ތަރައްގީގެ ބެންޗްމާކަކީ އޭޓީއެމް؟

އޭޓީއެމެއްގެ އަގަކީ ގާތްގަނޑަކަށް 2،000 ޑޮލަރެވެ. އެއީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި މާ ބޮޑު ކަމެއް ނޫނެވެ. އެކަމަކު، މި ރާއްޖޭގައި އެއީ ވަރަށް ބިޔަ މަޝްރޫއެކެވެ. ހާއުފާވާ، މާ އުފާވެރި ޒަމާނެއްގެ ކުލަވަރު ބަޔަކަށް އެ އޭޓީއެމްތަކުން ވެސް އެބަފެނެއެވެ. ކަމުގެ ބޮޑުކަމުން އެ މަޝްރޫއުތައް އިފުތިތާހުކޮށްދެއްވަނީ ވެސް ގައުމުގެ ވަލީއުލްއަމްރެވެ. މިއީ 2025 އެވެ. އެއް ބަޔަކު މާސްއަށް ދާން މަސައްކަތްކުރަނީއެވެ. ސައުދީ އަރަބިއްޔާއިން ވެސް ސްމާޓް ސިޓީއެއް ހެދޭތޯ އިންވެސްޓްކުރަނީއެވެ. ޗައިނާ ފަދަ ބޮޑެތި އިގުތިސާދުތަކުން އޭއައިއަށް އިންވެސްޓްކުރަނީއެވެ. ދުނިޔެ ތަރައްގީވަމުން އަންނަނީ 'ރޮކެޓް' ސްޕީޑުގައެވެ. އެކަމަކު، ރާއްޖޭގައި އޭޓީއެމް ހުޅުވައިގެން އުފާފާޅުކުރަނީއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ނަގުދު ފައިސާ ދޫކޮށް، ޒަމާނީވަނީއެވެ. އޭޓީއެމެއް ހުޅުވަން މާލެއިން ވަޑައިގެން ތިއްބެވިހާ ބޭފުޅުން: ސަރުކާރުން ވަނީ ކޮންމެ ރަށެއްގައި އޭޓީއެމެއް ހުޅުވަން މަޝްރޫއެއް ފަށާފައި -- ފޮޓޯ/ ރައީސް އޮފީސް "އަހަރެން ވަރަށް ހައިރާންވޭ އޭޓީއެމް ހުޅުވައިގެން ސެލެބްރޭޓްކުރާތީ. ކިޔަވަން ހުރީއިރު ކޭޝްއެއް ނުގެންގުޅެން އެއްވެސް ވަރަކަށް. އެ ތަންތާ އެންމެން ވެސް ބޭނުންކުރަނީ އިންޓަނެޓް ބޭންކިން. މޯބައިލް ޕޭއާއި އެހެން ހުރިހާ އެއްޗެއް ހުންނައިރު ކޭޝް ގެންގުޅެނީ މަދު މީހަކު،" މި ފަހުން އޮސްޓްރޭލިއާއިން ކިޔަވައިގެން ރާއްޖެ އައިސް ހުރި މީހަކު މަޖާ ކަމަކަށްވެގެން ކިޔައިދިނެވެ. އޭޓީއެމް އެޅުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، ތަރައްގީގެ ބެންޗްމާކަކީ އެއީ ހެއްޔެވެ؟ މަޝްރޫއެއް ނުހިނގާ، ހިނގަނީ 'ތަންތަނަށް' އެއްވެސް މަޝްރޫއެއް ނުހިނގައެވެ. ހިސާބު އަކުރުން އެ ވާހަކަ އެބަ ބުނެދެއެވެ. އެއެއް ދޮގެއް ނުކުރެވޭނެއެވެ. ކިތަންމެ މަޝްރޫއެއް ކިތަންމެ ބަޔަކާ އެކު ސޮއި އެޅިޔަސް އެއެއް ނުއެއް ހިނގައެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ބުނާ ގޮތުން މިދިޔަ އަހަރަށްވުރެ ވެސް މަޝްރޫއުތަކަށް ކުރި ހޭދަ 4،2 ބިލިއަން ރުފިޔާ ކުޑައެވެ. މާނައަކީ މަޝްރޫއެއް ނުހިނގައޭއެވެ. އެހެންވެ، ކައުންސިލް އިންތިޚާބާ ގާތްކޮށްފައި ރަށްރަށަށް ވަޑައިގެން އޭޓީއެމް ހުޅުވަން ޖެހެނީއެވެ. ދެން ހުރި ކަންކަމުގައި ސޮއި އަޅާލާފައި ނިންމާލަނީއެވެ. ދެން ދެއްވަނީ ޔަގީންކަމާއި އިތުބާރެވެ. https://sun.mv/209859 އޭޓީއެމްގެ އުފާ އެހާ ބޮޑުކޮށް ކުރަނީ އެހެންވެއެވެ. ފާހަގަކުރާނެ އިތުރު ކަމެއް ނެތީމައެވެ. އެކަމަކު، އެއީ ތަރައްގީގެ ބެންޗްމާކަކީ ހެއްޔެވެ؟ ދިވެހީންނަށް 'ހައްގު މިންވަރަކީ' އެއީ ހެއްޔެވެ؟ ރާއްޖެއަކީ ބޮޑު ބުރިޖެއް އަޅާފައި އޮތް ގައުމެކެވެ. ތަރައްގީގެ ބެންޗްމާކަކަށް ބަލަންޏާ 25 ބުރީގެ އިމާރާތްތަކާއި މުޅި ރާއްޖެ ފެރީ ނިޒާމަކުން ގުޅާލުމާއި ހިލޭ ޑިގުރީ ފަދަ ކަންކަން އެ ހުރީ ފެންނާށެވެ. އެ ހުރިހާ ކަމެއް ދެކެފާ، އޭޓީއެމެއް އެޅުމަކީ އެއްވެސް ގޮތަކުން ބޮޑު ކަމެއް ނޫނެވެ. އެއީ ވޯލްޑްކަޕްގައި ލަނޑުޖަހާފައި ސެލެބްރޭޓްކުރާހެން އުފާކުރަންޖެހޭ ކަމެއް ވެސް ނޫނެވެ. އޭޓީއެމް އަޅަން ޖެހެއެވެ. ނުޖެހެނީ އެ ވަރަށް އުފާފާޅުކުރާށެވެ. މުޅި ރާއްޖޭގައި އޭޓީއެމް ގާއިމުކުރުމަކީ ރަނގަޅު ކަމެކެވެ. މީހުންނަށް ފަސޭހަވާނެ ކަމެކެވެ. މައްސަލައަކީ މަޝްރޫއަށް ނުދާވަރުގެ ހަރަދެއް އެ ކަމުގެ އުފާކުރަން 'އިސްރާފު'ކޮށްލާތީއެވެ. ފައިސާއެއް ނެތް، އޮތީ ދަރަނި އެއްވެސް އިރެއްގައި ދިވެހިރާއްޖެ ތަރައްގީކުރީ ލިބޭ އާމްދަނީއަކުން ނޫނެވެ. ބޮޑެތި އަދަދުތަކުން ދަރަނި ނަގައިގެންނެވެ. އެކި ފާޑުގެ ލޯނުތަކުގައި ޖެހިގެންނެވެ. މިއަދު މި ފެންނަނީ އޭރުއްސުރެ އެއްވެފައި އޮތް ދަރަނީގެ ބިޔަ ރާޅުގައި ބޮޑުކަމާއި ބިރުވެރިކަމެވެ. ކުރިމަތި މިލަނީ އެ ދަރަންޏާއެވެ. ރާއްޖެ އޮތީ 9.4 ބިލިއަނަށްވުރެ ބޮޑުކޮށް ދަރާފައެވެ. އުފެއްދުންތެރިކަމާ އަޅާބަލާއިރު 134 އިންސައްތައަކީ ދަރަންޏެވެ. https://sun.mv/209008 މި އަހަރު މިއީ އޭގެ ތެރެއިން 688 މިލިއަން ޑޮލަރު ދައްކަންޖެހޭ އަހަރެވެ. އަންނަ 2026 އަކީ އެއް ބިލިއަން ޑޮލަރުގެ 'ބޮޑު ދަރަނި' ދައްކަންޖެހޭ އަހަރެވެ. އެ ދަރަންޏަށް ފައިސާ އެއްކުރަން ސަރުކާރުގެ މުށް އެ އޮތީ ބައެއް ކަންކަމުގައި ބާރުކޮށްލާފައެވެ. ސަބަބަކީ ޚަޒާނާގައި އެ ވަރުގެ 'ސޭވިންސް'އެއް ނެތުމެވެ. އެހެންވެ، އެ ދަރަނި ނުދެއްކިދާނެކަމުގެ އިންޒާރާއި ދެން ވާންވީ ގޮތުގެ ނަސޭހަތް ބޭރުގެ މާލީ އިދާރާތަކުން ދޭތާ އެތައް އަހަރެއް ވެއްޖެއެވެ. ސަޕްލަޔަރުންނަށް ވެސް 14،000 އެއްހާ މިލިއަން ރުފިޔާ އޮތީ ދަރާފައެވެ. އެ ފައިސާ ނުލިބިގެން ވިޔަފާރިތައް އެ ތިބީ ގޮތްހުސްވެފައެވެ. އެ ފައިސާ ނުދޭތަނުގައި ދަރާފައި އޮތް ވަރު ވެސް ފިނޭންސް މިނިސްޓްރީއަކުން ބުނެ ނުދެއެވެ. ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލެނީއެވެ. ތަކެތީގެ އަގު ހައްތަހާ މައްޗަށް ދަނީއެވެ. އެންމެ ޑޮލަރެއް އެ ހުރީ 20 ރުފިޔާއަށެވެ. އެ ހުރިހާ ކަމެއްގެ ނަތީޖާއަކީ ބޭރުން ފައިސާ ނުލިބުމެވެ. ހިސާބުތަކުން އެނގޭ ގޮތުގައި އަހަރުގެ ބޮޑުބައި ނިމުނުއިރު ލިބުނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓު ފޮތުގައި ލިޔުނު އަދަދުގެ އެންމެ ހަތް ޕަސެންޓެވެ. މަޝްރޫއުތައް ވެސް ނުހިނގާއިރު މުސާރައިގެ ޚަރަދު ވަނީ ދުވަހުން ދުވަހަށް ބޮޑެވެ. މި އަހަރު ވެސް 8.4 ބިލިއަން ރުފިޔާ މުސާރަ ދޭން ހޭދަކޮށްފިއެވެ. https://sun.mv/208752 ދުނިޔޭގެ އެންމެ ބޮޑެތި ކްރެޑިޓް ރޭޓިން އެޖެންސީތައް ކަމަށްވާ މޫޑީޒްއާއި ފިޗުން ވެސް ރާއްޖެއަށް އޮތީ 'ޖަންކް' ރޭޓިންއެކެވެ. ދަރަނި ނުދެއްކުމުގެ ބިރު ވަރަށް ބޮޑެވެ. އެހެންވެ، އިންވެސްޓަރުން ނާންނަނީއެވެ. ގައުމުތަކަށް ބޮޑެތި އަދަދުތަކުން އިންވެސްޓްކުރަން އަންނަ މީހުންނަކީ އެ ގައުމުތަކުގެ އިގުތިސާދު ދިރާސާކޮށްގެން އަންނަ މީހުންނެވެ. އެ ކަން ކުރާއިރު ބަލާ އެންމެ ބޮޑު އެއް ކަމަކީ ކްރެޑިޓް ރޭޓިންއެވެ. ބޮޑެތި އިންވެސްޓަރުން ނާންނަނީ އެ ތަންތަނުން ރާއްޖޭގެ އިގުތިސާދާ މެދު ބުނާ ބަހުންނެވެ. 'ޖަންކް' ރޭޓިން އޮތީމައެވެ. https://sun.mv/207329 ލޯނަށް ވެސް ވަނީ އެހެންނެވެ. ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއް އޮންނަ ކްރެޑިޓް ލައިނެއް އިންޑިއާއިން ދިން ނަމަވެސް އިތުރު ގައުމަކުން 'އެއްޗަކަށް'ވާވަރުގެ އެހީއެއް ނުލިބެއެވެ. 'ފެހި ސިގްނަލް' ފެންނަނީ ރަތް ކުލައިންނެވެ. ތަރައްގީގެ ބޮޑު މަޝްރޫއެއް ނުހިންގިގެން އުޅެނީ އެހެންވެއެވެ. އިގުތިސާދުގައި އެ ހަކަތަ ނެތީމައެވެ. ކަނޑު އަޑީގެ ހިތްގައިމު، ދުނިޔޭގައި ނުވެސް ނެތް ޓެކްނޮލޮޖީއެއްގެ ވަރުގަދަ ޓަނަލަކުން ގުޅުވައިދޭ ބިޔަ 'ރަސްމާލެ' މަޝްރޫއު ފަދަ ވަރުގަދަ އިންގިލާބުތައް ހަގީގަތަކަށް ނުވެގެން އުޅެނީ އެހެންވެއެވެ. ފައިސާ ނެތީމައެވެ. 'ކަމަކަށް'ވާ ކަހަލަ ކަމެއް ކުރާނެ ހަކަތަ އިގުތިސާދުގައި ނެތީމައެވެ. އެއީ މީހަކު ބުނެދޭން ޖެހޭ ވާހަކައެއް ނޫނެވެ. ބާޒާރުގެ އަގުތަކުންނާއި ޑޮލަރެއް ފެނުނީމާ ވާގޮތުން އެ ހަގީގަތް އެނގޭނެއެވެ. ވަޒީރުންގެ ފައުޖަކާއި ކަމެއްނުކޮށް މުސާރަ ނަގާ އެކްޓިވިސްޓުންގެ ލަޝްކަރުތަކާ އެކު ބޮޑު ޖަމާއަތް ހަދައިގެން ހުދު ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގެން އޭޓީއެމް ހުޅުވައިދެއްވުމުން ބުނެދެނީ ވެސް އެ ވާހަކައެވެ. ގައުމުގެ ނިކަމެތިކަމެވެ. ތަރައްގީގެ ބެންޗްމާކަކަށް އޭޓީއެމްތައް ހެދީ ރައްޔިތުންނެއް ނޫނެވެ. އެ ވާހަކަދައްކަނީ ސަރުކާރުންނެވެ. އެއީ، އެހެން ކަމެއް ނުކުރެވޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ