ތަހުގީގާ މެދު ސުވާލު އުފައްދަވައި، ޝަމްއާން ފްރޭމް ކުރީ ކަމަށް ޔާމީން ތުހުމަތު ކުރައްވައިފި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ފްރޭމް ކުރީ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ރަނގަޅަށް ނުހިންގާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 21ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ މައްސަލަ ޝައްމާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމީ ޝައްމާންގެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށެވެ. އެއަށްފަހު، މިދިޔަ ޖޫމް މަހުގެ 18ގައި ސުޕްރީމް ކޯޓުން ވެސް ވަނީ އޭނާ ދޫކޮށްލަން ޖެހޭ ހާލަތެއް ނެތް ކަމަށް ތުހުމަތުކޮށްފައެވެ. https://sun.mv/207453 ޔާމީންގެ ޕީއެންއެފްއިން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ޝަމްއާނަކީ ދެކެފަރިތަ ރައްޓެއްސެއް ކަމަށާއި އޭނާ ފްރޭމް ކުރި ކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތު ކުރާ ކަމަށެވެ. އަދި ޝަމްއާންގެ ޝަރީއަތް މިހާރު ނުހިނގާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެ މައްސަލައިގައި އިންސާފު ހޯދައިދޭން ބޭނުންވާނަމަ އެންމެ އަދުލުވެރި ގޮތަކީ ހުކުމެއް ކުރުން ކަމަށެވެ. "[ހުކުމާ ހަމައަށް] ދަތުރުނުކޮށް ބާއްވާ ކަމަށްވާނަމަ އޭގެ މާނައަކީ ވިސްނަން ޖާގަ އެބައޮތޭ މިއީ ދައުލަތަށް ކާމިޔާބު ނުވާނެ މައްސަލައެއް ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ. މުހައްމަދު ޝަމްއާން ވަހީދު: އޭނާ ފްރޭމްކޮށްފައިވާ ކަމަށް އާއިލާގެ އިތުރުން ޔާމީން ވެސް ވަނީ ތުހުމަތުކުރައްވާފައި -- ފޮޓޯ/ އިމިގްރޭޝަން ޝަމްއާން ބަންދުގައި ބަހައްޓަން އެންމެ މަތީ ކޯޓުން ވެސް ތާއިދުކުރުމަށް އިޝާރާތް ކުރައްވައި ޔާމީން ވަނީ، އެ މަރުހަލާތައް ކުރިއަށްގެންދިޔަ ގޮތާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މުޅި މައްސަލައަށް ރިއާޔަތްނުކޮށް، މަތީ ކޯޓުތަކުން ބަންދުގެ މައްސަލައިގައި ހުކުމް ކުރުމުން، ޝަރީއަތް ކުރިއަށްނުދާއިރު ވެސް ތުހުމަތުވާ މީހާ ޖަލުގައި އޮންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "އެއީ މަތީ ކޯޓުތަކުން ދަށު ކޯޓުތަކުގެ ހުކުމް ދަމަހައްޓައިދޭއިރު ވެސް މުޅި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކާ އެކީ ބަލައިލާފައި ދަށު ކޯޓުގެ އިޖުރާއީ ހުކުމެއް ދަމަހައްޓާތޯ ނޫންތޯ ބަލަންވާނީ، އެހެން ނޫނީ މިވާގޮތަކީ އެކަމަކާ ހެދި މައްސަލައިގެ މައުޟޫއަށް ނުދިޔަ ކަމުގައިވީ ނަމަވެސް އެ މީހާއަށް އިންސާފު ނުލިބި ޖަލުގައި ހުންނަން އެބަޖެހޭ،" ޔާމީން ވިދާޅުވިއެވެ. ކޯޓުގެ ޝަމްއާންގެ މައްސަލަ ކުރިއަށްދާ ގޮތުގެ އިތުރަށް، އެ މައްސަލައިގެ ތަހުގީގުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތާ ގުޅޭ ގޮތުން ވެސް އެ މަނިކުފާނު ވާހަކަދެއްކެވިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޝައްމާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާން ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ. އެ މައްސަލައިގެ ތަހުގީގަށް ޝަމްއާންގެ ގޭގެ ސީސީޓީވީ ފުޓެޖު ހޯދައިފައިވާއިރު، ޔާމީން ވަނީ، ޝަމްއާން ބުނެގެން ފައިސާ ގެންދާ މީހަކު އެ ގޭގެ ލިފްޓުން ފޭބުމަށްފަހު ކޮތަޅަކަށް އަޅައިފައި ހުރި ފައިސާ ދައްކާނެތޯ ސުވާލު އުފައްދަވައިފައެވެ. އަދި ޝަމްއާން ފްރޭމް ކުރަން ނޫން ނަމަ އެފަދަ ގޮތަކަށް އަމަލުކުރާނީ ކިއްވެގެންތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. "ކޮތަޅު ހުޅުވާފައި އޭގައި ހުރި ލާރި ގުނައި ސީސީޓީވީއަށް ދައްކާނެ ހެއްޔޭ ޝަމްއާނަށް އިޚުލާސްތެރި އަދި ޝަމްއާން ބުނެގެން ގެނައި ފައިސާ ކަމަށްވަންޏާ، ޝަމްއާން ބުނެގެން ގެންނަ ފައިސާއެއް ގެންނާނީ ޝަމްއާނަށް އިތުބާރު ކުރާ މީހެއްގެ އަތުގައި، އެ މީހާ ފައިސާ ހިފައިގެން އައިސް ސީސީޓީވީ ކެމެރާއަށް ހުޅުވާފައި ހުރިހާ ނޫޓުތައް ދައްކާނެހެއްޔޭ، މި ހުންނަނީ ވަރަށް ބޭސިކް ސުވާލު، މިއިން އެއްވެސް ކަމަކަށް ބަލާކަށް ނޫޅޭ، މިއަށް ކިޔަނީ ފްރޭމް ކުރުމޭ،" ޔާމީން ވިދާޅުވިއެވެ. https://sun.mv/205158 އެ މަނިކުފާނު އެ ތުހުމަތު ކުރެއްވިއިރު، މީގެ ކުރިން ޝަމްއާންގެ އާއިލާއިން ވެސް ވަނީ ސަރުކާރަށް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެ އާއިލާއިން ވަނީ، ޝަމްއާން ހައްޔަރުކުރީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް އޮވެގެން ކަމަށް ތުހުމަތުކޮށްފައެވެ. އެއީ ކޮން ވީޑިއޯއެއް ކަމެއް އެ އާއިލާއިން ނުބުނެއެވެ. އެ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޝަމްއާން ފްރޭމްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އިހުސާންގެ ވީޑިއޯއެއްގެ ވާހަކަ ތަހުގީގަށް މުހިންމު ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ