ކައުންސިލް އިމާރާތްތަތައް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން(އާރުސީސީ)އާ ހަވާލު ކުރީ 631 މިލިއަން ރުފިޔާާ އަށް ކަމަށާއި އެއީ އަގު ހުށަހެޅި ހަތަރު ފަރާތުގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނި ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކޮންޓްރެކްޓާ ފައިންނޭސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް އަޅަން، އާރުސީސީއާ ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ. މިނިސްޓްރީން އިއްޔެ މިކަމާ ގުޅޭ ގޮތުން އެކްސްގައި ޕޯސްޓް ކުރި ނަމަވެސް މަޝްރޫއޫގެ އަގު ހާމަކޮށްފައި ނުވެ އެވެ.
ތަފްސީލު - މިކަމާ ގުޅޭ ގޮތުން މިއަދު އާދަމް ޝަރީފްއާ 'ދައުރު'ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ:
އާރުސީސީއަށް އެ މަސައްކަތް 631 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ އެ އޮފީސްތަކަށް ބޭނުންވާ ފަރުނީޗަރާއި ވަށާ ފާރުވެސް ރާނާ ގޮތަށް
އެ މަޝްރޫއަށް އެންމެ ކުޑަ އަގު ހުށަހެޅީ އާރުސީސީން ކަމަށްވުމުން، އެ ކުންފުންޏަށް މަޝްރޫއޫ ދީފައި ވަނީ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލް(އީސީ)ން ނިންމައިގެން ކަމަށް އޭނާ ވިދާޅުވި
"ޕްރޮޕޯސަލް ހުށަހެޅި ހަތަރު ކުންފުނީގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏާ އެކު ކުރިއަށްދާން އީސީއަށް ހުށަހަޅައި، އެ ހުއްދަ އަށްފަހު އާރުސީސީއާއެކު ވާހަކަ ދައްކައި، އަނެއްކާ ވެސް އީސީއަށް ހުށަހަޅައި ހުއްދަ ދިނުމުން ކުރިިއަށް ގެންދިޔައީ. އެއީ މާލިއްޔަތު ގަވައިދުން ހުއްދަ ކުރާ ކަމެއް،" ބިޑަށް ހުޅުވާނުލި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާދަމް ޝަރީފް ކުރެއްވި މެސެޖްގައި ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއޫތައް ބިޑަށް ހުޅުވާނުލައި، ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހު ކުރީ މި ސަރުކާރުގެ ކުރީކޮޅު ޑިސެމްބަރު 2023ގައި އެވެ.
މިނިސްޓްރީން އިއްޔެ މި މަޝްރޫއޫއާ ގުޅޭ ގޮތުން ބުނީ:
މި މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ
އަދި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެ
ގުޅުން ހުރި - ޖުމްލަ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުކުރާ ގޮތަށް ސަރުކާރުން ފަށަން ނިންމި އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ، މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކިޔާ ކުންފުންޏާ އެވެ. އެކަމަކު މިދިޔަ ޖެނުއަރީ މަހު ސޮއި ކުރި އެ އެއްބަސްވުން، މަސައްކަތް ނުފެށި ޖުލައި މަހު ވަނީ އުވާލާފަ އެވެ.
ހެކްޓާ ގްރޯބަލްއަށް ވެސް މަޝްރޫއޫ ހަވާލުކުރީ އީސީގެ ހުއްދައާއެކު ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ.
ކައުންސިލް އިމާރާތްތައް ހަދަން އާރުސީސީއަށް ދިނީ 631 މިލިއަން ރުފިޔާއަށް؛ އެއީ އެންމެ ކުޑަ އަގު: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ