ށ. އަތޮޅު ގުރުއާން މުބާރާތުގައި މިލަންދޫ ވަރެއް ނެތް؛ 16 އަހަރު 1 ވަނަ

ށ. އަތޮޅު ގުރުއާން މުބާރާތޭ ބުނެފި ނަމަ، މުބާރާތުގެ އެއް ވަނަ ނަގާނީ އެ އަތޮޅު މިލަންދޫ ސްކޫލުކަން މިހާރު ޔަގީނާ ގާތަށް ވެސް އެންމެންނަށް އެނގެ އެވެ. އެއީ ބައިވެރި ނުވެ ދިޔަ ފަހަރު ފިޔަވައި މިދިޔަ 16 އަހަރު އެހެން ސްކޫލަކަށް އެ ކާމިޔާބީ ހޯދިފައި ނުވާތީ އެވެ.
މިއީ ރާއްޖޭގެ ރެކޯޑެކެވެ. އެހެން ރަށެއްގެ ސްކޫލަކަށް ވެސް އަތޮޅު ގުރުއާން މުބާރާތެއްގެ ރަން ވަނަ މިހާ ގިނަ ދުވަސް ވާންދެން ދިފާއުކުރިކަން އެނގޭކަށް ނެތެވެ.
އެ ރަށު ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް އާދިލް ވިދާޅުވި ގޮތުގައި، މިލަންދޫއަށް ހާއްސަ ވެގެން ކޮންމެ އަހަރަކު ވެސް އެ ސްކޫލަށް ވަނަ ލިބެނީއެއް ނޫނެވެ؛ މިއީ ވަރަށް ގިނަ ބައެއްގެ ހިތްވަރާއި މަސައްކަތެވެ.
"މިއީ އަޅުގަނޑުމެންގެ ގުރުއާން ޓީޗަރު އަހުމަދު ފިރާގުގެ މަސައްކަތް. ރާޝިދާ މިސް އާއި މާޒިޔާ މިސްގެ މަސައްކަތް. ދަރިވަރުންނާއި ބެލެނިވެރިންގެ ވަރަށް ބޮޑު ގުރުބާނީއެއް،" ދާދި ފަހުން ނިމުނު މި އަހަރުގެ ގުރުއާން މުބާރާތުގެ ވެސް ރަންތަށި އުފުލާލި ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މުބާރާތަކުން ވަނަ ހޯދުމަކީ ފަސޭހަކަމާއެކު ކުރެވިދާނެ ކަމެކެވެ. އެކަމަކު އެ ވަނަ، އަހަރުތަކެއް ވާންދެން ދިފާއުކޮށްފައި ބޭއްވުމަށް ވަރަށް ގަދަ ހިތްވަރެއް ލާން ޖެހޭ ކަމަށް ވިދާޅުވި އެވެ. ކޮންމެ އަހަރަކުހެން ވާދަކުރާ، އަތޮޅުގެ ދިހައެއް ނުވަތަ 12 ސްކޫލުގެ ތެރެއިން، އެންމެ މޮޅު ސްކޫލުގެ ވަނަ ހޯދަން ލައްކަ ހިތްވަރު އެ މީހުން ލަ އެވެ.
"ހަގީގަތުގައި އެއް ވަނަ ހޯދުމަށް ވުރެ، އެ ވަނަ ދިފާއުކޮށްފައި ބޭއްވުމަށް މާބުރަކޮށް މަސައްކަތް ކުރަން ޖެހޭ،" އާދިލް ވިދާޅުވި އެވެ.
ކޮންމެ އަހަރަކު ވެސް ގުރުއާން މުބާރާތަށް އެންމެ ގިނަ ކުދިންނާއެކު ދަނީ މިލަންދޫ ސްކޫލުންނެވެ. މި ފަހަރު ވެސް 14 ދަރިވަރުން ބައިވެރިވި އެވެ. ކޮންމެ ފަހަރަކު ވެސް އެއް ކުއްޖަކު ނުވަތަ ދެ ކުއްޖަކު ފިޔަވައި ހުރިހާ ކުދިން އެނބުރި އަންނަނީ، ކޮންމެވެސް ވަނައެއް ހިފައިގެންނެވެ.
އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށުގެ ގޮތުގައި އޮންނަ މިލަންދޫގެ ގިނަ ދަރިވަރުންގެ ކިބައިން، ގުރުއާން ކިޔެވުމުގައި ކުރިން މާ އާދަޔާހިލާފު ހުނަރެއް ނުފެނެ އެވެ. އެކަމަކު 2008 ވަނަ އަހަރު، އެ ރަށު ސްކޫލާ ގުޅުނު ގުރުއާން ޓީޗަރު ފިރާގު އެކަން ބަދަލުކޮށްލި އެވެ.
ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، އާ ގުރުއާން ޓީޗަރު ދަރިވަރުން ތަމްރީނު ކުރަން ފެށީ ތަފާތު ގޮތަކަށެވެ. ނަތީޖާއެއްގެ ގޮތުން އެ އަހަރު ބޭއްވި ގުރުއާން މުބާރާތުން ފުރަތަމަ ފަހަރަށް އެ ސްކޫލު ތަށި ހިއްލާލި އެވެ. ދެން އެ ސްކޫލު، ފަހަތަށް އެނބުރި ބެލުމެއް ނެތި ކޮންމެ އަހަރަކު ވެސް އައީ އެ ވަނަ ދިފާއު ކުރަމުންނެވެ. އެކަމަކު އެއް ވަނަ ހޯދާތާ 14 އަހަރު ފަހުން، 2022 ވަނަ އަހަރު އެ ސްކޫލު މުބާރާތުގައި ބައިވެރިއެއް ނުވެ އެވެ.
"އެ ފަހަރު މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިވެންޓެއް ކުރިއަށް ދަނިކޮށް. އެހެންވެ، ތައްޔާރުވާން ވަގުތު ނުލިބުމުން ދޫކޮށްލީ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ފަހަރު ބައިވެރި ނުވެވުނަސް، ޖެހިގެން އައި ތިން އަހަރު އަނެއްކާ ވެސް ވަނީ އެއް ވަނަ ހޯދާފަ އެވެ.
މިލަންދޫ ސްކޫލުގައި ރީތިކޮށް ގުރުއާން ކިޔަވާ ކުދިން ގިނަ އެވެ. އެހެންވެ، އޭގެތެރެއިން އަތޮޅު މުބާރާތަށް ޓީމެއް ހުނިޖަހާލުމަކީ ފަސޭހަކަމެއް ނޫނެވެ. ހާއްސަކޮށް، ގިނަ އަދަދެއްގެ ކުދިންގެ ތެރެއިން މަދު ކުދިންތަކެއް ހޮވުމަކީ ސްކޫލަށް ކުރިމަތިވާ ގޮންޖެހުމެކެވެ. އެކަމަކު ކޮންމެ އަހަރަކު ވެސް އަތޮޅު މުބާރާތަށް ސްކޫލުން ގެންދަނީ އާދަޔާހިލާފު މޮޅު ދަރިވަރުންތަކެކެވެ.
އާދިލް ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކު އެ ވަނަ ދިފާއު ކުރެވޭ އަނެއް ސަބަބަކީ ބެލެނިވެރިންނާއި ރައްޔިތުން ދޭ އެއްބާރުލުމެވެ. އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން، އެންމެން އެއްބައިވެ، ރަށަށް ވަނަ ރީތި ހޯދައިދޭން އެންމެން ވެސް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވި އެވެ.
ވާދަވެރި މި ރޫހުގެ ތެރެއިން، އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އާދިލް ސިފަ ކުރެއްވީ މި މުބާރާތުގެ ތެރެއިން ހާފިޒުން ރަށުގައި އުފެދުމެވެ. މުބާރާތުގައި ކިޔަން ފަރިތަކޮށް، ހިތުދަސްކުރުމުގެ ނަތީޖާއެއްގެ ގޮތުން، ސްކޫލު ނިންމާފައި ނުކުންނަނީ ވެސް ގުރުއާނާ އެކުގަ އެވެ. މިލަންދޫގައި ހާފިޒުންގެ ގޮތުގައި ނުކުންނަން ތިބި ދަރިވަރުން ވެސް ނިސްބަތުން މަދެއް ނޫނެވެ.
ސްކޫލުގެ ޕްރިންސިޕަލްގެ ހައިސިއްޔަތުން އޭނާ ދޭން އޮތް ނަސޭހަތަކީ ހިތްވަރު އެލުވާނުލުމެވެ. އެއްވެސް ވަނައަކީ، ވަކި ރަށަކަށް ނުވަތަ ސްކޫލަކަށް ހާއްސަ ވެފައި އޮންނަ ވަނައެއް ނޫން ކަމާއި އެއީ މަސައްކަތް ކުރާ ބައެއްގެ ހައްގެއް ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ