިޓް ނޭޅުމުންނެވެ. އަދި، އިމާރާތްކުރުމަށް ބޭނުންކުރަން ޖެހޭ މިންގަނޑަށް ވުރެ ދަށްކޮށް ތަކެތި ބޭނުންކުރުމަކީ ވެސް އެފަދަ މައްސަލަތަކަށް އޮތް ފުރުސަތެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މާލޭގައި ގެ ކުއްޔަށް ދީގެން ނަފާ ހޯދުމަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއަކަށްވާއިރު އެކަމަށް ހަދާ އިމާރާތްތައް ހަރަދު ކުޑަކޮށް ހެދުމަށްޓަކައި ފެންވަރު ދަށްކޮށް ހެދުމަކީ އާއްމު ކަމެކެވެ. އެފަދަ ކަންކަން ބަލާނެ ރަނގަޅު އުސޫލެއް ރާއްޖެއަކު ނުހުރެއެވެ. ދައުލަތުގެ އިމާރާތްތަކަށް ބަލާއިރު ގިނަ އިމާރާތްތައް ބާވެފައި ވަނީ އެތަންތަން ބޭނުންކުރާތާ ގިނަ ދުވަސްވުމާއި ގަވާއިދުން ކުރަން ޖެހޭ މަރާމާތުތައް ނުކުރުމުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ